ޚަބަރު

ބައިޑަންގެ ސްޓިމިއުލަސް ޕެކޭޖަށް ސެނެޓުން ރުހުން ދީފި


އެމެރިކާގެ ރައީސް ޖޯ ބައިޑަން އެކުލަވާލައްވާފައިވާ 1.9 ޓްރިލިއަން އެމެރިކާ ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖަށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ މަތިގެއިން ރުހުން ދީފިއެވެ.

އެމެރިކާގެ ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި އެމެރިކާގެ ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް 400 ބިލިއަން އެމެރިކާ ޑޮލަރުވަނީ ކަނޑައަޅައިފައެވެ. އެ ބިލުގައި އެމެރިކާގެ ގިނަ ރައްޔިތުންނަށް 1،400 އެމެރިކާ ޑޮލަރުގެ ޗެކު ދޫކުރުމަށާއި ކޯވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ 9.5 މިލިއަން މީހުންނަށް ހަފުތާއަކު 400 ޑޮލަރު ދޫކުރާ މުއްދަތު އިތުރުކުރުމަށްވަނީ ހުށަހަޅައިފައެވެ. އޭގެ އިތުރުން ސްޓޭޓުތަކާއި ސަރަޙައްދީ ސަރުކާރުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 350 ބިލިއަން އެމެރިކާ ޑޮލަރުވަނީ ކަނޑައަޅައިފައެވެ. 100 މެންބަރުން ތިއްބަވާ ސެނެޓުން ސްޓިމިއުލަސް ޕެކޭޖުގެ ބިލު ފާސްކޮށްފައިވަނީ 50 މެންބަރުންގެ ވޯޓާއެކުގައެވެ. އިދިކޮޅު ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ އެއްވެސް މެންބަރަކު އެ ބިލާ އެއްކޮޅަށް ވޯޓު ދީފައެއް ނުވެއެވެ.

ބިލާމެދު ވޯޓު ލުމުގެ ކުރިން 27 ގަޑިއިރަށް ދެމިގެންދިޔަ ބަހުޘުގައި ވެރިކަންކުރާ ޑިމޮކްރެޓިކު ޕާޓީގެ މެންބަރުންނާއި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މެންބަރުންވަނީ ބިލުގައި ހުރި ގިނަ މާއްދާތަކާމެދު ބަހުޘްކޮށް ބިލަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ. ބައިޑަން ހުށަހެޅުއްވި ޕެކޭޖުގައި ވަޒީފާ ގެއްލިފައިވާ މީހުންނަށް ހަފުތާއަކު 400 އެމެރިކާ ޑޮލަރު ދިނުމަށް ހުށަހަޅާފައިވީނަމަވެސް އެ ޢަދަދާމެދު ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ މެންބަރުން ހިތްހަމަނުޖެހުމުން އެ ޢަދަދުވަނީ 300 އެމެރިކާ ޑޮލަރަށް ބަދަލުކޮށްފައެވެ. އެންމެ ދަށް އުޖޫރަ ގަޑިއިރަކު 7.5 އެމެރިކާ ޑޮލަރުން 15 އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ބިލުގައި ހުށަހަޅާފައިވާ ހުށަހެޅުންވެސް ސެނެޓުން ބަލައިގެންފައެއް ނުވެއެވެ.

ޤާނޫނެއްގެ ގޮތުގައި އެ ބިލު ތަސްދީގުކުރުމަށް ބޭނުންވާ އެންމެ ފަހު ޙުއްދަ ހޯދުމަށް ޤާނޫނުހަދާ މަޖިލީހުގެ ތިރިގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއަށް އަނެއްކާވެސް ބިލު ފޮނުވަންޖެހެއެވެ. ހައުސް އޮފް ރިޕްރެޒެންޓޭޓިވްގެ އަޣުލަބިއްޔަތު އޮތީ ޑިމޮކްރެޓިކު ޕާޓީއަށެވެ. އެހެންކަމުން އިތުރު މައްސަލަތަކެއް ދިމާނުވެ އެ ބިލު ޤާނޫނަކަށް ހެދުމަށް ފާސްވާނެކަމަށް ބެލެވެއެވެ. އަންނަ ހަފުތާގެ ތެރޭގައި ތިރިގެއަށް ބިލު ފޮނުވުމަށްވަނީ ހަމަޖެހިފައެވެ.