ޢިރާޤުގައި އޮންނަ އެމެރިކާގެ މަސްލަހަތު ރައްކާތެރިކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް އެމެރިކާގެ ސަރުކާރުން ކުރާނެކަމަށް އެ ޤައުމުގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވެފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައި އެމެރިކާގެ އަސްކަރީ ފައުޖުތައް މަރުކަޒުވެފައި ތިބޭ ޢިރާޤުގެ ވައިގެ އަސްކަރީ މަރުކަޒަކަށް ޙަމަލާތަކެއް ދީފައިވަނިކޮށެވެ.
އަންބާރު ޕްރޮވިންސުގައި އޮންނަ ވައިގެ އަސްކަރީ މަރުކަޒަށް ދިން ރޮކެޓު ޙަމަލާ ވީ އެންމެ އަވަހަކަށް ތަހުގީގުކޮށް އެ ޙަމަލާގެ ފަހަތުގައިވަނީ ކޮން ބައެއްކަން ދެނެގަތުމަށް އެމެރިކާއިން ޢިރާޤަށް ގޮވާލާފައިވާކަމަށް އޮސްޓިން ވިދާޅުވިއެވެ. އެ ޙަމަލާއަކީ އީރާނުގެ ވާގިވެރިކަން ލިބިފައިވާ ހަތިޔާރުއެޅި ހަނގުރާމަވެރިންގެ ޖަމާޢަތަކުން ދީފައިވާ ޙަމަލާއެއްކަމަށް ބެލެވޭކަމަށް މީގެ ކުރިން އެމެރިކާއިންވަނީ ބުނެފައެވެ.
އޮސްޓިން ވިދާޅުވީ ޢިރާޤުގައި ތިބި އެމެރިކާގެ އަސްކަރީ ފައުޖުތަކުގެ ރައްކާތެރިކަން ޔަޤީންކުރުމުގެ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް އެ ޤައުމުން ކުރާނެކަމަށެވެ. އެގޮތުން އެމެރިކާއިން އިސްވެ ޙަމަލާ ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ފެންނަނަމަ އެގޮތަކަށް ޢަމަލުކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޮސްޓިން ވިދާޅުވީ އެމެރިކާގެ ފައުޖުތައް އެ ޤައުމުގެ ސަރުކާރުން ދިފާޢުކުރާނެކަމާއި ޙަމަލާތަކާމެދު އެމެރިކާއިން ހިކުމަތްތެރި ފިޔަވަޅުތަކެއް އަޅާނެކަން އީރާނުން ދަންނަން ޖެހޭނެކަމަށެވެ. އަދި މި ޙާލަތުގައި އެންމެ ރަނގަޅު ގޮތަކަށް އީރާނުން ޢަމަލުކުރާނެކަމަށް އުންމީދުކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ދިން ޙަމަލާގައި އެމެރިކާގެ ފައުޖުގައި ހިމެނޭ އެއްވެސް މީހެއް ޒަޚަމްވިކަމެއް އެނގިފައިނުވާކަމަށް އެމެރިކާގެ ދިފާޢީ ވުޒާރާއިން ބުނެއެވެ. ނަމަވެސް ރޮކެޓު ޙަމަލާއިން ރައްކާތެރިވުމަށް ފިލުމުގެ ތެރޭގައި އެމެރިކާގެ ރައްޔިތަކަށް ހިތުގެ މައްސަލައެއް ދިމާވުމުގެ ސަބަބުން މަރުވެފައިވާކަމަށް އެ ވުޒާރާއިންވަނީ ބުނެފައެވެ.