ޚަބަރު

ސްޓެލްކޯގެ ފްލެޓްތައް ދޫކުރި އުސޫލު އަލުން މުރާޖަޢާކުރުމަށް މަޖިލީހުން ފާސްކޮށްފި


ހިޔާ މަޝްރޫޢުގެ ދަށުން ސްޓެލްކޯއިން އެޅި ފްލެޓްތައް އެކުންފުނީގެ މުވައްޒަފުންނަށް ދީފައިވާ ގޮތް މުރާޖަޢާކުރުމަށް އެކުންފުންޏަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ސްޓެލްކޯއިން އެކުންފުނީގެ މުވައްޒަފުންނަށް ފްލެޓް ދިން އުސޫލާއި، މުވައްޒަފުންނަށް ހެލްތު އިންޝުއަރެންސް ދެމުންދާ އުސޫލާ ގުޅޭގޮތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް ހުށައަޅާ އެކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުން ފާސްކުރީ 52 މެންބަރުންގެ ވޯޓުންނެވެ.

ސްޓެލްކޯއިން ފްލެޓް ދޫކުރި އުސޫލާ ގުޅޭގޮތުން މަޖިލީހުން ފާސްކުރި ރިޕޯޓްގައި ވަނީ، ސްޓެލްކޯގެ މުވައްޒަފުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިޔަށް ގެންދިޔަ "ސްޓެލްކޯ ސްޓާފް ހައުސިންގ ޕްރޮޖެކްޓް"ގެ ދަށުން ޢިމާރާތްކޮށްފައިވާ 2 ޢިމާރާތުގެ އެޕާޓްމަންޓްތައް ވިއްކާފައިވަނީ ސްޓެލްކޯއިން ކަނޑައަޅާފައިވާ ގަވާއިދުތައް އެކި މަރުޙަލާތަކަށް ބަދަލުކޮށްގެންކަމަށެވެ. އެމަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ ސްޓެލްކޯގައި މަސައްކަތްކުރާ ވަރަށް ގިނަ ދުވަސްވީ، އަދި މުވައްޒަފުންގެ ތެރެއިން ބޯހިޔާވެހިކަމުގެ ދަތިކަން ތަޙައްމަލުކުރަންޖެހިފައިވާ މުވައްޒަފުންނަށް ބޯހިޔާވަހި ކަމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހަނިވާގޮތަށް ކަމަށް ބެލެވޭކަމަށްވެސް މަޖިލީހުން ފާސްކުރި ރިޕޯޓްގައިވެއެވެ. އެހެންކަމުން "ސްޓެލްކޯ ސްޓާފް ހައުސިންގ ޕްރޮޖެކްޓްގެ ދަށުން މުވައްޒަފުންނަށް އެޕާޓްމަންޓް ދޫކުރުމަށް އެކުލަވާލާފައިވާ "އުސޫލު"، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި އެއްގޮތަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަންނީ ލަފާގެ މަތިން މުރާޖަޢާކުރުމަށް ސްޓެލްކޯއަށް ދެންނެވުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

މަޖިލީހުން ފާސްކުރި ރިޕޯޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއެކު މަޝްވަރާކުރުމަށްފަހު ސްޓެލްކޯގެ މުވައްޒަފުންގެ ތެރެއިން ފްލެޓް ޙައްޤުވާ މުވައްޒަފުން ކަނޑައެޅުމަށްފަހު، ފްލެޓް އިތުރުވާނަމަ، ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެ ފްލެޓްތައް ދޭނެ ނިޒާމެއް ކަނޑައެޅުއްވުމަށް ސްޓެލްކޯއަށް ދެންނެވުމަށެވެ. އަދި އެކުންފުނީގައި މަސައްކަތްކުރާ ވަރަށް ގިނަ ދުވަސްވީ އަދި ބޯހިޔާވަހިކަމުގެ ދަތިކަން ތަޙައްމަލުކުރަން ޖެހިފައިވާ މުވައްޒައްފުންނަށް، ބޯހިޔާވަހިކަމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހަނިވާގޮތަށް އުސޫލު އެކުލަވާލާފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ދެންނެވުމަށްވެސް ރިޕޯޓްގައިވެއެވެ.

ސްޓެލްކޯ ސްޓާފް ހައުސިންގެ ތެރެއިން އެތަނުގެ މުވައްޒަފުންނަށް 15 ފަންގިފިލާގެ ދެ ރެޒިޑެންޝަލް ބިލްޑިންގް އިމާރާތް ކުރަން ހަވާލުކުރިއެވެ. އެއީ ޖުމްލަ 384 އެޕާޓްމެންޓެވެ. އޭގެ ތެރެއިން އެއް ކޮޓަރީގެ 72 އެޕާޓްމަންޓް ސަރުކާރުން ކަނޑައަޅާފައިވާ އަގެއްގައި ވިއްކުމަށްވެސް ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން އެކުންފުނީގެ މުވައްޒަފުންނަށް ހެލްތު އިންޝުއަރެންސް ދެމުންދާއިރު، އިންޝުއަރެންސް ޚިދުމަތަކީ ރެޖިސްޓަރކުރެވިގެން ކުންފުނިތަކުން ދޭ ޚިދުމަތަކަށްވުމުން، އިން-ހައުސްކޮށް ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ދިނުމަކީ ބެސްޓް-ޕްރެކްޓިސް ނޫންކަމަށް ކޮމިޓީއަށް ފެންނަކަމަށާއި، އިން-ހައުސްކޮށް ހެލްތު އިންޝުއަރެންސް ޚިދުމަތް ދިނުމުގެ ބަދަލުގައި ދިވެހިރާއްޖޭގައި ޤާއިމުވެފައިވާ އިންޝުއަރެންސް ނިޒާމުގެ ތެރެއިން އިންޝުއަރެންސްގެ ޚިދުމަތް ކުރިޔަށްގެންދިއުމަށް ސްޓެލްކޯއަށް ދެންނެވުމަށްވެސް މަޖިލީހުން ފާސްކުރި ރިޕޯޓްގައިވެއެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން 2007 ޖޫން 19 އިން 2018 ޖޫން 18 އަށް ސްޓެލްކޯ މުވައްޒަފުންނަށް ހެލްތު އިންޝުއަރެންސް ދެމުން ގޮސްފައިވަނީ އެލައިޑް އިންޝުއަރެންސް އިންނެވެ. ނަމަވެސް އިން-ހައުސިން ހެލްތު އިންޝުއަރެންސްއަށް އެކުންފުނި ބަދަލުކޮށްފައިވަނީ 2018 ޖޫން 19ގައެވެ. މިކަމުގެ ސަބަބުން ބޮޑު ޚަރަދެއް ހިނގާކަން ކޮމިޓީއަށް ފާހަގަކުރެވިފައިވާކަމަށްވެސް ރިޕޯޓްގައިވެއެވެ.