ޚަބަރު

އިތުރު ހަތިޔާރު އަދިވެސް ބައެއްގެ އަތުގައި ހުރެދާނެ- ސިފައިން


އަދިވެސް އިތުރު ބައެއްގެ އަތުގައި ނުރައްކާތެރި ހަތިޔާރާއި، ގޮވާތަކެތި ހުރިކަމުގެ މައުލޫމާތު ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސަށް ލިބިފައިވާކަމަށް ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން ހާމަކުރައްވައިފިއެވެ.

މިއަދު އިސްކަންދަރުކޮށީގައި ފުލުހުންނާއި ސިފައިން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްފައި ފުލުހުންގެ ސްޕޯކްސްޕާރސަން އަބްދުﷲ ނަވާޒު ވިދާޅުވީ މިހާތަނަށް ލިބިފައިވާ
އިންޓެލިޖެންސް މައުލޫމާތުގެ އަލީގައި އަދިވެސް އިތުރު ބައެއްގެ އަތުގައި
ނުރައްކާތެރި ހަތިޔާރާއި، ގޮވާތަކެތި ހުރިކަމަށް ބެލެވޭކަމަށާއި، މިއީ ދިވެހި
ރައްޔިތުންނަށާއި، މުޅި ޤައުމުގެ އަމަންއަމާންކަމާއި، ސުލްހަ މަސަލަސްކަމަށް ހުރި
ބޮޑު ނުރައްކަލެއްކަމަށެވެ. 

އަދި ފުލުހުންނާއި، ސިފައިންގުޅިގެން
ފަށާފައިވާ ޚާއްސަ އޮޕަރޭޝަންގައި މާލޭގެ އިތުރުން ރާއްޖޭގެ އިތުރު
ސަރަހައްދުތަކަކުން ފެނިފައިވާ ނުރައްކާތެރި ހަތިޔާރުތަކާއި ގޮވާތަކެއްޗަކީ
ހަމައެކަނި ސިފައިންގޭގެ ބަޑިގުދަނުގެ ތަކެތި ނޫންކަމަށާއި، މީގެ ތެރޭގައި
ބައެއް އާއްމުންގެ އަތުގައި ހުރި ހަތިޔާރުވެސް ހިމެނޭކަމަށްވެސް ނަވާޒު ވިދާޅުވިއެވެ.

ނަވާޒު ވިދާޅުވީ ގިނަ ބަަޔަކަށް ގެއްލުންވާނޭފަދަ ގޮތަކަށް މިހަތިޔާރުތަކުގެ ބޭނުންކޮށްފާނެކަމުގެ މައުލޫމާތު ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސަށް ލިބިފައިވާތީ، އެފަރާތްތައް ހޯދުމަށްޓަކައި މާލެއާއި ރާއްޖޭގެ އެކި ހިސަބުތަކުގައި ފުލުުހުންނާއި ސިފައިން ހަރަކާތްތެރިވަމުންދާކަމަށްވެސް ނަވާޒު ވިދާޅުވިއެވެ.