ވިޔަފާރި

ޑިމާންޑު ބޮޑުވަމުންދާތީ އެމިރޭޓްސްއިން ރާއްޖެއަށްކުރާ ދަތުރުތައް އިތުރުކޮށްފި


ޑިމާންޑު ބޮޑުވަމުންދާތީ އެމިރޭޓްސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ.

އެމިރޭޓްސްއިން ވަނީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން ހަފްތާއަކު 28 ދަތުރު ރާއްޖެއަށް ކުރުމަށް ނިންމާފައެވެ. މިއީ މިއަހަރުގެ ހޫނު މޫސުމާއި ދިމާކޮށް ގެނައި ބަދަލެއް ކަމަށް އެމިރޭޓްސްއިން ހާމަކުރެއެވެ.

މިހާރު އެމިރޭޓްސްއިން ރާއްޖެއަށް މިހާރު ބާއްވަމުންދަނީ ހަފްތާއަކު 24 ފްލައިޓެވެ. އެމިރޭޓްސްއިން ރާއްޖެއަށް ދަތުރުތައް ބާއްވަނީ ދުބާއީއާއި ރާއްޖެއާ ދެމެދުއެވެ. މި ދަތުރުތަކާއެކު ޔޫރަޕްގެ ގިނަ ޤައުމުތަކާއި ރާއްޖެއާ ދަނީ ގުޅާލަމުންނެވެ.

އެމިރޭޓްސް އެއަރލައިންއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ދަތުރުތައް ބާއްވާ އެއަރލައިންއެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީވެސް އެމިރޭޓްސްގެ ފްލައިޓްތަކުގައެވެ.

ފަަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ މަޤްބޫލްކަން އިތުރުވަމުންދާއިރު ރާއްޖެއަށް އަލުން ދަތުރުތައް ފަށާ އެއަރލައިންތައް ދަނީ އިތުރުވަމުންނެވެ. އަދި ރާއްޖެއަށް ދަތުރުތައް ފަށާފައިވާ އެއަރލައިންތަކުންވެސް ދަނީ ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަދަދު އިތުރުކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ބައިނަލްއަޤްވާމީ 32 އެއަރލައިނަކުން މިހާރު ރާއްޖެއަށް ދަތުރުކުރަމުންނެވެ. މީގެތެރޭގައި ޝެޑިއުލް ދަތުރުތައް ބާއްވާ އެއަރލައިންތަކާއި، ޗާޓަރ ދަތުރުތައް ބާއްވާ އެއަރލައިންތައްވެސް ހިމެނެއެވެ.