ޚަބަރު

ކޯވިޑް-19 ދިފާޢު: އަތޮޅުތެރޭގެ 1500 އަށްވުރެ ގިނަ މީހުންނަށް މިއަދު ވެކްސިން ދީފި


ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން މިއަދު ދީފައިވަނީ އަތޮޅުތެރޭގެ ރައްޔިތުންނަށެވެ. ހުކުރު ދުވަހަށް ވުމުން މިއަދު މާލެ ސަރަަހައްދުގައި ކޯވިޑް ވެކްސިން ދީފައި ނުވެއެވެ. މިއަދު ވަނީ އަތޮޅު ތެރޭގެ 1500 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ ވެކްސިން ސެންޓަރުތަކުގައި 1506 މީހަކަށް ވަނީ ވެކްސިން ދީފައެވެ. މިއާއިއެކު އަތޮޅުތެރެއިން ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 82،600 އަށް އަރާފައެވެ.

ފެބުރުއަރީމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޯވިޑް-19 އަށް ރާއްޖޭގައި ވެކްސިން ދިނުމުގެ ޕްރޮގުރާމު ކުރިއަށްދާއިރު ބުރާސްފަތި ދުވަހަކީ އަކީ ރާއްޖެއިން ރެކޯޑް އަދަދަކަށް ވެކްސިން ދީފައިވާ ދުވަހެކެވެ. ބުރާސްފަތި ދުވަހުވަނީ 11،000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައެވެ. މާލެ ސަރަަހައްދުން މިހާތަނަށް 105،836 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އަތޮޅު ތެރެއިންނާއި، މާލެ ސަރަހައްދު ހިމެނޭހެން މިހާތަނަށް 188،436 މީހަކަށް ވަނީ ވެކްސިން ދީފައެވެ.

ވެކްސިން ޖެހުމުގެ ޚިދުމަތް މިހާރު ދެމުން އަންނަނީ މާލެ ސަރަހައްދުގެ 8 ސެންޓަރަކާއި އަތޮޅުތަކުން 169 ސެންޓަރެއްގައެވެ. އަދި މާލޭ ސަރަޙައްދުގައި ވެކްސިން ދިނުމަށްޓަކައި 2 މޯބައިލް ޓީމްވެސް ހަރަކާތްތެރިވަމުން އާދެއެވެ.

ރާއްޖޭގައި މިހާރުވަނީ ޢުމުރުން 18 އަހަރުން މަތީގެ ހުރިހާ އުމުރުފުރާތަކަށް ވެކްސިން ޖެހުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މިއާއިއެކު ކޮވިޝީލްޑް ވެކްސިން ދިނުމުގެ ހުއްދަ އޮންނަ ހުރިހާ އުމުރުފުރާތަކަށް މިހާރު މިވަނީ ރާއްޖޭގައި ވެކްސިން ދޭން ފަށާފައެވެ. ރާއްޖޭގައި މިވަގުތު ދެމުންދަނީ ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒްއެވެ.

މިމަހުގެ 15ވަނަ ދުވަހާ ހަމައަށް ކޯވިޑް-19ގެ ފުރަތަމަ ޑޯޒް ޖެހުން މަޑުޖައްސާލައި، ދެވަނަ ޑޯޒް ޖަހަން ފެށުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން ދާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އެހެންނަމަވެސް މަޤުބޫލު އުޒުރަކާއި ލައިގެން ވެކްސިންގެ ފުރަތަމަ ޑޯޒް ނުނެގި ތިބި ފަރާތްތަކަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވެކްސިންދޭނެކަމަށް އެޗްއީއޯސީއިން ވިދާޅުވެއެވެ.