ވިޔަފާރި

ޑިސެމްބަރުމަހުން ފެށިގެން ކުންފުނިތަކުގައި ތިބެންޖެހޭނީ ދިވެހިން!


ޑިސެމްބަރުމަހުން ފެށިގެން ކުންފުނިތަކުގެ ސެކްރެޓަރީންގެ ގޮތުގައި ތިބެންޖެހޭނީ ދިވެހިންކަމަށާއި، އަދި މިމަހުން ފެށިގެން ރަޖިސްޓްރީކުރާ ކޮންމެ ކުންފުންޏެއްގައިވެސް ކުންފުނީގެ ސެކްރެޓަރީގެ ގޮތުގައި އައްޔަންކުރަންޖެހޭނީ ދިވެއްސެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ކުންފުނިތަކަށް އަންގައިފިއެވެ. 

އިކޮނޮމިކް މިނިސްޓްރީން ބުނީ ކުންފުންޏާއި ބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދަށް މިއިސްލާހު ގެނައުމުން ގުޅިގެން، މިހާރު ކުންފުނިތަކުގައި ތިބި ބިދޭސީ ސެކްރެޓަރީންނަށް މަޤާމުތަކުގައި ތިބެވޭނީ އަންނަ ޑިސެމްބަރުމަހުގެ ނިޔަލަށްކަމަށެވެ. 

އެގޮތުން  ދިވެހިރާއްޖޭގައި މިހާތަނަށް ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ކުންފުނީގެ ސެކްރެޓަރީގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވާ ހުރިހާ ކުންފުނިތަކަކުން ޑިސެމްބަރ އެކެއް ގެ ކުރިން ދިވެއްސަކު އައްޔަންކުރުމަށްފަހު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓަރީކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އަންގާފައެވެ. 

މީގެ އިތުރުން ތިން ކުންފުންޏަށްވުރެ ގިނަ ކުންފުނީގެ
ސެކްރެޓަރީންގެ ގޮތުގައި މަސައްކަތްކުރާ މީހުންގެ ކިބައިގައި ވަކި ކަހަލަ ޝަރުތުތަކެއް ހުންނަންޖެހޭކަމަށް މިނިސްޓްެރީ ބުނެއެވެ. 

މިގޮތުން ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އޮޑިޓް ނުވަތަ ބިޒްނަސް
ކޮންސަލްޓަންސީ ފާމެއްގައި ފަންނީ މަސައްކަތެއް ކުރާ ފަރާތަކަށްވުން، ނުވަތަ ވިޔަފާރިއާގުޅޭ ދާއިރާއަކުން ޑިގްރީއެއް
ހާސިލުކޮށްފައިވާ ފަރާތަކަށްވުން ނުވަތަ ކުންފުނީގެ ސެކްރެޓަރީން ތަމްރީނުކުރުމަށް
ސީ.އެމް.ޑީ.އޭ އިން ހިންގާ ކޯސް
ފުރިހަމަކޮށް، ސަނަދު ލިބިފައިވާ ފަރާތަކަށްވާންޖެހޭ ކަމަށްވެސް މިނިސްޓްރީން
މައުލޫމާތުދެއެވެ.

މިބަދަލާ ގުޅިގެން، ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ
ޤަވާއިދު އިޞްލާޙުކުރުމަށްފަހު ވަރަށް އަވަހަށް ގެޒެޓް ކުރެވޭނެކަމަށްވެސް
މިނިސްޓްރީން މައުލޫމާތުދެއެވެ. 

ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނުގެ ދަށުން ކޮންމެ ކުންފުންޏެއްގައިވެސް ކުންފުނީގެ ސެކްރެޓަރީއެއް ހުންނަންޖެހޭނެއެވެ.