ޚަބަރު

ވިލުފުށީގައި އެއަރޕޯޓެއް ހަދަން 6 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފި


ތ.ވިލުފުށީގައި ސަރުކާރުން ހަދަން ނިންމާފައިވާ އެއަރޕޯޓް ތަރައްޤީ ކުރުމަށް 6 ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމްޑީޕީން ކުރިއަށްގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިނުގައި ތ.އަތޮޅަށް ޚާއްސަކޮށްގެން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލް ޖުމްހުރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް ވިދާޅުވީ ތ.އަތޮޅު ވިލުފުށީގައި އެއަރޕޯޓެއް ހައްދަވާނެކަމަށާ، އެއަޕޯޓުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ކުރި މަސައްކަތުން މިހާތަނަށް 6 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ. އަދި މިހާރު ޝައުގުވެރިކަން ފާޅުކުރިފަރާތްތައް ޝޯޓްލިސްޓް ކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދާއި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ ސިޔާސަތުތަކުގެ ދަށުން ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާކަން ޔަގީން ކުރަން ޖެހޭނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށުން ފުރައިގެން 30 މިނެޓުން ދެވޭ ސަރަހައްދުތަކުގައި ވައިގެ ބަނދަރު ޤާއިމްކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ސަރުކާރުން ވަނީ 4 ރަށެއްގައި އެއަޕޯޓް ހަދާނެ ފަރާތްތައް ހޯދުމަށް އިޢުލާންކޮށްފައެވެ. މީގެ ތެރޭގައި ތ.ވިލުފުށީގެ އިތުރުން ދެން ހިމެނެނީ ބ.ތުޅާދޫއާއި ށ.ބިލަތްފައްސާއި ހދ.މަކުނުދުއެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ މިއަހަރުގެ ތެރޭގައި އިތުރު 5 ރަށެއްގައި އެއަރޕޯޓް ތަރައްޤީކުރުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ. އޭގެ ތެރެއިން، މ.މުލީގައި ތަރައްޤީކުރާ އެއަރޕޯޓުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރަށް ފަރެސްމާތޮޑާ އެއަޕޯޓް ނިންމުމުގެ މަސައްކަތް ކުރަމުން އަންނައިރު ރ.އަތޮޅުގައި އިތުރު އެއަޕޯޓެއް ހައްދަވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރަށްވެހި ފަތިހުގެ ތ.އަތޮޅު ބައްދަލުވުމުގައި ރައީސް ވަނީ އެއަތޮގައި ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މުހިންމު ބައެއް މަޝްރޫޢުތަކުގެމައްޗަށް އަލި އަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ ގާދިއްފުށީ ގިރާ ސަރަޙައްދުގެ ސަރވޭ އަދި ޑިޒައިނިންގ މިމަސް ތެރޭގައި ފެށޭނެކަމަށާއި އެ އަތޮޅުގެވަންދޫ ވޭސްޓް މެނޭޖްމަންޓު ސެންޓަރުގެ މަަސައްކަތް އޭޕްރީލް މަހު ޓެންޑަރ އަށް ހުޅުވާލެވޭނެކަމަށެވެ. މީގެ އިތުރަށް ގުރައިދޫގެ މަގު ހެދުމުގެ މަސައްކަތް މިއހަރު ފަށާނެކަމަށާއި ކަނޑޫދޫގައި ސިއްޙީ މަރުކަޒުގެ އައު ޢިމާރާތެއް އެޅުމަށް މިހާރު ބަޔަކާ ހަވާލުކޮށްފައިވާކަމަށެވެ.

"ރަށްވެހި ފަތިސް" ކެމްޕެއިންގެ ބައެއް ބައްދަލުވުނަތަކުގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫޢުތަކާއި ކުރައްވަން ނިންމަވާފައިވބާ މަސައްކަތްޕުޅުތަކާ ގުޅޭ މުހިންމު މަޢުލޫމާތު ހާމަމަކުރައްވަމުންނެވެ.