ކިންގް ސަލްމާން މިސްކިތް އަންނަ ރޯދަމަހު ބޭނުންކުރަން ފެށޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ. ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދުގެ އެހީގެ ދަށުން ބިނާކުރި މި މިސްކިތްތުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ.
މިމަހުގެ 10 ވަނަދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ސަލްމާން މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެޑައިގަތުމަށްް ސައުދީ ސަރުކާރުގެ އިސް ބޭފުޅުންތަކެއް ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށެވެ. އެހެންނަމަވެސް މިދިޔަ އަޖަރުގެ މާރިޗުމަހު ހުޅުވަން ނިންމާފައިވާ މިސްކިތް މިހާތަނަށްވެސް ހުޅުވުފައި ނުވަނީ ކޯވިޑާއި ގުޅިގެން އެ ބޭފުޅުންނަށް ރާއްޖެއަށް ވަޑައިނުގެންނެވިގެންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސައުދީން އަންނަ ޓީމުން ރާއްޖެ އަންނާނެ ވަކި ތާރީޚެއް އަދި ލިބިފައިނުވާކަމަށެވެ. އެހެންނަމަވެސް އަންނަ ރޯދަމަހު އެ މިސްކިތް ނުރަސްމީކޮށް ނަމަވެސް ބޭނުންކުރުމަށް މަޝްވަރާކުރައްވަމުން ގެންދަވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.
" ކޯވިޑާއި ގުޅިގެން ލަސްވެގެންދިޔަ ގޮތަށް އަދިވެސް މިސްކިތް ހުޅުވަން އެބޭފުޅުން ތާރީޚެއް ނުދެއްވާ. ނަމަވެސް އަޅުގަނޑުމެން މަސައްކަތްކުރަމުން އެބަގެންދަން ނުރަސްމީކޮށްވެސް ކުރިއަށް މިއޮތް ރޯދަމަހު އެތަނުގެ ބޭނުންކުރެވޭގޮތްވޭތޯ. އެމަޝްވަރާ ކުރެވެމުން އެބަދޭ" ރައީސް ޞާލިޙް ވިދާޅުވިއެވެ.
ކިންގް ސަލްމާނު މިސްކިތުގެ މަސައްކަތް ނިންމާލުމަށް ސަރުކާރުގެެ ބަޖެޓުންވެސް ބޮޑު ޚަރަދުތަކެއް ކޮށްފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދުގެ އެހީގެ ދަށުން ބިނާކުރި "ކިންގް ސަލްމާން" މިސްކިތް ބިނާކުރުމުގެ މަސައްކަތް ފެށީ 2017ވަނަ އަހަރުގައެވެ.
5 ފަންގިފިލާއަށް ފަރުމާކޮށްފައިވާ ކިންގް ސަލްމާން މިސްކިތުގައި ނަމާދުކުރުމަށް ޚާއްސަ ބައެއްގެ އިތުރުން، އިސްލާމީ މަރުކަޒަކުން ލިބޭނެ ގިނަ ޚިދުމަތްތަކެއް ވަނީ ޤާއިމުކޮށްފައެވެ. މިސްކިތުގައި ނަމާދުކުރާ ބައިގެ ގޮތުގައި ޚާއްސަކޮށްފައިވަނީ ފުރަތަމަ ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާއެވެ. މި ދެ ބައިގައި ގާތްގަނޑަކަށް 4000 މީހުންނަށް އެއް ފަހަރާ ނަމާދުކުރެވޭނެއެވެ.
މިސްކިތުގެ 3 ވަނަ ފަންގިފިލާގައި 4 ކްލާސްރޫމަކާއި، 5 ސެމިނަރ ރޫމެއްގެ އިތުރުން އިސްލާމިކް ލައިބްރަރީއަކާއި އިދާރީ މަސައްކަތްތަކަށް ޚާއްސަ ބައެއް ހުންނާނެއެވެ. އަދި 4ވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ އެކިއެކި ސެމިނަރތަކާއި ކޮންފަރެންސްތައް ބޭއްވުމަށް ޚާއްސަ އޮޑިޓޯރިއަމެއްގެ ގޮތުގައެވެ. މިއީ 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެކެވެ. މީގެ އިތުރުން މިސްކިތުގެ 5ވަނަ ފަންގިފިލާ ތަރައްޤީކޮށްފައިވަނީ ދީނީ ދަރުސް ދިނުމަށާއި، ނަމާދުކުރުމަށްވެސް ބޭނުންކުރެވޭނެހެން މަލްޓި ޕާޕަސް ހޯލެއްގެ ގޮތުގައެވެ.
މިސްކިތް ޒީނަތްތެރިކުރުމުގެ ގޮތުން ޗާންދަލިޔާއާއި ޢަރަބި ކެލިގްރަފީއާއި، ކިރީތި ޤުރުޢާނުގެ އާޔަތްތަކާއި، އިސްލާމީ ސަޤާފަތާއި ގުޅުންހުރި ތަފާތު ލިޔުންތައް ބޭނުންކޮށްފައިވެއެވެ.