ވިޔަފާރި

ދަނޑުވެރިންގެ އުފެއްދުންތައް ރިސޯޓްތަކަށް ދެމެހެއްޓެނިވި ގޮތަކަށް ސަޕްލައިކުރަން ފަށަނީ


އެގްރޯނެޓުގެ އަމާޒަކީ ދިވެހި ދަނޑުވެރިންގެ އުފެއްދުންތައް ރާއްޖޭގެ ރިސޯޓްތަކަށް ދެމެހެއްޓެނިވި ގޮތަކަށް ސަޕްލައިކުރަން ފެށުންކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން މިދިޔަ އަހަރުތެރޭ އުފައްދާފައިވާ އެގްރޯ ނޭޝަނަލް ކޯރޕަރޭޝަން، އެގްރޯނެޓުން ދަނީ ދަނޑުވެރިން ހައްދާ ތަކެތި ދާއިމީ ގޮތެއްގައި ގަނެވޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސުމަށް ދަނޑުވެރިންނާއެކު އެއްބަސްވުންތައް ޤާއިމްކުރަމުންނެވެ.

މިހާތަނަށް 47 ރަށެއްގެ ދަނޑުވެރިންނާއި އެކު އެއްބަސްވުންތައް ޤާއިމްކޮށްފައިވާއިރު، އެފަރާތްތަކަށް 17 ބާވަތެއް ހެއްދުމަށް އެގްރޯ ނެޓުންވަނީ ހަވާލުކޮށްފައެވެ. ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އެގްރޯނެޓް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވީ، އެކުންފުނީގެ އަމާޒަކީ މި 17 ބާވަތުގެ ތަރުކާރީ އާއި މޭވާ ރާއްޖެއަށް އެތެރެކުރާ މިންވަރު މަދުކުރުން ކަމަށެވެ. އަދި ރާއްޖެއަށް އެތެރެކުރާ ތަރުކާރީ އާއި މޭވާގެ ބޮޑު ބައެއް ދަނީ ރިސޯޓްތަކަށް ކަމަށްވުމުން ރިސޯޓްތަކަށް އެގްރޯ ނެޓުން ސަޕްލައިކުރަން ފެށުން މުޙިއްމުއެވެ.

"ރާއްޖެއަށް ތެރެކުރާ ގާތްގަނޑަކަށް 90 ޕަސަންޓް އަކީ މިއީ ރިސޯޓްތަކަށް ސަޕްލައިކުރަމުންދާ ބާވަތްތައް، އެހެންވީމަ އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ދަނޑުވެރިންލައްވައި މިތަކެތި ހައްދައި، ރަނގަޅު ސްކޭލަކަށް މި ތަކެތި އުފެއްދުމަށް މަސައްކަތްކުރުން، އެއަށްފަހު ރިސޯޓްތަކަށް ސަޕްލައިކުރަން ފެށުން،" ޙާރޫން ވިދާޅުވިއެވެ.

ޙާރޫން ވިދާޅުވީ މިކަމާއި ގުޅޭގޮތުން މިހާރު ރިސޯޓްތަކާއި ވެސް ވާހަކަދައްކަމުންދާ ކަމަށެވެ. އެގޮތުން ރިސޯޓްތަކަށް ބޭނުންވާ މިންވަރުވެސް ދެނެގަންނަމުންދާކަމަށް ޙާރޫން ވިދާޅުވިއެވެ.

އެގްރޯ ނެޓުން ދަނޑުވެރިންނާއި ގުޅިގެން ބާޒާރަށް ނެރުމަށް މަސައްކަތްކުރަމުންދާ ބާވަތްތަކަކީ ބަރަބޯ، ފަތްކެޔޮ، ބަށި، މެލަން، ފަޅޯ، ކަރާ، ބަޓަރ ނަޓްސް، ޓޮމާޓޯ، ކިއުކަމްބާ، ޗިޗަންޑާ، ތޮރާ، މާމިއާ ތޮޅި، ބީންސް، ކެޕްސިކަމް، ލެޓިއުސް، ކެބެޖް، ޗައިނީސް ކެބެޖް، ފަޅޯ އަދި ފަތްކެޔޮއެވެ.

އެގްރޯ ނެޓުންދަނީ ކުރިއަށް އޮތް ރޯދަމަހު ރާއްޖޭގެ ބާޒާރަށް މީގެތެރެއިން 15 ބާވަތެއްގެ ތަރުކާރީއާއި މޭވާ ނެރުމަށް މަސައްކަތްކުރަމުންނެވެެ. އެގްރޯ ނެޝަނަލް ކޯރޕަރޭޝަންގެ ފަރާތުން ކުރިއަށްގެންދާ "ކޮންޓްރެކްޓް ފާމިން"ގެ ދަށުން އެއްބަސްވުންތައް ޤާއިމްކޮށް ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދީ އެފަރާތްތަކުން ހައްދާ ތަކެތި ދާއިމީކޮށް އެ ކުންފުނިން ގަންނާނެއެވެ. މީގެ ސަބަބުން ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް މާކެޓްކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން ލިބިގެންދާނެއެވެ. އަދި ދިވެހި ދަނޑުވެރިންގެ އުފެއްދުންތަކަށް ހަމަ އަގު ލިބިގެންދާނެއެވެ.