އެޗްއާރުސީއެމްއިން ފާއިތުވެދިޔަ އަހަރުގެތެރޭގައި ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 300 އަށްވުރެ ގިނަ މައްސަލަ ބަލައި ނިންމާފައިވާކަމަށް ހިއުމަންރައިޓްސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އެޗްއާރުސީއެމްގެ މިދިޔަ އަހަރުގެ މަސައްކަތްތަކާގުޅޭ އަހަރީ ރިޕޯޓް މިއަދު ވަނީ އާއްމުކޮށްފައެވެ. މިދިޔައަހަރުގެ ރިޕޯޓުގައި ކޮމިޝަނުން ވަނީ ކުރެވިދިޔަ މަސައްކަތްތަކާއި ހުށަހެޅުނު މައްސަލަތަކާއި ނިމިފައިވާ މައްސަލަތަކުގެ ތަފްސީލްވެސް ހާމަކޮށްފައެވެ.
އެޗްއާރުސީއެމްއަށް މިދިޔަ އަހަރު 627 މައްސަލައެއް ހުށަހެޅިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮމިޝަނުން އިސްނެގި 157 މައްސަލައަކާއި، ކޮމިޝަނަށް ހުށަހަޅާފައިވާ 510 މައްސަލައެކެވެ. މިދިޔަ އަހަރުގެ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހެޅިފައިވަނީ ޤައިދީންގެ ޙައްޤުތަކާއި ގުޅުންހުރި މައްސަލަތަކެވެ.
މިދިޔަ އަހަރު އެޗްއާރުސީއެމްއަށް ހުށަހެޅިފައިވާ މައްސަލަތައް:
- ޢާއިލާ ބިނާކުރުމުގެ ޙައްޤާއި ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި 75 މައްސަލަ
- އުނގެނުމުގެ ޙައްޤާ ގުޅުންހުރި 3 މައްސަލަ
- ޢުމުރުން ދުވަސްވީ ފަރާތްތަކުގެ ޙައްޤުތަކާ ގުޅުންހުރި 15 މައްސަލަ
- ލާއިންސާނީ އަނިޔާއާއި ގުޅުންހުރި 54 މައްސަލަ
- ބޯހިޔާވަހިކަމާ ގުޅުންހުރި 16 މައްސަލަ
- ޙާއްޞައެހީއަށް ބޭނުންވާ މީހުންގެ ޙައްޤުތަކާ ގުޅުންހުރި 11 މައްސަލަ
- އިޖްތިމާޢީ ޙައްޤުތަކާ ގުޅުންހުރި 56 މައްސަލަ
- މަސައްކަތްކުރުމުގެ ޙައްޤާ ގުޅުންހުރި 102 މައްސަލަ
- ޝަރުޢީ ދާއިރާގެ ޙައްޤުތަކާ ގުޅުންހުރި 32 މައްސަލަ
- ޤައިދީންގެ ޙައްޤުތަކާ ގުޅުންހުރި 90 މައްސަލަ
- ބަންދުކުރެވޭ ފަރާތްތަކުގެ ޙައްޤުތަކާ ގުޅުންހުރި 35 މައްސަލަ
ވޭތުވެދިޔަ އަހަރުގެ ތެރޭގައި ހުށަހެޅިފައިވާ މައްސަލަތަކާއި، އަދި 2015 ވަނަ އަހަރުން ފެށިގެން ހުށަހެޅި ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން 308 މައްސަލައެއް ކޮމިޝަނުން ވަނީ މިދިޔަ އަހަރު ނިންމާފައެވެ. ކޯވިޑް19އާ ގުޅިގެން ކޮމިޝަނުން އެންމެ ބޭނުންވި ގޮތަށް މަސައްކަތް ނުކުރެވުނު ނަމަވެސް ދިމާވި ގޮންޖެހުންތަކާއެކު ގިނަ މައްސަލަތަކެއް އެކަށީގެންވާ ގޮތެއްގައި ނިމިފައިވާކަމަށް އެޗްއާރުސީއެމްއިން ބުނެފައިވެއެވެ.
އެޗްއާރުސީއެމްއިން ބުނެފައިވަނީ ކޮމިޝަނުން މިދިޔަ އަހަރު މައްސަލަތައް ބެލުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ތަންތަނަށް ދަތުރު ކުރުމަށް އޮތް ހުރަސްކަމަށެވެ. ނަމަވެސް ހުއްދަލިބި ބައެއް ތަންތަނަށް ޒިޔާރަތްކޮށް މައްސަލަތައް ބަލާފައިވާނެކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.