ސިޔާސީ

ރައްޔިތުންގެ ސަލާމްތެރިކަން ސަރުކާރުން ޔަގީންކޮށްދޭނެ: ރައީސް


ފިނިފެންމާ ލޯންޗްގައި ހިނގި ހާދިސާއާއި ގުޅިގެން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާ މި ޚުޠޫރަތްތެރި ދަނޑިވަޅުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް، ސަރުކާރުން އަޅަމުން ގެންދާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދިވެހި ރައްޔިތުންނަށް  އަރުއްވައިފިއެވެ. މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ތަހުނިޔާގެ ޚިތާބުގައި ރައީސް ޔާމީން ވިދާޅުވީ، [ފިނިފެންމާ] ލޯންޗްގައި ހިނގި އެއްޗެއް ގޮއްވާލުމުގެ ބިރުވެރި ޢަމަލަކީވެސް ވެރިކަމުގެ ދަހިވެތިކަމުގައި ދީފައިވާ ޙަމަލާއެއްކަން ޔަޤީންކުރެވިފައިވާކަމަށެވެ.މިއަދަކީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާއިން ދިވެހިންނަށް ނަސްރު ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ފާހަގަކުރަމުންދާ ނަސްރުގެ ދުވަހެވެ. ނަޞްރުގެ ދުވަހުގެ ‏މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފޮނުއްވި ތަހުނިޔާ ގެ ޚިތާބުގައި ވަނީ، ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް، ނަސްރުގެ ދުވަހުގެ  އުފާވެރި މުނާސަބަތުގައި އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. ރައީސުލްޖުމުހޫރިއްޔާގެ ޚިތާބުގައި ނަސްރުގެ ދުވަހަށް އަލިއަޅުވައިލެއްވުމުގެ އިތުރުން  ރާއްޖޭގެ މީހާރުގެ މަސްރަހަށްވަނީ ބައްލަވާލައްވާފައެވެ.  އެގޮތުން މިއަހަރުގެ ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހު [ފިނިފެންމާ] ލޯންޗްގައި ހިނގި އެއްޗެއް ގޮއްވާލުމުގެ ބިރުވެރި ޢަމަލަކީވެސް ވެރިކަމުގެ ދަހިވެތިކަމުގައި ދީފައިވާ ޙަމަލާއެއްކަން މިހާރު ޔަޤީންކުރެވިފައިވާކަމަށާއި، އެ ޙާދިޘާއާ ގުޅިގެން ދިވެހި ސިފައިންނާއި ފުލުހުން މިހާރު ހިންގަމުންގެންދާ އޮޕަރޭޝަންތަކުގައި، ގިނަ ޢަދަދެއްގެ ހަތިޔާރާއި، ބޮން ހަދަން ބޭނުންކުރާ ތަކެތި ފެނިފައިވާކަން އެއީ، ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހިފައިވާ ވަރަށް ނުރައްކާތެރި މައްސަލައެއްކަމުގައި ވިދާޅުވި. އަދި އެ ތަކެތި ރާއްޖެއަށް އެތެރެކުރީ ކޮންއިރަކުތޯއާއި، އެތެރެކުރި ގޮތާއި އަދި މިކަމުގެ އަޑީގައި ތިބީ ކޮންބައެއްތޯ ބެލުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން ކުރައްވަމުންގެންދަވާކަމަށް ވިދާޅުވިއެވެ"ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާ މި ޚުޠޫރަތްތެރި ދަނޑިވަޅުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް، ސަރުކާރުން އަޅަމުން ގެންދާނެ ކަމުގެ ޔަޤީންކަން، މި ފުރްޞަތުގައިވެސް ދިވެހި ރައްޔިތުންނަށް ދެއްވަން" ރައީސްގެ ޚިތާބުގައި ވިދާޅުވިއެވެ. އަދި މިކަމުގެ ފުރިހަމަ ތަޙުޤީޤެއް ހިންގައި، މިކަމުގައި ޒިންމާވާ ހުރިހާ ފަރާތްތައް، ޝަރީޢަތުގެ ކުރިމައްޗަށް ގެނެސް އެ ޖަރީމާ ހިންގި ބަޔަކަށް އެކަމުގެ ޙައްޤު އަދަބު ދޭނެކަމުގެ ޔަޤީންކަންވެސް، ދިވެހި ރައްޔިތުންނަށް ވަނީ އަރުއްވާފައެވެ. ރައީސްގެ މި ޚިތާބުގައި ކަންކަން ޙާޞިލުކުރުމުގެ އުންމީދުގައި ތިބި މަދު ބަޔަކަށް މުހިންމުވަނީ ޤައުމުގެ މަޞްލަޙަތަށްވުރެ އެމީހެއްގެ އަމިއްލަ މަޞްލަޙަތައްކަމުގައި ފާހަގަކުރައްވާ،  ވެރިކަމާއި ބާރުވެރިކަން ހޯދުމަށް އޮތް ޖާއިޒު މަގު އިޚްތިޔާރު ކުރުމުގެ ބަދަލުގައި ވަގުތީ އުފަލަކަށްޓަކައި އެތައް ބައެއްގެ ހިތުގައި ބިރުވެރިކަން އުފައްދައި، ނުރައްކާތެރި ޢަމަލު ހިންގުމަށް އެފަދަ ބަޔަކު ފަސްނުޖެހޭނެކަން، ރާއްޖެއަށް ކުރިމަތިވި މިފަދަ ކިތަންމެ ޙާދިޘާތަކުން އަޅުގަނޑުމެންނަށް ޔަޤީންވާކަމުގައި ވިދާޅުވިއެވެ.ރައީސްގެ ޚިތާބުގައި، ނަސްރުގެ ދުވަހުގެ ނުރައްކާތެރި ޢުދުވާނީ ޙަމަލާއިން، މާތްވެގެންވާ އިސްލާމްދީން ޙިމާޔަތް ކުރައްވައި، ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލުގެ ދިފާޢުގައި ޖިހާދު ކުރައްވައި ޝަހީދުވެވަޑައިގެންނެވި ހިތްވަރުގަދަ ޤައުމީ އަބްޠާލުންގެ ޒިކުރާ އާކުރެއްވިއެވެ. "މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމާއި ރައްޔިތުންގެ ޙައްޤުގައި އެ އަބްޠާލުން ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީ، ރާއްޖޭގެ ތާރީޚުގައި ކުލަގަދަ ޞަފްޙާތަކެއްގެ ގޮތުގައި ލިޔެވިފައިވާކަމަށާއި، ހަމައެޔާއެކު، އެދުވަހު ދިވެހި ސިފައިން ޤައުމަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ޖިހާދަކީ، ދުވަހަކުވެސް އަޅުގަނޑުމެން ދިވެހިންގެ ހަނދާނުން ފުހެވިގެންދާނެ ޖިހާދެއް ނޫން" ރައީސް ޔާމީން ވިދާޅުވި.  ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ދިވެހި ސިފައިން ކޮށްދެއްވި ޤައުމީ ޚިދްމަތުގެ އަގު ވަޒަންކޮށް، ދިވެހި ސިފައިންނަށް ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު އެމަނުކުފާނު ޝުކުރުއަދާކުރެއްވިއެވެ.މިއަދު، ނަޞްރުގެ ދުވަހުގެ ޒިކުރާ އާކުރަމުން އަންނައިރު، ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ރައްކާތެރިކުރުމަށްޓަކައި އަދި ރާއްޖޭގެ ރައްޔިތުން ސަލާމަތްކުރެއްވުމަށްޓަކައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވެވަޑައިގެންނެވި ޤުރްބާނީގެ މަތިންވެސް ހަނދާންއާކުރައްވާއި، އެ ޚުޠޫރަތްތެރި ދަނޑިވަޅުގައި، ވަރަށް ވިސްނުންތެރިކަމާއި ކެތްތެރިކަމާއެކު، އެ ނުރައްކާތެރި ޢުދުވާނީ ޙަމަލާއިން ދިވެހި ޤައުމާއި ރައްޔިތުން ސަލާމަތްކުރެއްވުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކަކީ، ތަޢުރީފް ޙައްޤު މަސައްކަތްޕުޅުތަކެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. މިއަދު ފާހަގަކުރަމުން މިދާ ނަޞްރުގެ ދުވަހުގެ ޙާދިޘާއިން ދިވެހިން ލިބިގަންނަންވީ އެންމެބޮޑު ޢިބްރަތަކީ، މި ލޮބުވެތި ޤައުމުގެ އަމާންކަމާއި ޞުލްޙަވެރިކަން ނަގާލުމަށް ދަހިވެތިވެފައިވާ ބަޔަކު، ޤައުމުގެ އެތެރޭގަޔާއި ބޭރުގައި، ސިއްރާއި ފާޅުގައި ކުރަމުންގެންދާ ކަންކަން ފާހަގަކުރައްވަމުން މިޚިތާބުގައި  ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ، އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި، މި ރީތި ގޮނޑުދޮށްތަކުގެ ހިޔަލުގައި، ކަނޑުފަޅުތަކުންނާއި، އެއްގަމުން ލިބޭ ރޯދީގައި އުޅެމުންމިދާ އުފާވެރި ހިތްގައިމު ދިރިއުޅުން އަޅުގަނޑުމެންގެ ކިބައިން ނިގުޅައިގަތުމަށްޓަކައި ކެތްމަދުވެފައިވާ ބަޔަކު އެބަތިބިކަމީ އޭރުވެސް އަދި މިއަދުވެސް ފެންނަން އޮތް ޙަޤީޤަތެއްކަމަށެވެ.