ޚަބަރު

ބަލި މީހުންތަކެއް މަރުވުމުން އުރުދުންގެ ޞިއްޙަތާބެހޭ ވަޒީރު އިސްތިޢުފާ ދެއްވައިފި


އުރުދުންގެ ސަރުކާރުން ހިންގާ ހަސްފަތާލަކުން އޮކްސިޖަން ހުސްވެ ހަތް ބަލި މީހުން ހަރުވުމުން އެ ޤައުމުގެ ޞިއްޙަތާބެހޭ ވަޒީރު އިސްތިޢުފާ ދެއްވައިފިއެވެ.

އޮކްސިޖަން ހުސްވުމުގެ ހާދިޘާ ހިނގާފައިވަނީ ޒަމާނީ ފެންވަރަކަށް ހަދައި މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި އުރުދުންގެ ވެރިކަންކުރާ އައްމާމުގައި ހުޅުވި ސޯލްޓު ހޮސްޕިޓަލުގައެވެ. އެ ހާދިޘާގައި ޙާލުބޮޑު ބަލި މީހުންނަށް ފަރުވާދޭ އައިސީޔޫއިންނާއި ކޯވިޑް-19އަށް ފަރުވާ ހޯދައި މީހުން ތިބޭ ވޯޑަކުންނާއި މާބަނޑު މީހުންގެ ވޯޑަކުން އޮކްސިޖަން ހުސްވިއެވެ. އޭގެ ސަބަބުން ކޯވިޑް-19އަށް ފަރުވާ ހޯދަމުންދިޔަ ހަތް މީހުންވަނީ މަރުވެފައެވެ.

އެ ހާދިޘާއާ ގުޅޭގޮތުން އުރުދުންގެ ބޮޑުވަޒީރު ބިޝަރު އަލްޚަޞަވުން ވިދާޅުވީ ޞިއްޙަތާބެހޭ ވަޒީރު ނަދީރު އުބެއިދާތު މަޤާމުން ވަކިކޮށްފައިވާކަމަށެވެ. ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވަމުން ބޮޑުވަޒީރު ވިދާޅުވީ ހާދިޘާގެ ފުރިހަމަ ޒިންމާ ސަރުކާރުން ނަގާކަމަށާއި އެފަދަ ހާދިޘާއެއް އެއްވެސް ޙާލަތެއްގައި ބަލައި ނުގަނެވޭނެކަމަށެވެ. އެ މައްސަލަ ޤާނޫނީ ގޮތުން ތަހުޤީޤު ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަސްފަތާލުގައި ހިންގި ހާދިޘާގެ ސަބަބުން މަރުވި މީހުންގެ ޢާއިލާތަކުންވަނީ ހަސްފަތާލު ދޮށަށް އެއްވެ ނުރުހުން ފައުޅުކޮށްފައެވެ. އެ ހާދިޘާއަށްފަހު އުރުދުންގެ ރަސްގެފާނު އަބްދުﷲވަނީ އެ ހަސްފަތާލަށް ޒިޔާރަތް ކުރައްވައިފައެވެ.

ފާއިތުވި ދުވަސްތަކުގައި އުރުދުންގައި ކޯވިޑް-19 ފެތުރޭ މިންވަރުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. 10 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އުރުދުންގައި 385،533 މީހުންނަށް ކޯވިޑް-19 ޖެހި، 5،224 މީހުންވަނީ މަރުވެފައެވެ.