ޚަބަރު

ހަތަރު ރަށެއްގެ ވާރޭފެނުގެ ނިޒާމު ހިންގަން ފެނަކައާ ޙަވާލުކޮށްފި


ހަތަރު ރަށެއްގައި ސަރުކާރުން ޤާއިމްކޮށްފައިވާ ވާރޭފެނުގެ ނިޒާމު ހިންގަން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.

ރަށްރަށުގައި ވާރޭފެނުގެ ނިޒާމް ޤާއިމްކުރުމުގެ މިމަސައްކަތަކީ ހޫނު މޫސުމުގައި ފެނަށްޖެހޭ ރަށްރަށަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ. ވާރޭ ފެނުގެ ނިޒާމް ފެނަކައާ މިއަދު ހަވާލު ކުރި ރަށްތަކަކީ ގއ.ނިލަންދޫ، ގއ.ކޮންޑޭ، ގއ.މާމެންދޫ އަދި ގދ. ފަރެސްމާތޮޑާއެވެ.

މި ނިޒާމު ހިންގަން އެކުންފުންޏާ ޙަވާލުކޮށްދެއްވީ އެރަށްތަކުގައި ވަކިވަކިން އޮތް ރަސްމިއްޔާތު ތަކުގައި އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަނެވެ. ފެނަކަ ކޯޕަރޭޝަނުން މި ނިޒާމާ ރަސްމީކޮށް ޙަވާލުވެވަޑައިގަތީ ކުން ފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދެވެ.

ސަރުކާރުން ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް)ގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް އެންވަރަޔަންމަންޓާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ކުރިއަށްގެންދާ "ސަޕޯޓިންގ ވަލްނަރަބަލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް" މަޝްރޫޢުގެ ދަށުން ހުވަދުއަތޮޅު އުތުރުބުރިއާއި ދެކުނުބުރީގެ 8 ރަށެއްގައި ވާރޭފެނުގެ ނިޒާމު ޤާއިމުކޮށް ވަނީ ނިންމާފައެވެ.

މިނިޒާމުތަކަކީ މިރަށްރަށުގައި ހުންނަ ސަރުކާރު އިމާރާތްތަކާއި ސްކޫލްތަކާއި މިސްކިތަތްކުގެ ފުރާޅުން ވާރޭ ފެން ނަގައި ޖަމާކޮށް އެފެން ޓްރީޓްކޮށް، ރަށުގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ އިސްކުރު ބަރިތައް މެދުވެރިކޮށް، ރަށު ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ނިޒާމެކެވެ. އަދި މި ދޫކުރެވޭ ފެނަކީ އޭގެ ކޮލިޓީ ކަށަވަރުކުރެވި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ކަންޑައަޅާފައިވާ މިންގަޑާ އެއްގޮތަށް ދޫކުރެވޭ ފެނެކެވެ. މީގެ ސަބަބުން މި ރަށްތަކުގައި ހޫނު މޫސުމުގައި ފެނަށްޖެހޭ މައްސަލައަށް ހައްލު ލިބިގެންދާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

ފެނަކައާ މިމަސައްކަތް ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ތަކުގައި މައިގަނޑު ގޮތެއްގައި އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން ވަނީ މިމަޝްރޫއުތަކަކީ ސަރުކާރުން މުޅި ރާއްޖޭގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ރޭވި ކުރިއަށް ގޮސްފައިވާ މަޝްރޫއުތަކެއްކަން ފާހަގަކުރައްވާފައެވެ. މިއާއެކު ނަރުދަމާގެ މަސައްކަތްތައް ކުރުމަސްވެސް ފަސޭހަވެގެން ދާނެކަމަށާއި ރައްޔިތުންނަށް ސާފު ބޯފެން ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުތަކުގައި ފެނަކަ ކޯޕރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސަޢީދު ވަނީ މި ނިޒާމާއެކު ރައްޔިތުންނަށް ފޯރުކޮށްދެންޖެހޭ ޚިދުމަތްތައް ދަތިަކަމެއް ނެތި ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާނެކަން ފާހަގަކުރައްވާފައެވެ.

މިމަޝްރޫޢުގެ އަމަލީ މަސައްކަތް ކުރިޔައް ގެންގޮސްފައިވަނީ ޔުނައިޓަޑް އަރަބި އެމިރޭޓްސްގެ ވޯޓާރ އިންޖީއިއަރިންގ ކޮމްޕެނީއާ ޙަވާލުކޮށްގެންނެވެ. މަޝްރޫޢުގެ ޑިޒައިން އެންޑް ސުޕަވިޝަން ކޮންސަލްޓެންޓުންނަކީ އިންޑިޔާގެ ޝާހް ޓެކްނިކަލް ކޮންސަލްޓަންޓުނެވެ. މިއަދ 4 ރަށެއްގެ މިނިޒާމް ހިންގުމަށް ފެނަކައާ ޙަވާލުކރުިނަމަވެސް ޖުމުލަ 8 ރަށެއްގެ މަސައްކަތް އެ ކުންފުންޏާ ޙަވާލުކުރުމަށް ވަނީ ނިންމާފައެވެ. މިގޮތުން ހުވަދުއަތޮޅުގައި ހިމެނޭ 8 ރަށުގެ ވާރޭފެން ނިޒާމު ޤާއިމުކުރުމަށް ކޮންޓްރެކްޓްކޮށްފައިވާ ޖުމުލަ އަގަކީ ތިރީސް އަށް މިލިއަން ހަލައްކަ އެކާވީސްހާސް އަށްސަތޭކަ ހަތާވީސްހާސް ފަންސާސް ދެ ރުފިޔާއެވެ.