ޚަބަރު

ކޯވިޑް-19 : މާލެއިން 92 މީހަކާއެކު އިތުރު 131 މީހުން ޕޮޒިޓިވް


ރާއްޖެއިން އިތުރު 131 މީހަކުކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 20،700 އަށްވުރެ މައްޗަށް އަރަފާއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ހާމަކުރައްވާފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ހުކުރު ދުވަހުގެ އިރުއޮއްސި 6:00އިން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00އަށް ރާއްޖެއިން އަލަށް ކޯވިޑް-19އަށް ޕޮޒިޓިވްވީ 131 މީހުންނެވެ.

މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 92 މީހުންނާއި މީހުން ދިރިއުޅޭ ރަށްތަކުން ޕޮޒިޓިވްވި 10 މީހުންނެވެ. މީގެ އިތުރުން ރިސޯޓުތަކުން ވަނީ 29 މީހަކު ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 20،794އަށް އިތުރުވެފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު 145 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު މިހާތަނަށް މި ބަލިޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 18،124 އަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2،599 މީހުންނެވެ. ބަލީގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 166 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިގެން މަރުވެފައިވަނީ 64 މީހުންނެވެ. އެއީ 56 ދިވެހިންނާއި 8 ބިދޭސީންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3،691 ސާމްޕަލް ވަނީ ނަގާފައެވެ. އަދި ރާއްޖެއިން ކޯވިޑް-19އަށް ޓެސްޓުކުރުމަށް ނެގި ސާމްޕަލްގެ އަދަދު މިހާރު ވަނީ 551،978 އަރާފައެވެ.