ޚަބަރު

ނޫސްވެރިން ގަޔަށް ތައިލެންޑުގެ ބޮޑުވަޒީރު ސެނިޓައިޒަރ ޖައްސަވައިފި


ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރިމަތިވެވަޑައިގަތް ސުވާލުތަކާ ހިތްހަމަ ނުޖެހިވަޑައިގެން ތައިލެންޑުގެ ބޮޑުވަޒީރު ޕްރަޔުތު ޗާން-އޮ-ޗާ ނޫސްވެރިންނާ ދިމާލަށް ސެނިޓައިޒަރ ޖައްސަވައިފިއެވެ.

މީގެ ހަތް އަހަރު ކުރިން ހިންގި މުޒާހަރާތަކަކާ ގުޅިގެން މިދިޔަ ހަފުތާގެ ތެރޭގައި ތައިލެންޑުގެ ވަޒީރުންގެ މަޖިލީހުގެ ތިން ވަޒީރަކުވަނީ ޖަލަށް ލައިފައެވެ. އެއާއެކު ވަޒީރުންގެ މަޖިލީހުން ތިން ޖާގަވަނީ ހުސްވެފައެވެ.

ވަޒީރުންގެ މަޖިލީހުގައި ހުސްވެފައިވާ ޖާގަތަކަށް ބޭފުޅުން ޢައްޔަނުކުރުމާ ގުޅޭގޮތުން ބޮޑުވަޒީރު ޕްރަޔުތަށް ނޫސްވެރިން ސުވާލު ކުރުމުން އޭނާވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިވަޑައިގެންފައެވެ. އެ ސުވާލުތައް ކުރުމުން ބޮޑުވަޒީރުވަނީ އެ ސުވާލު ނޫން އިތުރު ސުވާލެއް ނެތީތޯ ނޫސްވެރިން ކައިރިން އައްސަވައިފައެވެ. އެއަށްފަހު ޕޯޑިއަމް މަތީގައި ހުރި ސެނިޓައިޒަރ ސްޕްރޭ ފުޅިއެއް ނަންގަވައި ނޫސްވެރިން ކައިރިއަށް ވަޑައިގެންނެވުމަށްފަހު މާސްކަކުން އަނގަމަތި ނިވާކުރައްވައި ނޫސްވެރިންނާ ދިމާލަށްވަނީ ސްޕްރޭ ޖައްސަވައިފައެވެ. އެއަށްފަހު އޭނާވަނީ އެ މާލަން ދޫކުރައްވައި ވަޑައިގެންފައެވެ.

ބޮޑުވަޒީރު ޕްރަޔުތަކީ ނޫސްވެރިންނާ ވާހަކަދެއްކެވުމުގައި އާންމުކޮށް ވަރަށް މަޖާޒީ ގޮތެއް ގެންގުޅުއްވައި ބޭފުޅެކެވެ. ނަމަވެސް މީގެ ކުރިންވެސް ނޫސްވެރިންނާމެދު ހިތްހަމަ ނުޖެހިވަޑައިގަތުމުން ހަރުކަށި އިބާރާތުން އެއްޗެހި ވިދާޅުވެފައިވެއެވެ.