ރަޝިޔާގެ އިދިކޮޅު ސިޔާސީވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވި 200އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ.
އޯޕަން ރަޝިޔާއިން ދެ ދުވަހުގެ މުއްދަތަކަށް ބައްވާ މޮސްކޯ ފޯރަމަކީ ރަޝިޔާގެ އެކި މުނިސިޕަލްޓީތަކުގެ ނައިބުންގެ ބައްދަލުވުމެކެވެ. ރަޝިޔާގެ ދާޚިލީ ވުޒާރާއިން ބުނީ ހައްޔަރުކުރި މީހުންނާ ގުޅޭ ތަހުޤީޤެއް ފަށައިފައިވާކަމަށެވެ.
ސަރުކާރުގައި ނުހިމެނޭ ގިނަ ޢަދަދެއްގެ ސިޔާސީވެރިން ހައްޔަރުކޮށްފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި އިދިކޮޅު ސިޔާސީވެރިޔާ އެލެކްސީ ނަވަލްނީ ޖަލަށްލުމުން ރަޝިޔާގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އަޑުއުފުލަމުންދާ ދަނޑިވަޅެއްގައެވެ. ފުލުހުން ބުނީ ބައްދަލުވުމުގެ ބައިވެރިން ހައްޔަރުކުރީ ކޯވިޑް-19ގެ ސަބަބުން ތަންފީޒުކޮށްފައިވާ ބައެއް ޤަވާއިދުތަކާ އެ މީހުން ޚިލާފުވުމުންނެވެ.
ބައްދަލުވުން އިންތިޒާމްކުރި އޯޕަން ރަޝިޔާއަކީ 2015ވަނަ އަހަރު ތަންފީޒުކުރި ޤާނޫނެއްގެ ދަށުން ޙަރަކާތްތެރިވުން މަނާކޮށްފައިވާ ޖަމުޢިއްޔާއެކެވެ.