ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި މިލާން ބައްދަލުކުރި ފުރަތަމަ ލެގް އެއްވަރު


ޔުއޭފާ ޔޫރޮޕާ ލީގުގެ ފަހު 16 ޓީމްގެ ބުރުގެ ފުރަތަމަ ލެގްގައި މެންޗެސްޓަރ ޔުނައިޓެޑާއި އޭސީ މިލާން ބައްދަލުކުރިމެޗް އެއްވަރު ވެއްޖެއެވެ. ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑް ސްޓޭޑިއަމްގައި ކުޅުނު މިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޔުނައިޓެޑުން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ މިލާންއިންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި މިލާންގެ ފްރޭންކް ކެސީ ލަނޑެއް ޖެހި ނަމަވެސް ވީއޭއާރުން ބެލުމަށްފަހުވަނީ ލަނޑު ޖެހުމުގެ ކުރިން ކެސީގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ނިންމާ އެލަނޑު ލަނޑަކަށް ނުބަލާފައެވެ. މިގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބުނު ނަމަވެސް އޭގެތެރެއިން އެއްވެސް ހަމަލާއެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 50 ވަނަ މިނެޓްގައި ޖަހައިދިނީ ދެވަނަ ހާފްގައި ކުޅެން ނިކުން ޔުނައިޓެޑްގެ ޒުވާން ކުޅުންތެރިޔާ އަމަދު ޑިއާލޯއެވެ. މިލަނޑާއެކު މިމެޗުން ޔުނައިޓެޑް މޮޅުވާނެކަމަށް ގިނަ ބަޔަކަށް ހީވިނަމަވެސް މިލާނުން ހިތްވަރު އެލުވާނުލާ ކުޅުމުގެ ނަތީޖާއަކަށްވީ މެޗްގެ އިތުރު ވަގުތުގައި ލިބުނު ކޯނަރަކުން މެޗްގެ ނަތީޖާ ހަމަހަމަކުރުމެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ސައިމަން ކިޔާއެވެ. މިމެޗްގައި މިލާންގެ ތަޖްރިބާކާރު ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗް އަނިޔާގެ ސަބަބުން ނުކުޅެއެވެ.

މިމެޗް އެއްވަރު ވުމުން މިލާނަށް މިވަނީ ދެވަނަ ލެގަށް ނިކުންނައިރު ރަށުން ބޭރުގައި މުހިންމު ލަނޑެއް ކާމިޔާބުކުރެވިފައެވެ. އަދި ދެވަނަ ލެގް މިއަންނަ ހަފްތާގައި ކުޅޭނީ މިލާންގެ ދަނޑުގައިކަމުން މިމުބާރާތުގެ ކުއާޓަރ ފައިނަލަށް ދިއުމުގެ ފުރުސަތު މިލާނަށް ބޮޑުވާނެކަމަށް ގިނަ ބަޔަކަށް ޤަބޫލު ކުރެވުނު ނަމަވެސް ފުރަތަމަ ލެގުގައި ދެޓީމްގެ ފަރާތުން ފެނުނު ކުޅުމަށް ބަލާއިރު ދެން އޮތް ބުރަށް ދިއުމުގެ ފުރުސަތު ދެޓީމަށް ވެސް ހަމަހަމަކަމަށް ބެލެވެއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗް އޮލެގަނަރ ސޯލްޝެއަރ ބުނީ މިލާނުން ޖެހި ލަނޑާއެކު މިހާރު އިތުރަށް އުނދަގޫ ވާނެކަމަށާއި ނަމަވެސް މިދެޓީމްގެ ކުރިމަތިލުން އެންމެ ލެގެއްގެ ނަތީޖާއިން ނިންމާ ނުލެވޭނެކަން ކުރިން ވެސް އެނގޭ ކަމަށާއި ނަތީޖާ ނިކުންނާނީ ދެވަނަ ލެގުގެ މެޗުންކަމަށެވެ. އަދި މެންޗެސްޓަރ ސިޓީ ކަހަލަ ވަރުގަދަ ޓީމަކާއި ދެކޮޅަށް ކުޅުމަށްފަހު މިފަދަ މެޗަކަށް ކުރިމަތިލާން ޖެހުމުގެ ސަބަބުން އޭނާގެ ކުޅުންތެރިންނަށް މިމެޗްގައި ރަނގަޅަށް ނުކުޅޭވުނު ކަމަށްވެސް އޭނާ ހާމަކުރިއެވެ.