ކުޅިވަރު

ވެސްޓް ހޭމްއާ ބައްދަލުކޮށް މެންޗެސްޓަރ މެޗު ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ވެސްޓް ހޭމް ޔުނައިޓެޑް ބައްދަލުކުރިމެޗް ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ. ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދީ ޔުނައިޓެޑެވެ. މިމެޗްގައި ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ވެސްޓް ހޭމްއިން ދިޔައީ ވަރަށް ރަނގަޅަށް ޑިފެންޑް ކުރަމުންނެވެ. އަދި ނަތީޖާއެއްގެ ގޮތުން މެޗްގެ ފުރަތަމަ ހާފްގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޔުނައިޓެޑުން ކާމިޔާބުކުރީ މެޗްގެ 53 ވަނަ މިނެޓްގައެވެ. މިލަނޑަކީ ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭޒް ނަގާދިން ކޯނަރަކުން ވެސްޓް ހޭމްގެ ޑިފެންޑަރ ކްރެއިގް ޑޯސަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ޔުނައިޓެޑަށް ލިބި ބޭކާރު ވެގެން ދިޔައެވެ. ޔުނައިޓެޑްގެ ލަނޑާއެކު ވެސްޓް ހޭމްއިންވެސް އެޓޭކަށް އިސްކަންދީ ލަނޑެއް ކާމިޔާބު ކުރެވޭތޯ މަސައްކަތް ކުރިއެވެ. އަދި ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު އެޓީމަށްވެސް ލިބިގެންދިޔައެވެ.

މިކާމިޔާބީއާއެކު ޔުނައިޓެޑަށް މިވަނީ 29 މެޗުން 57 ޕޮއިންޓް ލިބިފައެވެ. އަދި އެއްވަނައިގާ އޮތް މެންޗެސްޓަރ ސިޓިއާއި ދެމެދުގައި ވާ ފަރަގު މިހާރު މިވަނީ 14 ޕޮއިންޓާށް ކުޑަވެގެން ގޮސްފައެވެ. އަދި ބާކީ އެއްމެޗް ޔުނައިޓެޑް ނުކުޅެ އޮތުމުން މިފަރަގު އެގާރަ ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު ޔުނައިޓެޑަށް ލިބިގެންވެއެވެ. އަދި މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގައި ކުޅުމަށް ކުރާ އުންމީދުވެސް މިކާމިޔާބީއާއެކު މިވަނީ އިތުރު ވެގެން ގޮސްފައެވެ.
މިމެޗުން ބަލިވުމުން ވެސްޓް ހޭމް އުޅެނީ ކުޅުނު 28 މެޗުން ލިބިފައިވާ 48 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ.