ޚަބަރު

އައު ޚިދުމަތްތަކާއެކު ހައްދުންމައްޗަށް ދުޅަހެޔޮކަން


މި ދެ އަހަރު އަހަރެމެންނަށް އެންމެ ބޮޑަށް އިވޭ އެއް ބަހަކީ "ލާމަރުކަޒީ" މި ބަހެވެ. ބޯހިޔާވަހިކަމުގެ ވާހަކަވިއަސް، ދަތުރުފަތުރަށްވިއަސް، ތަޢުލީމަށްވިއަސް އިވެނީ ޚިދުމަތްތައް ލާމަރީކަޒީ ކުރުމުގެ ވާހަކައެވެ. މީގެތެރެއިން އާއްމުން އެންމެ ބޭނުންވާ އަސާސީ ޚިދުމަތަކީ ސިއްޙީ ޚިދުމަތެވެ. މިޚިދުމަތްތައް ހޯދުމަށް މުޅި ދިވެހިރާއްޖެވެސް ބަރޯސާވެފައި އޮތީ މާލެއަށެވެ. އަތޮޅުތަކުގައި ހުރި ހޮސްޕިޓަލްތަކުން ޑޮކްޓަރަށް ދައްކާލެވުނަސް، އެންމެ އާދައިގެ ކުދިކުދި ޓެސްޓްތައް ހެދުމަށް ބޮޑު ޚަރަދުކޮށްފައި މާލެ އަންނަން ޖެހުނު މާޒީއަކީ ދުރު މާޒީއެއް ނޫނެވެ.

އާ ސަރުކާރު ވެރިކަމާ ހަވާލުވެ އަޑު އިވެންފެށި "ލާމަރުކަޒީ ނިޒާމު"ގެ ވާހަކަތައް ޙަޤީގަތަކަށްވަމުން އަންނަ މަންޒަރު މިއަދު މިވަނީ ފެންނަން ފަށާފައެވެ.

މުޅި ލ.އަތޮޅު ސިއްޙީ ޚިދުމަތް ހޯދުމަށް ބަރޯސާވާ ހޮސްޕިޓަލަކީ ލ.ގަމުގައި ހުންނަ ލ.ގަން ރީޖަނަލް ހޮސްޕިޓަލެވެ. ޑޮކްޓަރުން ތިބި ނަމަވެސް ވަސީލަތްތައް ނެތުމުގެ ސަބަބުން ހޮސްޕިޓަލުގެ އެންމެ ރަނގަޅު ފައިދާ ރައްޔިތުންނަށް ލިބެމުން އައިސްފައެއް ނުވެއެވެ.

ނިމުނު ދެ އަހަރުގެ ކުރު މާޒީވަނީ މި މަންޒަރު މުޅިން ބަދަލުކޮށްލާފައެވެ. އެގޮތުން ހޮސްޕިޓަލްގެ ޚިދުމަތަށް ބޭނުންވާ ޖާގަ އިތުރުކުރުމާއި، ޚިދުމަތް ދިނުމުގައި ލުއިފަސޭހަކުރުމަށް މުޢައްޒަފުން އިތުރުކުރުމުގެ އިތުރުން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންގޮސްފައިވަނީ ޚިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ގަމު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސަރވިސް އަލީ ނަޝީދު ވިދާޅުވީ ހޮސްޕިޓަލްގައި ޑޮކްޓަރުން ތިބިނަމަވެސް، މީގެކުރިން ވަސީލަތްތައް ނެތުމުން ޑޮކްޓަރުންގެ ބޭނުން އެކަށީގެންވާ ގޮތުގައި ނުހިފިވާކަމަށެވެ. އަދި ބޮޑެތި ޓެސްޓްތައް ހެދޭނެ ވަސީލަތް ނެތުމުން ޕޭޝަންޓުން މާލެ ފޮނުވަންޖެހޭކަމަށެވެ.

ނަމަވެސް މި މަންޒަރު މިހާރުވަނީ މުޅިން ބަދަލުކޮށްލާފައެވެ. 2019ގައި ހޮސްޕިޓަލްގައި ޚިދުމަތްދެމުން އައީ 180މުޢައްޒަފުންނެވެ. ނަމަވެސް މިހާރު މި އަދަދުވަނީ 260އަށްވުރެ އިތުރުވެފައެވެ. ހޮސްޕިޓަލްގެ ޚިދުމަތް އަވަސްކުރަން ކުރެވުނު މަސައްކަތުގައި ގިނަ އާ ވަޒީފާގެ ފުރުޞަތުތައްވެސް ފަހިވެގެން ގޮސްފައިވެއެވެ.

ނަޝީދު ވިދާޅުވީ ކުރިން 14ސްޕެޝަލިސްޓް ޑޮކްޓަރުން ތިބި ހޮސްޕިޓަލްގައި މިހާރު 19ސްޕެޝަލިސްޓް ޑޮކްޓަރުން ޚިދުމަތްދެމުންދާކަމަށެވެ. އެގޮތުން ހަމުގެ ބަލިތަކާއި، ކަރުންމަތީގެ ބަލިތަކާއި، ކަށީގެ ބަލިތަކާއި، ލޮލުގެ ބަލިތަކަށް ޚިދުމަތްދޭ ޑޮކްޓަރުންގެ އަދަދުވެސް އިތުރުކޮށްފައިވާކަމަށެވެ.

"ފުރަތަމަ އޯޕީޑީގެ ޖާގަ އިތުރުކޮށް 6 ކޮންސަލްޓޭޝަން ރޫމް ހެދީ. އަދި މިހާރު މިވަނީ އީއެންޓީ އޮޕަރޭޝަނަށް ބޭނުންވާ މެޝިނާއި، ލެބް ޓެސްޓް މެޝިނާއި އައިސީޔޫއާއި ފިޒިއޯތެރަޕީއަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށްފަ. އަދި މުޅި ހޮސްޕިޓަލަށް ޚިދުމަތްދެވޭނެ ބެކަޕް ޖެނެރޭޓަރު ސެޓެއްވެސްވަނީ ބަހައްޓާފަ." ނަޝީދު ވިދާޅުވިއެވެ.

އެންމެ ބޮޑެތި ސިއްޙީ ތަޙުލީލުތައްކަމަށްވާ ސީޓީ ސްކޭންގެ ޚިދުމަތްވެސް ގަމު ރީޖަނަލް ހޮސްޕިޓަލްގައި މިހާރުވަނީ ފަށާފައެވެ. މިދިޔަ ނޮވެމްބަރު މަހު ފެށި މިޚިދުމަތުގައި، މިހާތަނަށް 150އަށްވުރެ ގިނަ މީހުން ސީޓީ ސްކޭން ހަދާފައިވެއެވެ.

އަތޮޅުތަކުގައި ސިއްޙީ ޚިދުމަތް ފުޅާކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ބޮޑު ޚަރަދު ކޮށްގެން މާލެ އަންނަން ނުޖެހި ރަނގަޅުފެންވަރު ޚިދުމަތް ފޯރުކޮށްދިނުމެވެ. ނަޝީދު ވިދާޅުވި އާ ޚިދުމަތްތަކާއެކު ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން އަންނަ މީހުންގެ އަދަދު އާދަޔާ ޚިލާފަށް އިތުރުވެފައިވާކަމަށެވެ.

އެގޮތުން މިހާރު މަހެއްގެ މައްޗަށް 9000އަށްވުރެ ގިނަ މީހުން ހޮސްޕިޓަލުން އޯޕީޑީގެ ޚިދުމަތް ހޯދައެވެ.

"2020ގައި 103570މީހުން ދެއްކި. އެއީ ލ.އަތޮޅުގެ ރަށްތަކުން 56947މީހުން، އއ، އދ، ވ، މ،ފ،ދ،ތ ރީޖަންގެ 46623 މީހުން އަދި އެހެނިހެން ސަރަހައްދުތަކަށް ނިސްބަތްވާ 12736 މީހުން." ނަޝީދު ވިދާޅުވިއެވެ.

މެމޯގްރާމް ޓެސްޓުހެދޭނެ މެޝިނަރީވެސް މިހާރު އެހޮސްޕިޓަލަށް ގެންގޮސް، އެ ޚިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި ދަތުގެ ފަރުވާގެ ޚިދުމަތް ފުޅާކޮށް އަލުން ފެށުމަށްވެސްދަނީ ތައްޔާރުވަމުންނެވެ.

ސަރުކާރުން ޢަމާޒުހިފާފައިވަނީ ލ.ގަމު ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމެވެ. އެގޮތުން އެކްސްޓެންޝަން އިމާރާތެއް ހެދުމުގެ އިތުރަށް، ގަމު ރީޖަނަލް ހޮސްޕިޓަލަކީ ކެންސަރު ބައްޔަށް ޚާއްސަ ހޮސްޕިޓަލެއްގެ ގޮތުގައި ހެދުމަށް ސަރުކާރުންވަނީ ނިންމާފައެވެ.