ޚަބަރު

މާލޭން ފެނުނު އައިއީޑީއަކީ ފަރާއި ފަރުބަދަ ގޮއްވޭވަރުގެ އެއްޗެއް


މުލިއާގެ ކައިރިން ފެނުނު
އައި.އީ.ޑީ މިހާރު ނުގޮވާ ގޮތަށް ހަދާފައިވާ ކަމަށާއި، އޭތި ނައްތާލުމުގެ
މަސައްކަތް ކުރަމުންދާ ކަމަށް އެމް.އެން.ޑީ.އެފުން ބުނެފިއެވެ.



މުލިއާގެ ކައިރިން ފެނުނު
އައި.އީ.ޑީ ނުވަތަ ގޮވާ އެއްޗާއި ބެހޭގޮތުން މަޢުލޫމާތު ދިނުމަށް މިރޭ ކޯސްޓްގާޑް
ބިލްޑިންގްގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުން
ކެޕްޓަން އަލީ އިހުސާން ވިދާޅުވީ، މުލިއާގެ ސަރަޙައްދުގައި އެއްޗެއް ގޮއްވާލުމަށް
ބަޔަކު މަސައްކަތް ކުރާ ކަމަށް އިންޓެލިޖެންސަށް މަޢުލޫމާތު ލިބުނީ އިއްޔެގެ
ވަގުތެއްގައި ކަމަށެވެ. އަދި އައިއީޑީ އޮތް ތަން އެނގުނީ މިއަދު ހަވީރު ފަސްގަޑި
ސުންމިނެޓްގައި ކަމަށާއި، އޭތި ބާއްވާފައި އޮއްވާ ފެނުނީ މުލިއާގެ ދެކުނު
ސަރަހައްދުގައި އޮންނަ ނޫރާނީ ގޯޅީގައި އޮތް ހުދުކުލައިގެ ވެހިކަލެއްގެ
ކޮމްޕާޓްމެންޓްގެ މަތީގައި، ފޮތި ކޮތަޅެއްގެ ތެރޭގައި އޮއްވާކަމަށެވެ.
އިހްސާން ވިދާޅުވީ އައި.އީ.ޑީ އެސަރަހައްދުގައި ބާއްވާފައިވަނީ މިއަދުގެ
ވަގުތެއްގައިކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.



މާފަންނު ސްޓޭޑިޔަމްއަށް
އައި.އީ.ޑީ ގެންދިޔައީ އެސަރަހައްދުގައި އޭތި ނައްތާލުމަށް މަސައްކަތްކޮށްފިނަމަ
ޢާންމު ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި ކަމަށްވެސް
އިހްސާން ވިދާޅުވިއެވެ.



މިމަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ
ކަމާއި ބެހޭ ޔުނިޓްތަކުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މި ޝައްކުކުރެވުނު
އައިއީޑީ ހޯދާ މާފަންނު ސްޓޭޑިއަމްއަށް ގެންދެވި ކުރެވުނު މަސައްކަތުން ނުގޮވާގޮތަށް
ހަދާފައިވާ ކަމަށްވެސް އިހްސާން ވިދާޅުވިއެވެ. އެވަގުތު ސަރަހައްދުގައި ހުރި
ގެތަކުން މީހުން ހުސްކުރުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން
ކުރިޔަށްގެންގޮސްފައިވާ ކަމަށް އިހްސާން ވިދާޅުވިއެވެ.  މިގޮވާއެއްޗަކީ ގޮވައިފިނަމަ ބޮޑެތި
ގެއްލުންތަކެއް ލިބިގެންދާނެފަދަ އެއްޗެއް ކަމަށާއި، މިފަދަ ބާވަތުގެ
އައި.އީ.ޑީއަކީ ފަރުބަދަތަކާއި ފަރުތައް ގޮއްވުމަށް ޢާންމުކޮށް ބޭނުންކުރާފަދަ
އެއްޗެއް ކަމަށްވެސް އިހްސާން ވިދާޅުވިއެވެ. އަދި އައި.އީ.ޑީ ތައްޔާރުކޮށްފައިވަނީ
ދުރުގައި ތިބިގެން އެ ގޮއްވާލެވޭފަދަ ގޮތަކަށް ރިމޯޓް ކޮންޓްރޯލްކޮށް ކަމަށް
އިހްސާން ވިދާޅުވިއެވެ.



މި ހާދިސާ އިތުރަށް
ތަހުގީގު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ބޭނުންވާ އެހީތެރިކަން އެމްއެންޑީއެފުން
ފޯރުކޮށްދެމުން ދާނެ ކަމަށް އެމް.އެން.ޑީ.އެފުން ބުނެއެވެ. މިފަދަ ކޮންމެ
ދަނޑިވަޅެއްގައިވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ހުރިހާ
ފިޔަވަޅެއްވެސް ސަލާމަތީ ބާރުތަކުން އަޅަމުންގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން
ދޭ ކަމަށް ކެޕްޓަން ޢަލީ އިހްސާން ވިދާޅުވިއެވެ.