ޚަބަރު

މިއީ 2ވަނަ ދައުރަަކަށް ކުރިމަތިލާ ވާހަކަ ދައްކަންވީ ވަގުތެއް ނޫން - ރައީސް


މިއީ ވެރިކަމުގެ 2ވަނަ ދައުރަކަށް ކުރިމަތިލާންވީ ވާހަކަ ދައްކަންވީ ވަގުތު ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ސިޔާސީ ގޮތުން ޤަބޫލުކުރައްވާގޮތުގައި 5 އަހަރުދުވަހުގެ ދައުރަކީ ވެރިކަމުގައި ދިގު މުއްދަތެއްކަމަށެވެ. ވެރިކަމަށް އިންތިޚާބުވާ މީހުން ވީހާވެސް އަވަހަށް ރައްޔިތުންނާ ހަމައަށް ދެވޭގޮތަށް އޮތުމަކީ ރަނގަޅުކަމެއްކަމަށް ދެކެވަޑައިގަންނަވާކަަމަށެވެ. 5 އަހަރު ދުވަހުގެ ދައުރެއް އޮތުމަކީ ކޮންމެހެން އޮންނަންޖެހޭ ކަމެއްކަމަށް އެމަނިކުފާނު ޤަބޫލު ނުކުރައްވާކަމަށްވެސް ރައިސް ވިދާޅުވިއެވެ. ކޮންމެ ސަރުކާރެއްގައިވެސް ޤަބޫލުކުރާ ސިޔާސަތުތަކެއް ހުންނަންޖެހޭނެކަމަށާއި، އެއީ ސަރުކާރު ބަދަލުވިޔަސް ބަދަލުވެގެންވާނެ ސިޔާސަތުތަކަށް ވެގެން ނުވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ސިޔާސީގޮތުން ބަލާއިރު އަޅުގަނޑު ޤަބޫލުކުރަނީ 5 އަހަރަކީ ދިގު މުއްދަތެއްކަމަށް ވެރިކަމުގައި ހުންނަން. އިންތިޚާބުވާ މީހުން ވީހާވެސް އަވަސްއަވަަހަށް ރައްޔިތުންނާ، ހަމައަށް ދެވޭގޮތަށް އޮތުމަކީ ރަނގަޅުކަމެއްކަމަށް އަޅުގަނޑު ދެކެން. އެހެންވީމަ ރިޔާސީ ދައުރެއް 5 އަހަރަށް އޮތުމަކީ ކޮންމެހެން އޮންނަންޖެހޭ ކަމެއްކަމަށް އަޅުގަނޑެއް ނުދެކެން. އެއަށްވުރެ ކުރުވެސް ކުރެވިދާނެ. އެހެންނަމަވެސް އަޅުގަނޑުމެން އެންމެން ޤަބޫލުކުރާ ތަރައްޤީގެ ސިޔާސަތުތަކެއް ހުންނަންޖެހޭ. ސަރުކާރު ބަދަލުވިޔަސް ބަދަލު ނުވާނެ ކަންތައްތަކެއް. އެހެން އެކަން ނުކުރެވިއްޔާ ޤައުމަށް ވަރަށް ބޮޑެތި ގެއްލުންވާނެ. މިހާރުވެސް ގެއްލުން ކުރިމަތިވަމުން މިދަނީ އޭގެ ސަބަބުން." ރައީސް ވިދާޅުވިއެވެ.

ވެރިކަމަށް ވަޑައިގަތުމަށްފަހު ފުރަތަމަވެސް ކުރިއަށް އޮތް ދައުރަށް ކުރިމަތިލުމަށް ވިސްނައިފިނަމަ ރައްޔިތުންނަށް ޚިދުމަތެއް ނުކުރެވޭނެކަމަށާ، އެމަނިކުފާނު މިހާރު ކުރައްވާ ކަމަކީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުންކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުންނަށް ވީ ވަޢުދުތައް ނުފުއްދެނީސް ދެވަނަ ދައުރެއްގެ ވާހަކަ ދެއްކުން ހެޔޮނުވާނެކަމަށާ، އެކަން ރައްޔިތުންވެސް ޤަބޫލު ނުކުރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ވެރިކަމަށް އައިސް ކުރިއަށް އޮތް ދައުރަށް ކުރިމަތި ލާން ވިސްނައިފިއްޔާ ރައްޔިތުންނަކަށް ޚިދުމަތެއް ނުކުރެވޭނެ. ވެރިކަމަށް އައިސް އަޅުގަނޑު މިކުރާކަމަކީ އަޅުގަނޑުވީ ވަޢުދުތައް ރައްޔިތުންނަށް ފުއްދޭތޯ ބެލުން. އެހެނެއްނޫން، އަޅުގަނޑު ދެން އޮތް ދައުރަކަށް ކުރިމަތިލާން ވިސްނައިފިއްޔާ އަޅުގަނޑު ހިންގާ ކޮންމެ މަޝްރޫޢުއެއް ހިންގާނީ އަޅުގަނޑަށް ތަޢީދު ބޮޑުވާނީ ކޮންގަތަކަށްތޯ ބަލައިގެން. ކޮންރަށެއްގަ ކޮން މަޝްރޫޢުއެއް ހިންގައިގެންތޯ މިރަށުގެ ތާޢީދު އަޅުގަނަޑަށް ލިބޭނީ. ކޮން އާއިލާއެއްގެ ކާކަށް ވަޒީފާ ދީގެންތޯ އަޅުގަނޑަށް އެ އާއިލާގެ ސަޕޯޓް ލިބޭނީ. އެއީ އެކަން ވާނެގޮތަކީ. ވެރިކަމަށް ކުރިމަތިލައިގެން ކުރިއަށް އޮތް ދައުރަށް ދާން ނިންމައިގެން ވެރިކަން ކުރާ މީހަކު ކަންކުރާނެ ގޮތަކީ އެއީ. އަޅުގަނޑު އިރާދަކުރެއްވިއްޔާ މިކުރަނީ އެހެނެއްނޫން. އަޅުގަނޑު މަސައްކަތްކުރަމުން މިދަނީ އަޅުގަނޑު ވީ ވައުދުތައް އިހަށް ފުއްދޭތޯ. އެނޫން ވިސްނުމެއް އަޅުގަނޑު މިވަގުތަކު ނެތް. އަޅުގަނޑު ވެރިކަމުގެ ވާހަކަ ދެއްކުން ހެޔޔޮނުވާނެ އަޅުގަނޑު ވީ ދައުދުތައް ނުފުއްދެނީސް. ރައްޔިތުން ޤަބޫލެއް ނުކުރާނެ." ރައީސް ވިދާޅުވިއެވެ.

ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު އެއް ސިޔާސަތުން އަނެއް ސިޔާސަތަށް ބަދަލުވާނަމަ އެކަމުގެ ސަބަބުން ދައުލަަތަށް ވަރަށްބޮޑު ގެއްލުންތަކެއް ވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިސަރުކާރުގެ އެންމެބޮޑު ސިޔާސަތަކީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުންކަމަށާ، އެއުސޫލުން ހިންގުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން މިސަރުކާރުން ކުރައްވަމުންދާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.