ޚަބަރު

ހިންނަވަރާއި ފެލިވަރުގައި ތަރައްޤީގެ ބޮޑު މަޝްރޫޢުތަކެއް


ސަރުކާރުގެ ތަރައްޤީގެ ސިޔާސަތުގެތެރެއިން އެންމެ ގިނަ މަޝްރޫޢޫތައް ހިންގާ އެއް ކުންފުންޏަކީ އެމްޓީސީސީއެވެ. އެކުންފުނިން އެތައް މަޝްރޫޢެއްގެ މަސައްކަތް މިހާރުވެސް ހިންގަމުން އަންނައިރު އިތުރު މަޝްރޫޢޫތައް ހުރީ ޢަމަލީ މަސައްކަތް ފެށުމުގެ މަރުޙަލާގައެވެ.

އެގޮތުން މިހާރުވެސް ޅ.ހިންނަވަރާއި ފެލިވަރުގެ ބިން ހިއްކައި ބަނދަރު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢެއް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އާބާދީގައި ގާތްގަނޑަކަށް ފަސްހާހެއްހައި މީހުން ދިރިއުޅޭ ޅ.ހިންނަވަރަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެރަށުގެ ބަނދަރާދިމާއިން ރަށް ގިރައިގެން ދިޔުމުގެ މައްސަލައެވެ. 2010ވަނަ އަހަރު އޭރުގެ ސަރުކާރުން ތަރައްޤީކުރި ބަނދަރުގެ ބައެއް މިހާރު ގިރައިގެން ދިޔުމުގެ ސަބަބުން ބަނދަރުގެ ބޭނުންކުރާ މީހުންނަށް އެކަމުގެ ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

މިމައްސަލަ ޙައްލުކުރުމަށް ސަރުކާރުވަނީ މިހާރު ހިންވަރުގެ ބަނދަރު އަލުން ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ޙަވާލުކޮށްފައެވެ. އެމްޓީސީސީން ވިދާޅުވާގޮތުގައި ހިންނަވަރުގެ ބަނދަރު ތަރައްޤީކުރުމަށް ބޭނުންވާ ސާމާނު މިހާރުވަނީ އެރަށަށް ފޮނުވާފައެވެ.

ޢަމަލީ މަސައްކަތްކުރުމަށް މިހާރު ތައްޔާތުވެފައިވާ މިމަޝްރޫޢުގެ ދަށުން ހިންނަވަރުގެ 3.2 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އަދި 65،170 އަކަ މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން 421 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލައި 123.9 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި 170 މީޓަރުގެ ރިވެޓްމެންޓް ޖެހުމަށްވަނީ ހަމަޖެހިފައެވެ. މިމަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 99.5 މިލިއަން ރުފިޔާއަށް 11 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ޙަވާލުކުރާ ގޮތަށެވެ.

އެމްޓީސީސީއިން އަންނަނީ ހިންނަވަރުގެ އިތުރުން އެއަތޮޅުގެ ފެލިވަރުގެވެސް ބިން ހިއްކައި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންނެވެ. ފެލިވަރު ބަނދަރަކީ ރާއްޖޭގެ މުޅި މަސްވެރިކަމުގެ ސިނާޢަތަށް މުހިންމު ބަނދަރެކެވެ.

މިބަނދަރު ތަރައްޤީކުރުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 113.39 މިލިއަން ރުފިޔާއަށެވެ. މިމަޝްރޫޢުގެ ދަށުން އެމްޓީސީސީން މިހާރުވަނީ ފެލިވަރުގެ ބިންހިއްކާ ބަނދަރު ތަރައްޤީކުރުމަށް ބޭނުންވާ ސާމާނު އެރަށަށް ފޮނުވާ ޢަމަލީ މަސައްކަތް ފެށުމަށްވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވެފައެވެ. ފެލިވަރުގެ ބަނދަރު ތަރައްޤީވެގެން އަންނައިރު ފެލިވަރަކީ މަސްވެރިންނަށް ފަހި ގޮތެއްގައި މަސް ކިރުވުމާއި އައިސް ގަތުމުގައިވެސް ލުއިފަސޭހަ ގޮތްތަކަކާއެކުކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

މިވަގުތު ރާއްޖޭގައި ހުރި އެންމެ ވަރުގަދަ އެއް ބަނދަރަށް ފެލިވަރު ބަނދަރު ހެދުމަށްޓަކައި ފެލިވަރުގައި 6 ހެކްޓަރުގެ ބިން ހިއްކައި ދެލައްކަ ނަވާވީސް ހާހަސް ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ފުންކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 220 މީޓަރުގެ އެއްގަމު ތޮއްޓަކާއި 148 މީޓަރުގެ ބޭރު ތޮއްޓެއްގެ އިތުރުން 270 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމަށްވަނީ ހަމަޖެހިފައެވެ. އަހަރެއްގެ ތެރޭގައި އެމްޓީސީސީއިން މިމަސއްކަތް ނިންމާލާއިރު ފެލިވަރުގައި ޒަމާނީ ބަނދަރަކާއެކު ކޯލްޑް ސްޓޯރޭޖް ޤާއިމުކުރުމަށް ބޭނުންވާ ބިންވެސް ހިއްކުމަށްވަނީ ހަމަޖެހިފައެވެ.

ފެލިވަރާއި ހިންނަވަރުގެ އިތުރުންވެސް އެމްޓީސީސީއިން އަންނަ ގިނަ މަޝްރޫޢުތަކެއް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގަމުންނެވެ. މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރަކީވެސް ތަރައްޤީގެ މަޝްރޫޢުތައް ގިނައިން ހިންގާ ކާމިޔާބު އަހަރަކަށް ހެދުމަކީ އެމްޓީސީސީގެ އަމާޒެކެވެ.