ޚަބަރު

ވަކިތަނަކު މަސައްކަތްކުރާތީ ބޯހިޔާވަހިކަން ލިބޭކަށް ނުޖެހޭނެ: އީވާ


ވަކިތަނެއްގައި މަސައްކަތްކުރާތީ ބޯހިޔާވަހިކަން ލިބިގެން ނުވާނެކަމަށާއި، ބޯހިޔާވަހިކަން ލިބެންޖެހޭނީ އޭގެ އެންމެ ހައްގުވެރިންނަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ކުރީގެ ސަރުކާރުން ސްޓެލްކޯއާއި ހަވާލުކޮށްގެން ޢިމާރާތްކުރި ހިޔާ މަޝްރޫޢުގެ ފްލެޓްތަކާއި ގުޅިގެން މަޖިލީހަށް ހުށައެޅި މައްސަލައެއް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވީ، ބޯހިޔާވަހިކަމަކީ ވަކިތާކު މަސައްކަތްކުރާތީ ލިބެންޖެހޭ އެއްޗެއްނޫންކަމަށެވެ. މާލެއަކީ މުޅި ރާއްޖޭގައިވެސް ބިމާއި ގޯތި ހޯދުމަށް ދަތި ތަނަކަށް ވެފައިވާއިރު، ވަކިވަކި ކުންފުނިތަކުން ނިޒާމްތައް ކަނޑައަޅައިގެން ނުވަތަ އުސޫލްތައް ކަނޑައަޅައިގެން ވަކި ބަޔަކަށް ފްލެޓް ލިބޭގޮތް ހެދުމުން ބޯހިޔާވަހިކަމަށް އެންމެ ބޭނުންވެފައި ތިބި މީހުން ބޯހިޔާވަހިކަމުން މަހުރޫމްވާކަމަށެވެ.

"ބޯހިޔާ ވަހިކަން ލިބެންޖެހޭނީ ޖުމްލަ ގޮތެއްގައި ރަށުތެރެއަށް ބަލާ އެންމެ ބޭނުންޖެހިފައިވާ މީހުންނަށް. ވަކި ތަނަކު މަސައްކަތްކުރާތީ ބޯހިޔާވަހިކަން ލިބޭކަށް ނުޖެހޭނެ. މިސާލަކަށް ސްޓެލްކޯގަ މަސައްކަތްކުރީ 25އަހަރު، އެސްޓީއޯގައި މަސައްކަތްކުރީ 30 އަހަރު. އެކަމު މާލޭގައި އެބައޮތް 3 ގޯތި 4 ގޯތި 5 ގޯތި. އެހެންކަމަށްވަންޔާ އެމީއަކަށް ލިބިގެނެއް ނުވާނޭ. ބޯހިޔާވަހިކަން ލިބެންޖެހޭ މުއައްޒަފުން އެއީ ސްޓެލްކޯގައ އުޅުނަސް ރައްޔިތުންގެ މަޖިލީހުގަ އުޅުނަސް އަދި ފޮރިން މިނިސްޓްރީގަ އުޅުނަސް، ސަރުކާރުގަ އުޅުނަސް ސިވިލް ސާރވިސްގަ އުޅުނަސް، ކޮންމެ ތާކު އުޅުނަސް ބޯހިޔާވަހިކަން އަންނަންވާނީ މައިގަނޑު އެއް ސިޔާސަތެއްގެ އެއްލިސްޓެއްގެ ޕްލޭނެއްގެ އެއް ޕްރޮގްރާމެއްގެ އުސޫލެއްގެ ތެރެއިންނޭ."އިވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، މާލޭގައި ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވާ މީހުން އެންމެ ރަނގަޅަށް އެނގޭނީ މާލޭ ސިޓީ ކައުންސިލަށްކަމަށާއި، ބޯހިޔާވަހިކަން ލިބެންޖެހޭ މީހުން ކުންފުނިތަކުގެ މެނޭޖިންގް ޑިރެކްޓަރުން، ޗެއަރމަނުން އަދި ކުންފުނިތަކަށް ނޭނގޭނެކަމަށް އީވާ ވިދާޅުވިއެވެ.

އިީވާ ވިދާޅުވީ، މީގެ ކުރީގެ ބޯހިޔާވަހިކަމުން ފްލެޓް ލިބިފައިވާ މީހުންނަށް، ސިޔާސީ ގޮތުން ވަކި ބަޔަކާއި ގާތްކަން އޮތުމުން ބައެއް ކުންފުނިތަކުން ވަޒީފާދީ، އަދި ފްލެޓްވެސް ދީފައި އެބަހުރިކަމަށެވެ. އަދި ފްލެޓް ލިބުމުން ވަޒީފާއިން ވަކިވެފައިވާކަމަށެވެ. އީވާ ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އެފަދަ ވަރަަށް ގިނަ މައްސަލަތައް އެބަހުރިކަމަށާއި، އެކަން އެނގިގެންދިޔައީ މަޖިލީހުގައި ކުންފުނިތަކާއި ގުޅޭ ޚާއްޞަ ކޮމިޓީއެއް އެކުލަވާލާ މަސައްކަތްކުރުމުންކަމަށެވެ.

ކުރީ ސަރުކާރުން ހިޔާ މަޝްރޫޢުގެ ދަށުން އެޅުމަށް ކަނޑައަޅާފައިވާ ގިނަ ފްލެޓްތައް ވަނީ މަސައްކަތް ހުއްޓިފައެވެ. އަދި އެއީ އިންތިޚާބާއި ދިމާކޮށް ކުރިއަށްގެންދިޔަ ކަމެއްކަމަށް މިސަރުކާރުގެ ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް ވަނީ ވިދާޅުވިއެވެ.