ކުޅިވަރު

ފުރަތަމަ ހާފްގައި ވެލެންސިޔާއިން ނިއު ސިއްސުވާލި - ކަވަޒޮވިކް


އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ނިއުރޭޑިއަންޓް ފުރަތަމަ ފަހަރަށް ބަލިވެއްޖެއެވެ. ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ވެލެންސިޔާ އަތުން ނިއުރޭޑިއަންޓް ބަލިވީ ހަތަރެއް ދޭކުންނެވެ. މެޗުގެ ފުރަތަމަ ވިހި މިނެޓް ތެރޭގައި ވެލެންސިޔާއިން ތިން ގޯލް ޖަހައި ނިއުރޭޑިއަންޓް ސިއްސުވާލިއެވެ. މި ތިން ލަނޑުގެ ތެރެއިން ދެ ގޯލް ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އަހުމަދު ރިލްވާނެވެ. އަނެއް ލަނޑު ޖަހައިދިނީ ބިދޭސީ ފޯވާޑް ވްލަޑިސްލާވް މިރްޗޭވްއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ނިއުރޭޑިއަންޓްގެ ފުރަތަމަ ގޯލް ޖަހައިދިނީ އިބްރާހިމް ފަޒީލްއެވެ. ފަޒީލް މި ގޯލް ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ފަސް މިނެޓް ކުރިން ނިއުރޭޑިއަންޓްގެ ދެވަނަ ލަނޑު ޖަހައިދިނީ އަލީ ފާސިރެވެ. އޭގެ މިނެޓެއް ފަހުން ވެލެންސިޔާގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ފޯވާޑް މިރްޗޭވްއެވެ.މިއަދުގެ މެޗުގައި ވެލެންސިޔާއާއި ދެކޮޅަށް ނިއުރޭޑިއަންޓް ނިކުތީ ޓީމުގެ މުހިންމު ތިން ކުޅުންތެރިން ކަމުގައިވާ ކެޕްޓަން އައްސަދު އަލީ، ބިދޭސީ މިޑްފިލްޑަރ ވިލިއަމް އަދި ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު ޝިފާންއާއި ނުލައެވެ. ދެ ކާޑު ހަމަވުމުގެ ސަބަބުން ތިން ކުޅުންތެރިންވެސްވަނީ މި މެޗަށް ސަސްޕެންޑްވެފައެވެ.މިއަދުގެ މެޗުން މޮޅުވި ވެލެންސިޔާގެ މެނޭޖަރ އަބްދުﷲ ޝިބާއު ބުނީ މީ މިދިޔަ ތިން އަހަރުގެ ތެރޭގައި ވެލެންސިޔާއަށް ނިއުރޭޑިއަންޓް ބަލިކުރެވުނު ފުރަތަމަ ފަހަރުކަމަށާއި، ކުޅުންތެރިން މެޗުގައި ދެއްކި ކުޅުމާއި މެދު ވަރަށް ހިތްހަމަ ޖެހޭކަމަށެވެ. މެޗުގައި ވެލެންސިޔާއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ކުޅުންތެރިން ވަރަށް ރަނގަޅަށް ހިފިކަމާށާއި، މި މޮޅަކީ ކުރިއަށް ހުރި މެޗުތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ. "މިދިޔަ ދެތިން އަހަރުގެ ތެރޭގައި ވެލެންސިޔާ ނިއު އަތުން މޮޅުވި ފުރަތަމަ ފަހަރު މީ. އެހެންވީމަ ވަރަށް ޚާއްސަ މޮަޅެއް މީ. މެޗުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ކުރެވުމުން އަސްލު މޮޅުވީ" ޝީބާ ބުންޏެވެ.މެޗުން ބަލިވި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗް ނިކޮލާ ކަވަޒޮވިކް ބުނީ ވެލެންސިޔާއިން ފުރަތަމަ ވިހި މިނެޓުގައި ނިއުރޭޑިއަންޓް ސިއްސުވާލިކަމަށާއި، ވެލެންސިޔާއިން މެޗުގައި އެ ފެންވަރުގެ ކުޅުމެއް ދައްކާނެކަމަށް ކުޅުންތެރިން އެއްވެސް ވަރަކަށް ނުވިސްނާކަމަށެވެ. މެޗުން ޓީމް ބަލިވުމުގެ ހުރިހާ ޒިންމާއެއް އޭނާ ނަގާކަމަށާއި، ސަސްޕެންޝަންގެ އަސަރު ޓީމަށް ވަރަށް ބޮޑަށް ކުރިކަމަށެވެ."މެޗުން ބަލިވުމުގެ ހުރިހާ ޒިންމާއެއް އަހަރުން ނަގަން. ވެލެންސިޔާއިން ފުރަތަމަ ހާފްގައި ނިއުރޭޑިއަންޓް ސިއްސުވާލި. ވެލެންސިޔާ ވަރަށް ރަނގަޅަށް ކުޅުނު. އެޓީމަށް ވަރަށް ބޮޑަށް މަރުޚަބާ" ކަވަޒޮވިކް ބުންޏެވެ.މިއަދުގެ މެޗުން ނިއުރޭޑިއަންޓް ބަލިވިކަމުގައިވިޔަސް އެޓީމް އޮތީ 5 ޕޮއިންޓްގެ ލީޑަކާއިއެކު ލީގް ތާވަލްގެ އެއްވަނާގައެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ވެލެންސިޔާވަނީ ތާވަލްގެ ހަވަނައަށް ޖެހިލާފައެވެ.މިރޭ މަހިބަދޫ އަތުން ޓީސީ މޮޅުވެއްޖެނަމަ ނިއުރޭޑިއަންޓް އަތުގައި އޮތް ލީޑް 2 ޕޮއިންޓަށް ހަނިވާނެއެވެ.