ޚަބަރު

ވެކްސިންގެ ދެވަނަ ޑޯޒްއާއެކު ކަރަންޓީން ނުވެ ދަތުރުކުރެވޭނެ: ހެލްތު މިނިސްޓަރ


ކޯވިޑް-19 އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރުމަށްފަހު ކަރަންޓީން ނުވެ ދަތުރުކުރެވޭނެކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަޞީމް ވިދާޅުވެއްޖެއެވެ. މިހާރު އޮންނަ އުޞޫލްގެ ދަށުން މާލެއިން ރަށްރަށަށްދާނަމަ 10 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރަންޖެހެއެވެ.

ދިވެހި ރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ އަޙުމަދު ނަޞީމް ވިދާޅުވީ ދުނިޔޭގެ ބައެއް އެހެން ޤައުމުތަކެކޭ އެއްފަދައިން ދަތުރު ފަތުރުކުރުމުގެ ފަސޭހައަށް ވެކްސިން ޕާސްޕޯޓެއް ތަޢާރަފްކުރަން ނިންމަވާފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ވެކްސިން ނުޖަހާނަމަ ދުވަސްކޮޅަކުން ދަތުރުކުރުން ފަދަ ކަންކަމުގައި އުނދަގޫތަކާ ކުރިމަތިލުމަކީ ގާތްކަމެއްކަމަށާއި މިހާރުވެސް ބައެއް ޤައުމުތަކުގައި ވެކްސިން ގްރީން ކާޑު ތަޢާރަފްކޮށްފައިވާކަމަށެވެ. އެހެންކަމުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރި ކަމުގެ ޔަގީންކަމަށް ކުރިއަތް އޮތް ތަނުގައި ޤައުމުތަކުން އެދޭނެތީވެ ސަރުކާރުގެ ވިސްނުމަކީ ކުރިއަށް އޮތް ދެތިން ހަތަރު މަސް ތެރޭގައި ވެކްސިން ޕާސްޕޯޓް ތަޢާރަފްކުރުންކަމަށެވެ.

"ދެ ޑޯޒު ފުރިހަމަކޮށް ވެކްސިން ޕާސްޕޯޓް އޮތީވިއްޔާ ދަތުރުކުރުމާއި ރާއްޖޭގެ އެއް ތަނުން އަނެއް ތަނަށް ވެސް ދަތިކަމެއް ނެތި ދެވޭނެ. އޭރަށް ރަށްރަށުގައި ގޮސް ކަރަންޓީންވާކަށް ވެސް ނުޖެހޭނެ." ހެލްތު މިނިސްޓަރ އަޙުމަދު ނަޞީމް ވިދާޅުވިއެވެ.

މިނިސްޓަރ ނަޞީމް ވިދާޅުވީ އާބާދީ ބޮޑެތި ރަށްރަށަށް ސަރުކާރުން މިހާރު ވެކްސިން ފޮނުވާފައިވާކަމަށެވެ. އަދި އަމާޒަކީ ބޮޑު އާބާދީ އޮންނަ ރަށްރަށުގައި ވީ އެންމެ އަވަހަކަށް ވެކްސިން ޖަހާ ނިންމާލުން ކަމަށެވެ. އެގޮތުން ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގައި ގިނަ އދަދެއްގެ މީހުން ވެކްސިން ޖަހާފައިވާކަމަށެވެ.

މި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓރ ވިދާޅުވީ ރާއްޖެއިން ވެކްސިން ގަތް އަގު ހާމަކުރެވެން ނެތީ އެއްބަސްވުމުގައި އޮންނަ މާއްދާއަކާ ހެދި ކަމަށެވެ. އެސްޓްރާޒެނެކާއިން އެކި ގައުމުތަކަށް ވެކްސިން ވިއްކަނީ އެކި އަގުގައި ކަމަށާއި އެހެންވެ އަގު ހާމަނުކުރަން ރާއްޖެއިން އެ ކުންފުންޏާއެކު އެއްބަސްވެފައިވާ ކަމަށާއި ވެކްސިން ލިބިފައިވަނީ ހެޔޮ އަގެއްގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއިން މިވަގުތު ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑްގެ ވެކްސިންއެވެ. ނަމަވެސް ސަރުކާރުން ވަނީ 700000 ވެކްސިން ޑޯޒް ގަތުމަށް ސިންގަޕޫރުގެ ކުންފުންޏަކާއެކު ސޮއިކޮށްފައެވެ.

މިދިޔަ މަހުގެ 1 ވަނަ ދުވަހު ވެކްސިން ޖަހަން ފަށާފައިވާއިރު ރާއްޖޭގައި މިވަގުތު އުމުރުން 18 އަހރުން މަތީގެ މީހުންނަށް އަންނަނީ ވެކްސިން ޖަހާދެމުންނެވެ. އެގޮތުން މިހާތަނަށް އެއްލައްކަ ސާޅީސް ފަސް ހާހަށްވުރެ ގިނަ މީހުންވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.