ޚަބަރު

މިޔަންމާގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި ހުރި ސިޔާސީވެރިއެއް މަރުވެއްޖެ


މިޔަންމާގެ އަސްކަރިއްޔާއިން ހައްޔަރުކޮށްފައިވާ އެ ޤައުމުގެ އެންމެ އިސްވެރިޔާ އަން ސަން ސޫ ކީ ނިސްބަތްވަޑައިގަންނަވާ ނޭޝަނަލް ލީގް ފޮރ ޑިމޮކްރަސީ، އެންއެލްޑީގެ އިސްވެރިއެއް މިޔަންމާގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވެއްޖެއެވެ.

މިޔަންމާގެ އިސްވެރިޔާ އަން ސަ ން ސޫ ކީގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ ސިފައިން ބަޣާވާތްކުރުމަށްފަހު ސޫ ކީއާއި އެނާގެ ސަރުކާރަށް ނިސްބަތްވާ އިސްވެރިން ހައްޔަރު ކުރީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ. އެއަށްފަހު އަސްކަރިއްޔާއިންވަނީ އެ ޤައުމުގައި އެއް އަހަރުގެ މުއްދަތަށް ކުއްލި ޙާލަތު އިޢުލާނުކޮށްފައެވެ. އަސްކަރިއްޔާއިން ކުރި ބަޣާވާތް ނިމުމަކަށް ގެނެސް ސޫ ކީ މިނިވަންކުރުމަށް ގޮވާލައި މިޔަންމާގެ ގިނަ ޢަދަދެއްގެ ރައްޔިތުން ދަނީ މަގުމައްޗަށް ނުކުމެ މުޒާހަރާކުރަމުންނެވެ. އެ މުޒާހަރާތަކުގައި ސޫ ކީ ނިސްބަތްވާ ޕާޓީގެ އިސްވެރިންވެސް ބައިވެރިވެއެވެ.

އެންއެލްޑީއަށް ނިސްބަތްވާ އިސްވެރިއެއްކަމުގައިވާ ޒައު ޔަޓް ލިންއަކީވެސް މުޒާހަރާތަކުގައި ބައިވެރިވަޑައިގަންވަމުންދިޔަ ބޭފުޅެކެވެ. އަސްކަރިއްޔާއިން އޭނާ ހައްޔަރުކޮށްފައިވަނީ މާރިޗު މަހުގެ 9ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި ޒައު ހުއްޓާ އޭނާ މަރުވެފައިވަނީ އެ ދުވަހުގެ ވަގުތެއްގައެވެ. އޭނާ މަރުވި ސަބަބު ސާފުވެފައެއް ނުވެއެވެ. ޒައުގެ މަރާ ގުޅޭގޮތުން އަސްކަރިއްޔާއިންވެސް އަދި ފުލުހުންގެ ފަރާތުންވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޒައުއަކީ ފާއިތުވި ދެ ދުވަހުގެ ތެރޭގައި އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވި އެންއެލްޑީގެ ދެވަނަ ބޭފުޅާއެވެ. އޭގެ ދެ ދުވަސް ކުރިން އެންއެލްޑީއަށް ނިސްބަތްވަޑައިގަންނަވާ މަޖިލިސް މެންބަރެއްގެ ކެންޕެއިން މެނޭޖަރެއްވެސްވަނީ އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވެފައެވެ. އެއާއެކު އަސްކަރިއްޔާއިން ހައްޔަރުކޮށްފައިވާ މީހުންނަށް ބޮޑެތި އަނިޔާތަކެއް ދެމުންދާކަމުގެ ޝައްކުވަނީ އުފެދިފައެވެ.

މިޔަންމާގެ މުޒާހަރާތަކުގައި ބައިވެރިވި 60އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އަދި 1،900އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މުޒާހަރާގެ ބައިވެރިންނަށް ދެކޮޅަށް އަނިޔާވެރި އަމަލުތައް ނުހިންގުމަށް ދުނިޔޭގެ ޤައުމުތަކުންވަނީ މިޔަންމާގެ އަސްކަރިއްޔާއަށް ގޮވާލައިފައެވެ.