ވިޔަފާރި

ޔޮޓްތަކުގައި ދަތުރުކުރާ ފަތުރުވެރިންގެ މެދުގައިވެސް ރާއްޖޭގެ މަޤްބޫލުކަން ބޮޑު


ޔޮޓްތަކުގައި ދަތުރުކުރާ މީހުންގެ މެދުގައި އެންމެ މަޤްބޫލު މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެއެވެ.

ސުޕަޔޮޓް ޓައިމްސްއިން ވަނީ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލު 5 ޔޮޓް މަންޒިލް ހޮވާފައެވެ. މި ލިސްޓުގެ 1 ވަނައިގައި އޮތީ ކޮސްޓަރިކާއެވެ. 2 ވަނައިގައި ރާއްޖެ ހިމެނޭއިރު 3 ވަނައިގައި އޮތީ ސެއިންޓް ބާރޓްސްއެވެ.

މި ލިސްޓުގެ 2 ވަނައިގައި ރާއްޖެ ހިމެނުމާއި ގުޅިގެން އޭޝިއާ ފެސިފިކް ސްޕަޔޮޓް މޯލްޑިވްސްގެ ހެޑް މުހައްމަދު ހަމީދު ވިދާޅުވީ، ކޯވިޑް19 ގެ ހާލަތުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު ރާއްޖޭގެ ފަތުރުވެރިކަން ހުޅުވާލުމަކީ ރާއްޖެއިން ނެގި ރަނގަޅު ފިޔަވަޅެއްކަމަށެވެ. މީގެ ސަބަބުން ރާއްޖެ އަންނަ ޔޮޓްތަކުގެ އަދަދު އިތުރުވެފައިވާކަމަށާއި ޔޮޓްތަކުގައި އަންނަ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް މަޤްބޫލުކަންވެސް އިތުރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ސްޕަޔޮޓް ޓައިމްސްއިން ވަނީ ރާއްޖެ އަންނަ ޔޮޓްތަކުގެ މެދުގައި އެންމެ މަޤްބޫލު 3 ސަރަހައްދެއްވެސް ބުނެފައެވެ. އެގޮތުން ރާއްޖެ އަންނަ ޔޮޓްތަކުގެ މެދުގައި އެންމެ މަޤްބޫލު 3 ސަރަހައްދެއްކަމަށް ބުނެފައިވަނީ ބ އަތޮޅާއި، އުތީމު އަދި ޅ. އަތޮޅެވެ.

ޔޮޓްތަކުގައި އަންނަ ފަތުރުވެރިންގެ މެދުގައި ބ. އަތޮޅަށް އޮންނަ ޝައުޤުވެރިކަން ބޮޑުވެފައިވަނީ އެހެން މީހުންނާއި އެކަހެރިކޮށް ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތުލިބި، ޤުދުރަތީގޮތުން އެ އަތޮޅަށް ލިބިފައިވާ ރީތިކަމުގެ ސަބަބުންނެވެ. އުތީމަށް އަންނަ ޔޮޓްތަކުގެ އަދަދު އިތުރުވެފައި ވަނީ ދިވެހިންގެ ތާރީހު މި ސަރަހައްދުން ފެނިގެންދާތީއެވެ. އަދި ޅ. އަތޮޅަށް ޔޮޓްތައް އަންނަ މިންވަރު އިތުރުކަމަށް ބުނެފައިވަނީ މި ސަރަހައްދަކީ ކަނޑުއަޑީގެ މުއްސަނދިކަން ލިބިފައިވާ ސަރަހައްދަކަށްވާތީއެވެ.

މި ސަރަހައްދުތަކުގެ އިތުރުންވެސް ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކަށްވެސް ގިނަ އަދަދެއްގެ ޔޮޓްތައް އާދެއެވެ. އެގޮތުން ހއ. އުލިގަމަކީވެސް ގިނަ އަދަދެއްގެ ޔޮޓް ބަނދަރުކުރާ ސަރަހައްދެކެވެ.

ކޯވިޑް19 އަށްފަހު ރާއްޖެއަންނަ ޔޮޓްތަކުގެ އަދަދު އިތުރުވެ ޔޮޓްތަކުގައި ދަތުރުކުރާ މީހުންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުވެފައިވާ ސަބަބެއްކަމަށް ބެލެވެނީ އެހެންމީހުންނާއި އެކަހެރިކޮށް ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ރާއްޖެއިން ލިބޭތީއެވެ. އަދި ކޯވިޑް19ގެ މި ދަނޑިވަޅުގައި ރާއްޖެއަށް ދަތުރުކުރުމަށް ކަނޑައަޅާފައިވާ ފަސޭހަ އުސޫލުތަކުގެ ސަބަބުންވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަނީ ރާއްޖެއަށް ދަތުރުކުރަމުންނެވެ.