ޚަބަރު

އަދަދު 10،000 މައްޗަށް، ގިނައީ އަތޮޅުތެރޭގެ ދަރިވަރުން


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ އިސްނެންގުވުމުގެ ދަށުން 2019 ވަނަ އަހަރު ފެށި ހިލޭ ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވުމަށް 11 ހާހަށްވުރެ ގިނަ އެޕްލިކޭޝަންތައް ހުށައެޅިއެވެ. އޭގެ ތެރެއިން 10000 ކުއްޖަކަށް ވަނީ އެ ފުރުޞަތު ފަހިކޮށްދީފައެވެ. މީގެ ތެރޭގައި އަތޮޅުތަކަށް ނިސްބަތްވާ ކުދިންގެ އަދަދު ގިނަކަން ފާހަގަކޮށްލެވެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީ ހާސިލްކުރުމަށްޓަކައި ޖުމްލަ 11466 އެޕްލިކޭޝަން ހުށައަޅާފައިވެއެވެ. އޭގެތެރެއިން 10000 ދަރިވަރަކަށް އެ ފުރުޞަތު ފަހިކޮށްދީފައިވާއިރު މިވަގުތު 7173 ދަރިވަރަކު އަންނަނީ އެކި ދާއިރާތަކުން ޑިގްރީއަށް ކިޔަވަމުންނެވެ. އަދި މިއަހަރުގެ މިހާތަނަށް 845 ދަރިވަރަކަށް އެ ފުރުޞަތު ފަހިކޮށްދީފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ތައުލީމީ ޤާބިލު ޒުވާނުން އުފެއްދުމަށްވުރެ މުހިއްމު މަޝްރޫއެއް މި ސަރުކާރަށް ނޯންނާކެމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވާ ވިދާޅުވުމަށް ބާރު ލިބިގެންދަނީ ހިލޭ ޑިގްރީ ޕްރޮގްރާމް ސަރުކާރުން ކުރައްވަމުން ގެންދަވާ ބޮޑު ޚަރަދެވެ. ކޮންމެ ދަރިވަރަކަށް ހާހުން ޚަރަދުކުރަން ޖެހޭއިރު 2019 ވަނަ އަހަރު އެކަނިވެސް ދަޢުލަތުން ވަނީ މިކަމަށް 73،611،322.51 ރުފިޔާ ޚަރަދުކޮށްފައެވެ. 2020 ވަނަ އަހަރު 132،662،577.20 ރުފިޔާ ޚަރަދުކޮށްފައިވާއިރު މިއަހަރުގެ މިހާތަނަށް ވަނީ 34،439،631.01 ރުފިޔާ ޚަރަދުކޮށްފައެވެ. މިއާއެކު މިހާތަނަށް ސަރުކާރުގެ ޚަރަދުގައި ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ޖުމުލަ 240،713،530.72 ރުފިޔާ މިވަނީ ޚަރަދުކޮށްފައެވެ.

މި ސްކީމްގައި ބައިވެރިވެގެން ކިޔަވާ ކުދިންގެ ތެރެއިން 6788 ދަރިވަރުންނަކީ އަންހެން ދަރިވަރުންނެވެ. އެއީ ކިޔަވާ ކުދިންގެ 68 އިންސައްތައެވެ. އަދި 3212 ފިރިހެން ދަރިވަރުން ކިޔަވަމުން އަންނައިރު އެއީ 32 އިންސައްތައެވެ.

ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީގައި ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ހިލޭ ކިޔެވޭނެ ގޮތް މި ޕްރޮގްރާމްގެ ދަށުން ވަނީ ހަމަޖައްސާފައެވެ. އަދި އަމިއްލަ ކޮލެޖުތަކުން ޑީގްރީއަށް ކިޔަވާ ދަރިވަރުންގެ ކޯހުގެ %40 އާއި %60 އާ ދެމެދުގެ ޢަދަދެއް ސަރުކާރުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިސްކީމުގެ ދަށުން ހޮވިފައިވާ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުންދާ މަރުކަޒްތަކަށް ބަލާއިރު އެންމެ ގިނަ ދަރިވަރުން ކިޔަވަމުންދަނީ ޤައުމީ ޔުނިވަރސިޓީގައެވެ. އެއީ 29 އިންސައްތައެވެ. އަދި ހިލޭ ޑިގްރީގައި ކިޔަވާ ދަރިވަރުންގެ 5 އިންސައްތަ ދަރިވަރުން އިސްލާމީ ޔުނިވަރސިޓީގައިވެސް އަންނަނީ ތަޢުލީމް ހާސިލްކުރަމުންނެވެ.

އަމިއްލަ ކޮލެޖްތަކުގައި ޑިގްރީއަށް ކިޔަވާ ދަރިވަރުން

މި ޕްރޮގްރާމަކީ ރާއްޖޭގެ ހުރިހާ ދަރިވަރުންނަށްވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިކަން ތަފާސް ހިސާބުތަކުން ހާމަވެގެންދެއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މާލެއަށް ވުރެ ގިނައީ އަތޮޅުތެރޭގެ ދަރިވަރުންނެވެ. އެގޮތުން އަތޮޅުތަކުން ޖުމުލަ 8625 ދަރިވަރުން އަންނަނީ މި ޕްރޮގްރާމްގައި ބައިވެރިވެގެން ކިޔަވަމުންނެވެ.

ރަށްތަކުގެ ނިސްބަތުން ކިޔަވާ ދަރިވަރުންގެ އަދަދަށް ބަލާއިރު އެންމެ ގިނަ ދަރިވަރުން ނިސްބަތްވަނީ ވެރިރަށް މާލެއަށެވެ. މާލެއިން 1375 ދަރިވަރުން އަންނަނީ މި ޕްރޮގްރާމްގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަމުންނެވެ. ދެން އެންމެ ގިނަ ދަރިވަރުން ނިސްބަތް ވަނީ ފުވައްމުލަކަށް. އެސިޓީން 517 ދަރިވަރުން ހިލޭ ޑިގްރީއަށް ކިޔަވަމުން އަންނައިރު ސ. ހިތަދޫ 431 ދަރިވަރަކާއި ގދ. ތިނަދޫ 251 ދަރިވަރަކާއި ހދ. ކުޅުދުފުށީ 249 ދަރިވަރުންވެސް އަންނަނީ ތައުލީމީ މި ފުރުސަތުގައި އެކުދިން ބޭނުންވާ ދައިރާއިން ކުރިޔަށް ދަމުންނެވެ.

ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުން

ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔަވާ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުންދާ ކޯސްތަކަށް ބަލާއިރު މައިގަނޑު 26 ދާއިރާއަކުން އަންނަނީ ތަޢުލީމް ހާސިލްކުރަމުންނެވެ. އެގޮތުން ސަރުކާރުގެ އޮފީސްތަކަށް މުވައްޒަފުން ބޭނުންވާ އަދަދުތަކުގެ މައްޗަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ ޓްރެއިނިން ނީޑް އެނަލިސިސްގައިވާ އަދަދަދަށްވުރެ އިތުރަށް މި ސްކީމްގެ ދަށުން ބައެއް ދާއިރާތަކުން ކިޔަވަމުން އަންނަކަން ފާހަގަކުރެވެއެވެ.

މީގެއިތުރުން ޓްއަރިޒަމް ސެކުޓަރާއި އައިސިޓީ ދާއިރާއިން އެކިދާއިރާތަކަށް މުވައްޒަފުން ބޭނުންވާނޭ ގޮތުގެ އަންދާޒާއެއް ހަދާ އެކަންވެސް ވަނީ ހިމަނާފައެވެ. މިގޮތުން ޓްއަރިޒަމް ސެކުޓަރއިން ޓްރެވެލް އެންޑު ޓްއަރިޒަމް 226 ފުރުސަތަކާއި އެކައުންޓިން އެންޑު ފައިނޭންސުން 1018، ހެލްތު ސާވިސެސް 597، މެނޭޖުމަންޓު އެންޑު އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން 3503 މީހަކު އަދި މާކެޓިން އެންޑު އެޑްވަޓައިޒިން 116 ފަރާތަކުން ފުރަތަމަ ޑިގުރީ ސްކީމުގައި އަންނަނީ ކިޔަވަމުންނެވެ. އަދި ޓްއަރިޒަމް ދާއިރާގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިންފްރާސްޓްރަކުޗަރ ތަރައްގީ ކުރުމުގެ ރޮގުން 277 ފަރާތެއް ބޭނުންވާއިރު 79 މީހަކު މި ސްކީމުގެ ތެރެއިން ކިއަވަމުންދެއެވެ. އަދި ބިލްޑިން އެންޑު ސިވިލް އިންޖިނިއަރިން ދާއިރާގައި 18 މީހަކުވެސް އަންނަނީ ކިޔަވަމުންނެވެ.

މި ނަމްބަރުތަކުން ދައްކުވައިދެނީ ފުރަތަމަ ޑިގުރީ ސްކީމްގެ ދަށުން ކިއެވުމަށް ސަރުކާރުން ހުޅުވާލާފައި މިވާ ފުރުސަތަކީ މަސައްކަތުގެ ބާޒާރަށް ބޭނުންވާ ފެންވަރުގެ ޤާބިލު ޒުވާނުން އުފެއްދުމުގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިވެގެން ދިއަކަމެއް ކަމެވެ.
ހިލޭ ޑިގްރީގެ މި ޕްރޮގްރާމްގެ ސަބަބުން ރާއްޖެއިން ބޭރަށް ނުގޮސް ތައުލީމް ލިބުމުގެ ފުރުސަތު ފަހިވެ އެކަމަށް މާލީ ތަނަވަސްކަން ލިބިގެންދިޔުމަކީ ގިނަ އަދަދެއްގެ ފައިސާ ޤައުމުން ބޭރުނުވެ ހިފެހެއްޓުމުގެ އިތުރުން ރާއްޖޭގެ މަތީ ތައުލީމް އުންގަނައިދޭ މަރުކަޒުތައް ގިނަވެ އެ މަރުކަޒުތަކުން ހިންގާ ކޯސްތައް އިތުރުވުމަށް މަގު ފަހިވެގެންދާނެކަމެކެވެ.