ޚަބަރު

ޤަތަރު ދަތުރުފުޅާއެކު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ - ރައީސް


ޤަތަރަށް ކުރައްވާ ދަތުރުފުޅުގެ ސަބަބުން ކުރިއަށްވުރެ ރަނގަޅު ގުޅުމެއް ޤަތަރާއެކު ޤާއިމްކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޤަޠަރަށް ކުރައްވާ ރަސްމީ ދަތުރުފުޅާއި، ބަންގުލަދޭޝްއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ފުރާވަޑައިގަތުމުގެ ކުރިން ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުންނެވެ.

ޤަތަރަށް ފުރާވަޑައިގަތުމުގެ ކުރިން އެއަރޕޯޓްގެ ވީއައިޕީގައި ހުންނަވައިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ޤަތަރާ ރާއްޖެއާ ދެމެދު އޮތް ގުޅުން، ކުރީ ސަރުކާރުން 2017ވަނަ އަހަރު ކަނޑާލާފައި އޮތުމަށްފަހު، މިސަރުކާރުން ޤަތަރާ ކުރެއްވި މަޝްވަރާތަކަށްފަހު ޑިޕްލޮމެޓިކް ގުޅުން އަލުން ޤާއިމްކުރެވިފައިވާކަމަށާ އެ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށެވެ.

ޤަތަރަކީ ރާއްޖޭގެ ތަރައްޤީއަށް ވަރަށް ގިނަ އެހީތަކެއް ފޯރުކޮށްދީފައިވާ ޤައުމެއްކަމަށާއި، އެމަނިކުފާނުގެ މި ދަތުރުފުޅުގެ ސަބަބުން ކުރިއަށްވުރެ ގާތް ގުޅުމެއް ޤާއިމްކުރެވި، ގުޅުން އިތުރަށް ފުރިހަމަވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މިވަގުތު އަޅުގަނޑުމެންނަށް ދެކެވުނު ވާހަކަތަކުގެ އަލީގައި އަލުން ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރުމުގެ މަސައްކަތް މިވަނީ ނިމިފައި. އިރާދަކުރެއްވިއްޔާ މިދަތުރުގައި ހުރިހާ ކަމެއް ނިމިގެންދާނެ. އޭގެ ސަބަބުން ކުރިއަށްވުރެ ރަނގަޅުވެގެންދާނެ." ރައީސް ވިދާޅުވިއެވެ.

ރާއްޖެއާއި ޤަތަރާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 1984ވަނަ އަހަރުގެ މެއި މަހުގެ 26ވަނަ ދުވަހުއެވެ. ޤަތަރާއެކު އޮތް ގުޅުން ރާއްޖެއިން ކަނޑާލީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017ވަނަ އަހަރުގެ ޖޫންމަހުގެ 5ވަނަ ދުވަހުއެވެ. ޤަތަރާއެކު ރާއްޖެއިން އަލުން ގުޅުން ޤާއިމުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދުފުޅެކެވެ.

ޤަތަރަށްފަހު ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝަށެވެ. އެޤައުމަށް ރައީސް ވަޑައިގަންނަވާނީ މިމަހުގެ 17ވަނަ ދުވަހުއެވެ. ބަންގްލަދޭޝަކީ ކޯވިޑް-19ގެ މިބަލިމަޑުކަމުގައި ރާއްޖެއަށް ގިނަ އެހީތަކެއް ވެދީފައިވާ ޤައުމެއްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުގެ މިދަތުރުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރާއި ރައީސްއާ ބައްދަލުކުރުމަށް އެބައޮތް. އެއަށްފަހު ދިވެހިންނާއިވެސް ބައްދަލުކުރާނަން. މި ދަތުރުގެ ސަބަބުން ރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުން ރަނގަޅުވެގެންދާނެ. މި ކޯވިޑް ޕެންޑަމިކްގައިވެސް އަދި މިހާރުވެސް ބަންގްލަދޭޝްގެ އެހީތެރިކަން ވަރަށް ރަނަގޅަށް ލިބޭ ވަރަށް ގާތް ގުޅުމެއް އެބައޮތް އެޤައުމާއެކީ." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝްއަށް ކުރައްވާ ދަތުރުފުޅަކީ، 1975ވަނަ އަހަރު އަވަހާރަކޮށްލާފައިވާ ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީ އަދި މިހާރުގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާގެ ބައްޕާފުޅު ޝެއިޚް މުޖީބުއްރަހުމާނުގެ 100ވަނަ އުފަންދުވަހުގެ މުނާޞަބާގައި ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމާއި، އެޤައުމުގެ 50ވަނަ މިނިވަންދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި އެކި ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްވެސް މިދަތުރުފުޅުގައި ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މިދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ އިސްއޮފިޝަލުންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެއެވެ. ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ވަފްދު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20ވަނަ ދުވަހުއެވެ.