ސިޔާސީ

މާލޭން ފެނުނު ބޮމަކީ ރައީސްއަށް އަމާޒުކުރި ހަމަލާއެއް - އުމަރު


އިއްޔެ މުލީއާގޭ ކައިރީގައި އޮތް ވެހިކަލެއްގެ ފިއުލް ޓޭންކް
މަތީގައި ބާއްވާފައި އޮއްވައި ފެނިގެން ޑިފިއުސް ކުރި އައިއީޑީ އަކީ، ރައީސުލްޖުމްހޫރިއްޔާ
ޢަބުދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމު އަވަހާރަކޮށްލަން ބަޔަކު ރޭވި ހަމަލާއެއް ކަމަށް
ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.



ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ހދ. ކުޅުދުއްފުށީގައި މިރޭ
ކުރިއަށްދިއަ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ، އެ އައިއީޑީ
އެތަނުގައި ބާއްވާފައި އޮތީ ރައީސުލްޖުމްހޫރިއްޔާ ޢާންމުކޮށް ކާރުކޮޅުގައި ދަތުރުކުރައްވާ
މަގެއްގެ މަތީގައިކަމަށާއި، މިއީ، ކާރުކޮޅަށް އަމާޒުކޮށް ގޮއްވައިލުމަށް ތައްޔާރުކޮށްފައި
އޮތް އެއްޗެއްކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އުމަރު ވިދާޅުވީ އެގޮތަށް އެހަމަލާ ދިން
ނަމަ ރައީސްގެ ކާރު ބުރައިގެން ދިޔައީސް ކަމަށެވެ. އަދި ގޮއްވާލަން އުޅުނު ޑައިނަމައިޓަކީ
ރާއްޖޭގެ ފަރުތަކާއި ބޭރު ގައުމުތަކުގައި ފަރުބަދަ ފަދަ ތަންތަން ގޮއްވާލަން ބޭނުން
ކުރާ ޒާތުގެ އެއްޗެއް ކަމަށް އުމަރު ވިދާޅުވިއެވެ.



އެ ބޮން ގޮއްވައިލެވުނު ނަމަ 60 ފޫޓްގެ ބޮޑު އަލިފާން ބޯޅައެއް
އުފެދޭނެ ކަމަށާއި އެއީ އެވަރުގެ ވަރުގަދަ ޑައިނަމައިޓެއް ކަމަށް ވެސް މިނިސްޓަރ ސިފަކުރެއްވިއެވެ.



ހޯމް މިނިސްޓަރ އުމަރު ނަސީރުގެ ވާހަކަފުޅުގައި، ނޮވެމްބަރ
3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މައްޗަށް އަލިއަޅުވާލައްވަމުން، ކޮންމެ ފަހަރަކުވެސް
ރާއްޖެއަށް މިފަދަ އުދުވާނީ ހަމަލާތައް އަންނަނީ ރާއްޖޭގެ ހާއިނުންގެ ފަރާތުންކަން
ފާހަގަކުރެއްވިއެވެ. އަދި މިކަންކަމަށް ހުރިހާ ރައްޔިތުން އެކަތިގަނޑަކަށްވެ ހޭލާ ތިބުމުގެ
މުހިންމު ކަމުގެ މައްޗަށް ހޯމް މިނިސްޓަރ އުމަރު ނަސީރުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.



ސެޕްޓެމްބަރ 28 ގައި ރައީސުލް ޖުމްހޫރިއްޔާގެ ލޯންޗްކޮޅަށް
ދެވުނު ހަމަލާއަކީ ވެސް، އެފަދަ ހާއިނުންތަކެއްގެ ނުބައި ރޭވުމާއެކު ދެވުނު ނާކާމިޔާބު
ހަމަލާއެއްކަމަށް އުމަރު ފާހަގަކުރެއްވިއެވެ.