ޚަބަރު

ޔަމަނުން ޤަޠަރާއެކު ޚާރިޖީ ގުޅުން ޤާއިމުކޮށްފި


ޤަޠާރާއެކު ޚާރިޖީ ގުޅުން އަލުން ޤާއިމުކޮށްފައިވާކަމަށް ޔަމަނުގެ ސަރުކާރުން ބުނެފިއެވެ.

ނިރުބަވެރި ޖަމާޢަތްތަކަށް އެހީތެރިވެ ޤަތަރުން އީރާނަށް އެއްބާރުލުންދޭކަމަށް ބުނެ 2017ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާއާއި ޔޫއޭއީއިން އިސްވެ ޤަޠަރާއެކު އޮންނަ ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް ކަނޑާލިއެވެ. ޤަޠަރާއެކު ގުޅުން ކަނޑާލުމުގައި ޔަމަނު ހިމެނޭގޮތަށް ޢަރަބި އެހެން ޤައުމުތަކުންވެސް ބައިވެރިވިއެވެ.

މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގައި ބޭއްވި ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ބައްދަލުވުމުގައި ސަޢުދީ ޢަރަބިއްޔާއާއި ޔޫއޭއީއާއި ބަޙުރައިނުންވަނީ ޤަޠަރާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެއްބަސްވެފައެވެ. އަދި ޤަޠަރާއިއެކު އަލުން ޚާރިޖީ އަދި ވިޔަފާރި ގުޅުން ޤާއިމުކުރުމަށްވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން އެ ޤައުމުތަކުގެ ވައިގެ ސަރަޙައްދުތައްވެސް ޤަތަރަށް ހުޅުވައިލުމަށްވަނީ އެއްބަސްވެފައެވެ.

އދން ބަލައިގެންފައިވާ ޔަމަނުގެ ސަރުކާރުންވެސްވަނީ އެހެން ޢަރަބި ޤައުމުތަކެކޭ އެއްގޮތަށް ޤަޠަރާއެކު ޚާރިޖީ ގުޅުން އަލުން ޤާއިމުކުރުމަށް ނިންމައިފައެވެ. ޔަމަނުގެ ޚާރިޖީ ވުޒާރާއިން ބުނީ ދެ ޤައުމުގެ ޚާރިޖީ ވަޒީރުން ޤަޠަރުގެ ދައުހާގައި ބައްދަލުކުރައްވާ ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން އަލުން ގާއިމުކުރުމާ ގުޅޭގޮތުން އެއްބަސްވުމަކާ ހަމައަށް އައިސްފައިވާކަމަށެވެ. ނަމަވެސް ޤަޠަރުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.