ޚަބަރު

ގިރިފުށީ ތަމްރީނު މަރުކަޒު ބަދަލުކުރަން ނުފެންނަކަމަށް ނިންމައިފި


މާލެއަތޮޅު ގިރިފުށީގައި ހުންނަ ސިފައިންގެ އަސްކަރީ މަރުކަޒު އެނޫން ތަނަކަށް ބަދަލުކުރުމަށް ނުފެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ނިންމައިފިއެވެ.

ގިރިފުށީގައި ސިފައިން ހަތިޔާރު ބޭނުންކޮށްގެން ކުރިއަށް ގެންދާ ތަމްރީންތަކުގައި އެކި ހާދިސާތައް ކުރިމަތިވާތީ ރައްޔިތުންގެ މަޖިލީގެ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް މަޖިލީހަށް ހުށަހެޅުއްވި މިމައްސަލަ ބެއްލެވި ސަލާމާތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ނިންމާފައިވަނީ ކޮމިޓީގެ އެދުމުގެ މަތީން ގިރިފުށީގައި ބޭނުންކުރާ ފަޔަރިންގް ރޭންޖަށް ބަދަލުތަކެއް ގެނެސް އިތުރު ފިޔަވަޅުތައް އަޅާފައިވުމާއެކު، މިވަގުތު ގިރިފުށިނޫން ތަނަކަށް އަސްކަރީ ތަމްރީން ބަދަލުކުރުމަށް ނުފެންނަކަމަށެވެ.

ގިރިފުށީ ޓްރައިނިން މަރުކަޒު އެހެން ތަނަކަށް ބަދަލުކުރަން ތުލުސްދޫ ދައިރާގެ މެމްބަރު ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި ކ.ހިންމަފުށީގެ ހުޅަނގު ފަރާތުގައި އޮތް ސަފާރީއެއްގައި ހުރި އުމުރުން 41 އަހަރުގެ ޖަރުމަންވިލާތަށް ނިސްބަތްވާ ފަތުރުވެރިއެއްގެ ކަރަށް ގިރިފުށިން ދޫކޮށްލި ވަޒަނެއް އަރާފައިވާކަމަށާ އަދި އޭގެކުރިން 2 ފަހަރެއްގެ މަތިން ހިންމަފުށީގެ ގެއެއްގެ ދޮރާއްޓާއި ގެސްޓް ހައުސްއެއްގެ ކުޑަ ދޮރަކަށްވެސް ވަޒަން އަރާފައިވާ ކަމަށެވެ.

މިހާދިސާތަކާ ގުޅިގެން ހިންމަފުށީގައި ދިރިއުޅޭ މީހުންގެ ރައްކާތެރިކަމަށްޓަކައި އަސްކަރީ ތަމްރީންތައް ހިންގުން ގިރިފުށި ނޫންތަނަކަށް ބަދަލު ކޮށްދޭން އެމައްސަލާގައި ވަނީ އެދިފައެވެ.

ކޮމިޓީން މިމައްސަލަ ނިންމުމަށްފަހު ބުނެފައިވަނީ ވަނީ ގިރިފުށީގައި ހަތިޔާރު ބޭނުންކޮށްގެން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ޚާއްޞަ ކޮމިޓީއެއް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި އެކުލަވާލާފައިވާކަމަށެވެ.

އަދި ސިފައިންގެ ތަމްރީނުތައް ގިރިފުށީގައި ކުރިއަށް ގެންދާއިރު، ނުރައްކާތެރި ހާދިސާތައް ހިނގިޔަ ނުދިނުމަށްޓަކައި، އެ ކޮމިޓީގެ ލަފާގެ މަތިން ހަތިޔާރު ބޭނުންކޮށްގެން ކުރިއަށް ގެންދާ ތަމްރީނުތަކަށް ބޭނުންކުރެވޭ ގިރިފުށި ފަޔަރިންގ ރޭންޖަށް ބަދަލުތަކެއް ގެނެސް އިތުރު ފިޔަވަޅުތައް އަޅާފައިވުމާއެކު، އަދި ގިރިފުށި ނޫންތަނަކަށް ސިފައިންގެ އަސްކަރީ ތަމްރީނުތައް ބަދަލުކޮށްފިނަމަ، ތަމްރީނުތަކަށް ބޭނުންވާ ސާމާނާއި، ސިފައިން އެތަނަކަށް ގޮސް އައިސްވުމަށް ދަތިތަކާ ކުރިމަތިލާންޖެހޭނެކަމަށެވެ.

މިހުރިހާކަމަކަށް ބެލުމަށްފަހު ގިރިފުށި ނޫން ތަނަކަށް އަސްކަރީ ތަމްރީން ބަދަލުކުރުމަށް މިވަގުތު ނުފެންނަކަމަށް، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.