ކުޅިވަރު

ލިވަޕޫލް ސަޕޯޓަރުންގެ ތާއީދު އަދިވެސް ކްލޮޕްއަށް އެބައޮތް: ޖެރާޑް


އިންގްލިޝް ޕްރިމިއަރ ލީގުގެ އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލްގެ ސަޕޯޓަރުންގެ ތާއީދު އަދިވެސް ޔަރގަން ކްލޮޕްއަށް އެބައޮތް ކަމަށް އެޓީމް ދުށް އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ ކަމަށްވާ ސްޓީވަން ޖެރާޑް ހާމަކޮށްފިއެވެ. ޖެރާޑް މިކަން ހާމަކޮށްފައި މިވަނީ ލިވަޕޫލަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ކްލޮޕްއަށް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.

ސްކޮޓިޝް ޕްރިމިއަރ ލީގުގެ ކްލަބް ގްލާސްގޯ ރޭންޖަރސްގެ ކޯޗުކަމުގެ މަޤާމް އަދާކުރަމުންދާ ޖެރާޑް ހާމަކުރުގޮތުގައި ލިވަޕޫލްގެ ކޯޗްކަން ކުރުމަކީ އޭނާ ދެކޭ ހުވަފެނެއް ކަމަށާއި ނަމަވެސް ކްލޮޕް އެމަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން ހުރުމަށް އޭނާ އެދޭކަމަށެވެ. ޖެރާޑް މިކަން ހާމަކޮށްފައިމިވަނީ ސްކޮޓިޝް ޕްރިމިއަރ ލީގު ރޭންޖަރސްއަށް ވޭތުވެދިޔަ 10 އަހަރުގެ ތެރޭ ފުރަތަމަ ފަހަރަށް ކާމިޔާބު ކޮށްދިނުމަށްފަހު ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. ޖެރާޑް ހާމަކުރިގޮތުގައި ލިވަޕޫލްގެ ސަޕޯޓަރުން އެޓީމްގެ ކޯޗް ކަމާއި އޭނާ ހަވާލުވާން އަދި ބޭނުން ނުވާކަމަށާއި އޭގެ ބަދަލުގައި ކްލަބްގެ ސަޕޯޓަރުން ބޭނުންވަނީ ކްލޮޕް އެމަގާމްގައި ދެމިހުންނަން ކަމަށެވެ. އަދި އެކަމަށް އޭނާވެސް ފުރިހަމައަށް ތާއީދު ކުރާކަމަށް ޖެރާޑް ހާމަކުރިއެެވެ. ޖެރާޑް ހާމަކުރިގޮތުގައި ލިވަޕޫލްގެ ކޯޗުކަމުގެ ވާހަކަ ދައްކާކަށްވެސް ނުޖެހޭ ކަމަށާއި އެމަޤާމްގައި މިވަގުތު ހުރީ އެކަމަށް އެންމެ ޤާބިލް މީހާކަމަށެވެ.

ޖަރުމަނުގެ ޤައުމީ ޓީމްގެ ކޯޗުކަމުން ހޯކިމް ލޯ ވަކިވާކަން އިއުލާން ކުރުމާއި ގުޅިގެން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެމުން ކްލޮޕް ވަނީ ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން ނިމެންދެން އެކްލަބްގައި މަޑު ކުރާނެކަން ހާމަކޮށްފައެވެ. ކްލޮޕްވަނީ 30 އަހަރުގެ ދިގު މުއްދަތަކަށްފަހު މިދިޔަ ސީޒަންގައި އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ލިވަޕޫލަށް ހޯދާދީފައެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގުވެސް އޭގެ ކުރިން އެޓީމަށް ހޯދާދީފައެވެ. ނަމަވެސް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ލިވަޕޫލަށް މިސީޒަންގައި ލީގުގައި މިވަގުތު މާ ރަނގަޅު ކުޅުމެއް ދެއްކެމުން ނުދެއެވެ.