ފައިޒަރ އަދި މޮޑަނާ ވެކްސިނާ ގުޅޭގޮތުން ސައްޙަނޫން މަޢުލޫމާތު ފެތުރުމަށް ރަޝިޔާގެ ޖާސޫސީ އިދާރާތަކުން މަސައްކަތްކުރަމުންދާކަމަށް އެމެރިކާއިން ތުޙުމަތުކޮށްފިއެވެ.
އެމެރިކާގެ ރިޔާސީ އިދާރާކަމުގައިވާ ވައިޓު ހައުސްގެ ތަރުޖަމާނު ޖެން ސާކީ ވިދާޅުވީ ވެކްސިނާ ގުޅޭގޮތުން ސައްޙަނޫން މަޢުލޫމާތު ފެތުރުމަށް ރަޝިޔާއިން ކުރަމުންދާ މަސައްކަތްތައް ފާހަގަވެފައިވާކަމަށާއި އެކަން ގާތުން ބަލަމުންދާކަމަށެވެ. އަދި އެކަމާ ގުޅިގެން ފިޔަވަޅު އެޅުމަށް އެމެރިކާގެ ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާއިންވަނީ ސައްޙަނޫން މަޢުލޫމާތާއި ޚަބަރު ފެތުރުމުގައި ރަޝިޔާގެ ޖާސޫސީ އިދާރާތަކާ ގުޅުންހުރި ތިން ވެބުސައިޓެއް ދެނެގަނެފައިވާކަމަށް ބުނެފައެވެ. އެ ތިން ވެބުސައިޓުގައި ފައިޒާރ އަދި މޮޑަނާއިން ތައްޔާރުކޮށްފައިވާ ކޯވިޑް-19 ވެކްސިނާ ގުޅޭ ސައްޙަނޫން އެތައް މަޢުލޫމާތަކާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކާއި އަސްކަރީ މައްސަލަތަކާއި މުޒާހަރާތަކާ ގުޅޭ ސައްޙަނޫން ޚަބަރުތައް ޝާޢިއުކޮށްފައިވާކަމަށް އެ އިދާރާއިން ބުނެއެވެ.
ވައިޓު ހައުސްގެ ތަރުޖަމާނު ސާކީ ވިދާޅުވީ ސައްޙަނޫން މަޢުލޫމާތު ފެތުރުމަށް ކުރާ މަސައްކަތްތައް ހުއްޓުވުމަށް އެމެރިކާއިން މަސައްކަތްކުރާނެކަމަށެވެ. ސައްޙަނޫން މަޢުލޫމާތު ފެތުރުމަށް ރަޝިޔާއިން ގެންގުޅޭ އުކުޅުތަކަކީ އެމެރިކާއިން ދަންނަ އުކުޅުތަކެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވެކްސިންގެ ރައްކާތެރިކަން ޔަޤީންކޮށްދިނުމަށް އެމެރިކާގެ ސަރުކާރަށް ލިބޭ ހުރިހާ ފުރުޞަތެއްގެ ބޭނުން ހިފާނެކަމަށްވެސް ސާކީ ވިދާޅުވިއެވެ.
ފައިޒަރ އަދި މޮޑަނާ ވެކްސިންއާ ގުޅޭ ސައްޙަނޫން މަޢުލޫމާތު ފަތުރާކަމަށް އެމެރިކާއިން ކުރާ ތުޙުމަތުތައް ރަޝިޔާއިންވަނީ ދޮގުކޮށްފައެވެ.