ކުޅިވަރު

އޭއެފްސީ ކަޕްގެ އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި އަކޫ


އޭއެފްސީ ކަޕުގެ އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ރާއްޖޭގެ ގައުމީ ޓީމްގެ ކެޕްޓަން އަކްރަމް އަބްދުލް އަނީ ހިމެނިއްޖެއެވެ. އޭއެއްސީ ކަޕްގެ އެންމެ މޮޅު ޑިފެންޑަރުން ހޮވުމަށް އޭއެފްސީއިންވަނީ އޭއެފްސީގެ ވެބްސައިޓްގައި ޕޯލްއެއް ގާއިމްކޮށްފައެވެ.

ޓީމުގައި ކުރިއަށް ކުޅޭ ކުޅުންތެރިން ގޯލް ޖަހާއިރު، ޓީމަށް ކާމިޔާބު ހޯދައިދިނުމަށް ޑިފެންޑަރުންނަކީ މުބާރާތްތަކުގައި އެންމެ މުހިންމު އެއް ދައިރު އަދާ ކުރާ ކުޅުންތެރިންނެވެ. ދެކުނު އޭޝިޔާގެ ސަރަހައްދުން އަކްރަމް ހޮވިފައިވާއިރު، އޭއެފްސީއިންވަނީ އެންމެ މޮޅު 3 ޑިފެންޑަރުން ހޮވުމަށް 12 ކުޅުންތެރިން ޝޯޓް ލިސްޓް ކޮށްފައެވެ. މިލިސްގައި ހޮވިފައިވާ ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް ކާމިޔާބުކޮށްފައިވާއިރު، މިލިސްޓްގައި އަކްރަމް ހިމެނިފައިވަނީ އޭނާގެ ހުނަރާއި އިދިކޮޅު ޓީމްގެ ފޯވާޑުން ހުއްޓުމުގައި ކޮށްފައިވާ މަސައްކަތަށް ބަލާފައެވެ.

އޭއެފްސީ ކަޕްގައި އަކްރަމް އެންމެ ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައިވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްގައެވެ. ނިއުގެ އިތުރުން އަކްރަމްވަނީ ކުލަބް ވެލެންސިޔާ، ވީބީ އައްޑޫ އެފްސީ، ވިކްޓްރީ ސްޕޯޓްސް ކުލަބް އަދި ޓީސީ ސްޕޯޓްސް ކުލަބަށްވެސް ކުޅެފައެވެ. އޭއެފްސީ ކަޕްގެ 10 މުބާރާތެއްގައި 25ހަށް ވުރެއް ގިނަ މެޗް ކުޅެފައިވާއިރު، އަކްރަމް އެންމެ ފުރަތަމަ އޭއެފްސީ ކަޕްގެ މެޗެއްގައި ކުޅެފައިވަނީ އުމުރުން 14 އަހަރުގައެވެ. ރާއްޖެއިން 2 ފަހަރު ސާފް ޗެންޕިއަންޝިޕްގެ ތަށި އުފުލާލާފައިވާއިރު، އަކްރަމް ހިމެނިފައިވަނީ ސާފް ޗެންޕިއަންޝިޕް ދެ ފަހަރު ކާމިޔާބުކުރި މަދު ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއަކަށެވެ.

އެންމެ ފުރަތަމަ 2008ވަނަ އަހަރު ސާފް ޗެންޕިއަންޝިޕް ކާމިޔާބުކޮށްފައިވަނީ އަކްރަމްގެ ބޭބެ އައްސަދު އަބްދުލް ޢަނީގެ ކެޕްޓަންކަމުގެ ދަށުންނެވެ. އަދި 2019ވަނަ އަހަރު ސާފް ޗެންޕިއަންޝިޕް ކާމިޔާބުކޮށްފައިވަނީ އަކްރަމްގެ ކެޕްޓަންކަމުގެ ދަށުންނެވެ. އޭއެފްސީ ކަޕްގައި ޖަހާފައިވާ އެންމެ މޮޅު ސޯލޯ ގޯލާއި އޭއެފްސީ ކަޕްގެ އެންމެ މޮޅު ގޯލް ހޮވުމަށް އޭއެފްސީއިން ކުރިއަށްގެންދިޔަ ބްރެކެޓް ޗެލެންޖު ކާމިޔާބުކޮށްފައިވަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އަލީ އަޝްފާގެވެ. މިޕޯލްއިސްވެސް އަޝްފާގަށް ކުރި ލިބިފައިވަނީ ދިވެހިންގެ ގިނަ ބައެއްގެ ސަޕޯޓުންނެވެ.