ޚަބަރު

ޞުލްޙަޔާއި އަމާންކަން ކަށަވަރުކުރުމަށް، ފަތުވާ މަޖިލީހުގެ މަސައްކަތް މިހާރަށްވުރެ ފުޅާކުރަންޖެހޭ - މާރިޔާ


މުޖްތަމަޢުގެ ޞުލްޙަޔާއި އަމާންކަން ކަށަވަރުކުރުމަށްޓަކައި ފަތުވާ މަޖިލީހުން މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަން ޖެހިފައިވާކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވީ "ވިމެން އޭޒް ޕީސްބިލްޑަރސް އެންޑް އޭޖްންޓްސް އޮފް ޗޭންޖް އިން ދަ މޯލްޑިވްސް" ރިޕޯޓު އިފްތިތާޙުކުރުމަށް ޑިފެންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ފަތުވާ މަޖިލީހުން، ދިވެހި ރައްޔިތުންގެ މެދުގައި ދީނީގޮތުން ޚިލާފު އުފެދޭ މައްސަލަތަކަށް އެކަށޭނަ ޙައްލެއް ހޯދައިދީ، ކަން އޮންނަންވީ ސާފު ރަނގަޅު ގޮތް އޮޅުންފިލުވައިދީ، މުޖްތަމަޢުގެ ޞުލްޙަޔާއި އަމާންކަން ކަށަވަރުކުރުމަށްޓަކައި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަންޖެހިފައިވާކަމަށެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކުގެ ޢަމާޒަކީ ޒަމާނުއްސުރެ އެކުވެރިކަމާއި ބަދަހިކަމާއެކު ދިރިއުޅެމުން އަންނަ މުޖްތަމަޢެއް ދީން ހަތިޔާރަކަށް ހަދައިގެން ބައިބައިކޮށްލުންކަމަށްވަނީ ވިދާޅުވެފައެވެ.

ޑިފެންސް މިނިސްޓަރ ވިދާޅުވީ ރާއްޖެއަކީ އަމާން، ޞުލްޙަވެރި، އަދި މިންތީގެ ހަމަހަމަކަން ފުރިހަމަޔަށް ޤާއިމްވެފައި އޮންނަ ޤައުމަކަށް ހެއްދެވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި މިހާތަނަށް ކުރިއެރުންތަކެއް ހާސިލުކުރެވިފައިވާކަމަށެވެ.

އެގޮތުން، ކައުންސިލްތަކުގެ 33 އިންސައްތަ ގޮނޑި އަންހެނުންނަށް ޚާއްޞަކުރުމާއި، ސުޕްރީމް ކޯޓުގެ ބެންޗަށް ފުރަތަމަ ފަހަރަށް އަންހެން 2 ފަނޑިޔާރުން އައްޔަންކުރައްވާފައިވާކަން މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.