އިތުރު ދެ ވެކްސިންއެއް ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދެއްވައިފިއެވެ. ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދީފައިވާ އިތުރު ދެވެކްސިންއަކީ ފައިޒާ ވެކްސިންއާއި ސިނޮފަރމް ވެކްސިން ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހާމަކުރައްވައެވެ.
ރާއްޖޭގައި ކޯވިޑް-19އާއި ދެކޮޅަށް ބޭނުންކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ހުއްދަ ދީފައިވަނީ ޖަރުމަނުވިލާތުގެ ބަޔޯއެން ޓެކްގެ ފައިޒާ ވެކްސިނާއި ޗައިނާގެ ސިނޮފަރމް ވެކްސިންއަށެވެ. މިދެވެކްސިންއަކީވެސް ޑަބްލިއުއެޗްއޯގެ ހުއްދަ ލިބިފައިވާ މިވަގުތު އިމަރޖެންސީ ޙާލަތުގައި ބޭނުންކުރަމުން އަންނަ ވެކްސިންތައްކަމަށެވެ. އެގޮތުން ސިނޮފަރމް މިވަގުތު ދުނިޔޭގެ 20 ޤައުމަކުން ބޭނުންކުރަމުން އަންނަކަމަށް އެޗްއީއޯސީއިން ވިދާޅުވެއެވެ.
އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއެފްޑީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢައިޝަތު މުޙައްމަދު ވިދާޅުވީ ރާއްޖޭގައި ސިނޮފަރމް ވެކްސިން ދިނުމަށް ކަނޑައަޅާފައިވަނީ އުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންނަށްކަމަށެވެ. އަދި މިނިންމުންތައް ނިންމާފައިވަނީ މިހާރު ވެކްސިންތަކާއި ގުޅިގެން ހަދާފައިވާ ދިރާސާތަކުގެ މައްޗަށް ބެލުމަށްފަހު ކަމަށް ޢައިޝަތު މުޙައްމަދު ވިދާޅުވިއެވެ.
މިވަގުތު ސިނޮފަރމްގެ 18000 ޑޯޒްގެ ވެކްސިން ރާއްޖެއަށްވަނީ ލިބިފައެވެ. އަދި އިތުރު ދެލައްކަ ވެކްސިން ޑޯޒް ލިބުމުގެ މަގުމަތީގައިވާ ކަމަށް އެޗްއީސޯސީން ވިދާޅުވެއެވެ.
އެޗްއީއޯސީއިން ވިދާޅުވީ ސިނޮފާރމްއަށް ހުއްދަ ދިނުމުގައި ލަސްތަކެއް ވެގެންދިޔައީ ހުއްދަ ދިނުމަށް ބަލަންޖެހޭ ބައެއް މަޢުލޫމާތު ލިބުމުގައި ލަސްތަކެއް ވުމުންކަމަށެވެ. އެހެންނަމަވެސް މިހާރު ވެކްސިންއާއި ގުޅޭ ހުރިހާ މަޢުލޫމާތެއް ލިބި ވެކްސިން ބޭނުންކުރުމަށް ވަނީ ހުއްދަ ދެއްވާފައެވެ. ހުއްދަ ދިން މިވެކްސިންތައް ބޭނުންކުރަން ފަށާނެ ވަކި ތާރީޚެއް އެޗްއީއޯސީން އަދި ހާމައެއް ނުކުރައްވައެވެ. އެޗްއީއޯސީގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ މިހާރު ލިބެމުން އަންނަ ވެކްސިންތައް ބޭނުންކުރުމަށް ރަނގަޅު ޕްލޭންތަކެއް ހެދިފައިވާކަމަށެވެ. އަދި ރާއްޖެއިން މަސައްކަތްކުރަނީ ވެކްސިން ދެވެން ތިބި ހުރިހާ މީހުންނަށްވާ މިންވަރަށް ވެކްސިން ހޯދާ ވެކްސިން ދިނުންކަމަށެވެ.
ރާއްޖޭގައި ފައިޒާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ މިހާރު ދީފައިވާއިރު މިވެކްސިންވަނީ ރާއްޖެއަށް ލިބުމުގެ މަގުމަތީގައި ކަމަށް އެޗްއީއޯސީއިން ވިދާޅުވެއެވެ. އަދި ފައިޒާ ވެކްސިން ބަހައްޓަންޖެހެނީ ވަކި ޚާއްސަ ފިނިހޫނުމިނެއްގައި ކަމަށްވާތީ ރާއްޖޭގައި ވެކްސިން ރައްކާކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. އެޗްއީއޯސީން ވިދާޅުވީ މިވެކްސިންތަކުން ކުރިމަތިވާނެ ސައިޑް އިފެކްޓްސްތައް ދެނެގަތުމަށް ވަރަށް ގާތުން މޮނީޓަރ ކުރައްވަމުންގެންދަވާނެކަމަށެވެ.
ޑރ.ނަޒްލާ ވިދާޅުވީ އިތުރު ވެކްސިން ހޯދުމުގެ މަސައްކަތްތައްވެސް ހުއްޓާނުލާ ކުރިއަށްދާކަމަށެވެ. އެގޮތުން ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާ ވެކްސިންތައްވެސް ރާއްޖެއަށް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އެގޮތުން ޗައިނާއިން ހަދިޔާކުރާ 200،000 ޑޯޒްވެސް ލިބުމުގެ މަގުމަތީގައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ 108،000 ޑޯޒްގެ ވެކްސިންގެ 12،000 ޑޯޒް މިހާތަނަށް ރާއްޖެއަށް ލިބިފައިވާކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.