ވިޔަފާރި

މާމިިގިލީ ޕޯޓް ހިންގަމުންދަނީ އަހަރެއްގެ މައްޗަށް 8 މިލިއަން ރުފިޔާ ގެއްލުމުގައި: ފައްޔާޒް


މާމިގިލި އިންޓަރނޭޝަނަލް ޕޯޓް ހިންގަމުންދަނީ ގެއްލުމުގައިކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައްޔާޒް މިހެން ވިދާޅުވީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ކުރިއަށްގެންދާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން "ރަށްވެހި ފަތިސް"ގެ ކެނޑިޑޭޓުންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެެ.

އދ.މާމިގިލީގައި ސަރުކާރުން ޤާއިމްކުރި ވިޔަފާރި ބަނދަރު ރަސްމީކޮށް ހުޅުވައިފައިވަނީ 2018 ވަނަ އަހަރުއެވެ. 263 މީޓަރުގެ މި ބަނދަރަކީ ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ބޮޑު އިންޓަރނޭޝަނަލް ޕޯޓެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ވިދާޅުވީ މި ޕޯޓްގެ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމަށް ޕޯޓްސް ލިމިޓެޑާއެކު މަސައްކަތްތަކެއް ކުރެވެމުންދާކަމަށާއި އެހެންނަމަވެސް އަދި އެމަސައްކަތް ކާމިޔާބުވާ ގޮތެއް ނުވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މާމިިގިލީ ޕޯޓް ހިންގަމުންދަނީ އަހަރެއްގެ މައްޗަށް 8 މިލިއަން ރުފިޔާ ގެއްލުމުގައި ކަމަށެވެ.

"މި ޕޯޓަކީ ކުރިން އަމިއްލަ ފަރާތަކުން މައިގަނޑު ގޮތެއްގައި އަމިއްލަ ބޭނުމަކަށް ބޭނުންކުރަމުން އައި ޕޯޓެއް، އެހެން ނަމަވެސް ސިޔާސީ ސަބަބުތަކަށްކަމަށް ލަފާކުރެވެނީ، މޯލްޑިވްސް ޕޯޓްސް ލިމިޑެޓާއި އެތަން ހަވާލުކުރެވުނީ،" ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒް ވިދާޅުވީ މާމިގިލި ޕޯޓުގެ ހިންގުން އަމިއްލަ ފަރާތަކާއި ހަވާލުކުރުމަށްވެސް މަސައްކަތްކުރިކަމަށެވެ. އެހެންނަމަވެސް އެކަމަށް ޝައުގުވެރިވާ ފަރާތެއްވެސް ނުލިބުނުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ފައްޔާޒް ވިދާޅުވީ އެތަނުގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނެ ގޮތެއް ހޯދަމުން ދާކަމަށެވެ.