ޚަބަރު

ދިރާސީ އާއަހަރު ދެން ފެށޭނީ އޯގަސްޓްމަހު


ދިރާސީ އާ އަހަރުފެށޭ ދުވަސް އޯގަސްޓްމަހަށް އެޑިއުކޭޝަން މިނިސްޓްރީން ބަދަލުކޮށް އެކަން ރަސްމީކޮށް އިޢުލާންކޮށްފިއެވެ. މިކަން އިޢުލާންކޮށްފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީއެވެ.

ކޮންމެ އަހަރެއްގެ ދިރާސީ އާ އަހަރުގެ ކިޔެވުން އޯގަސްޓްމަހަށް ބަދަލުކުރިކަން ހާމަކުރައްވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ މިގެނައި ބަދަލާއެކު ދެން ބޮޑު ޗުއްޓީ ލިބޭނީ ޖޫން މަހުގެ ފަހުކޮޅު ނުވަތަ ޖުލައި މަހުގެ ކުރީކޮޅު ކަމަށެވެ. އަދި ފުރަތަމަ ޓާރމްގެ ކިޔެވުމަށްފަހު ޗުއްޓީގެ ގޮތުގައި 2 ހަފްތާ ލިބިގެންދާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ ދިރާސީ އަހަރުގެ ކިޔެވުން ފެށޭ ދުވަސްވަރަށް ބަދަލު ގެނެސްފައިވަނީ ދަރިވަރުންނާއި މުދައްރިސުންނާއި، ބެލެނިވެރިންގެ އިތުރުން ކަމާއިގުޅޭ ފަރާތްތަކާއެކު މަޝްވަރާ ކުރެއްވުމަށްފަހުކަމަށެވެ. މިގެނައި ބަދަލާއެކު ދަރިވަރުންނަށް ފައިދާވާނެކަން ހާމަކުރައްވާ މިނިސްޓަރ ވިދާޅުވީ މި ބަދަލާއެކު ބައިނަލްއަޤްވާމީ ގޮތުން ދަރިވަރުންނަށް ލިބޭ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް މަގުފަހިވެގެންދާނެކަމަށާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންވެސް އެމީހުންގެ ދަރިންނާއި އާއިލާއާއެކު ޗުއްޓީ ހޭދަކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ. މީގެ އިތުރުން އެކި ސިނާއަތްތަކުގައި މަސައްކަތުގެ ތަޖުރިބާތައް ހޯދުމުގެ ފުރުޞަތުވެސް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިހްސާން ވިދާޅުވީ މި ބަދަލާއެކު އޭލެވެލް ހަދާ ދަރިވަރުންގެ އުނގެނުމުގެ މަރުހަލާއިން ގެއްލިގެން ދާނެކަމަށް ބައެއް ފަރާތްތަކުން ބުނާ މުއްދަތު ގެއްލިގެން ނުދާނެކަމަށެވެ. އަދި މިބަދަލާއެކު މިހާރުވެސް އޭލެވެލް މެއި ޖޫންގައި އޮންނާނެކަމަށެވެ. އިހްސާން ވިދާޅުވީ ގްރޭޑް 10ގެ ދަރިވަރުންގެ ފަހު އިމްތިހާން އޮކްޓޫބަރު ނޮވެމްބަރުގައި ނިމުނު ނަމަވެސް އޭލެވެލް އިމްތިހާން ޖޫންމަހު ފެށޭތީ އޯލެވެލް ނިންމާ ދަރިވަރުން 6 މަހަށް މަޑުކުރަންޖެހޭގޮތަށް އޮތް އޮތުން ނިމުމަކަށް އަންނާނެކަމަށެވެ. އާއްމުގޮތެއްގައި ކޮންމެ އަހަރެއްގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަނީ ޖެނުއަރީ މަހުއެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތަކާއެކު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދިރާސީ އަހަރުގެ ކިޔެވުން ފެށޭ ތާރީޚަށް ބަދަލުގެނައުމަށްޓަކައި އާންމުންގެ ޚިޔާލަށްވެސް އެދިފައެވެ.

މީގެ އިތުރުން ކޯވިޑްއާއި ގުޅިގެން ކިޔަވައިދިނުމަށް އައި ބުރަތަކާއެކު މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުންވެސް ފެށުމަށް ހަމަޖެހިފައިވަނީ އޯގަސްޓްމަހުއެވެ. އަދި މިދަނޑިވަޅަކީ ދިރާސީ އަހަރުގެ ކިޔެވުން ފަށާތާރީޚަށް ބަދަލުގެނައުމަށް ރަނގަޅު ދަނޑިވަޅެއްކަން އެޑިއުކޭޝަން މިނިސްޓްރީން ހަމާކުރައްވައެވެ. މިނިސްޓްރީން ވިދާޅުވީ މިއައި ބަދަލާއެކު ކުރިއެކޭވެސް އެއްގޮތަށް ކިޔެވުން އޮންނާނީ ދެ ޓަރމްގައި ކަމަށާއި އެކަޑަމިކް ކަލަންޑަރުގައިވާގޮތަށް އިތުރު ހަރަކާތްތައްވެސް ކުރިއަށްގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.