ޚަބަރު

ކޯލިޝަން ދެމި އޮންނާނެ، ކޯލިޝަންގެ ވެރިންގެ ގުޅުން ރަނގަޅު - ރައީސް


މިސަރުކާރަކީ އެއްބައިވަންތަކަމާއެކު އެކުލަވާލި ކޯލިޝަން ސަރުކާރެއްކަމަށާ، ސަރުކާރުގެ ދައުރު ނިމެންދެން މި ކޯލިޝަން ދެމިއޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ކޯލިޝަނާ ގުޅޭގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވީ ކޯލިޝަން ދެމެހެއްޓުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދެއް ކަމަށާ، ކޯލިޝަން ރޫޅޭނެ އެއްވެސް ކަމެއް ދިމާނުވާކަމަށެވެ. އަދި ވެރިކަމުގެ 5 އަހަރުގެ ދައުރު ނިމުމާހަމައަށް ކޯލިޝަން ދަމެހެއްޓޭނެކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ކުރިން ބޭއްވިގޮތަށް ބައްދަލުވުންތައް ނުބޭއްވުނު ނަމަވެސް ކޮންމެ ހަފްތާއަކު ކޯލިޝަންގެ ވެރިންނާ ފޯނުން ކަންކަމުގައި މަޝްވަރާކޮށް ޚިޔާލު ލިބެމުންދާކަމަށެވެ. ރައީސް ވިދާޅުވީ ކޯލިޝަންގެ ތެރޭގައިއޮތް ގުޅުން ރަނގަޅުކަމަށާ، އަދި ކުރިއަށްދަނީވެސް އެއްބައިވަންތަކަމާއެކުކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ކުރާ ކަންކަމާއި ނިންމާ ކަންކަމުގައިވެސް ކޯލިޝަންގެ މެދުގައި މަޝްވަރާ ކުރެވޭކަމަށެވެ. އަދި ކޯލިޝަން މިހާތަނަށްވެސް ދެމި އޮތީ އެއްބައިވަންތަކަމާއެކުކަމަށް އެމަނިކުފަނު ވިދާޅުވިއެވެ.