ޚަބަރު

ނުރައްކާތެރި ހަތިޔާރު ފެންނަމުންދާތީ ކަންބޮޑުވޭ - އެޗްއާރުސީއެމް


 މާލެއާއި ރާއްޖޭގެ
ރަށްތަކުން ނުރައްކާތެރި ހަނގުރާމަވެރި ހަތިޔާރު ފެންނަމުން ދާތީ ހިއުމަން
ރައިޓްސް ކޮމިޝަނުން ކަންބޮޑުވުންފާޅުކޮށްފިއެވެ. 



ހިއުމަންރައިޓްސް
ކޮމިޝަން އޮފް ދި މޯލްޑިވްސްއިން ނެރުނު ބަޔާނުގައި ބ. ހިބަޅިދޫ ކިޔާ ފަޅުރަށަކުން
ނުރައްކާތެރި ހަތިޔާރުތަކާއި ގޮވާތަކެތި ފެނިފައިވާއިރު، އޭގެ ތެރެއިން ބައެއް
ހަތިޔާރަކީ އެމްއެންޑީއެފުން ބޭރުވެފައިވާ ތަކެތި ކަމަށްވާކަމީ، މުޅި ދިވެހި
ރައްޔިތުންނަށް އޭގެ ނުރައްކާތެރިކަމާއި ބިރުވެރިކަން އިންތިހާއަށް ބޮޑުކަމެއް
ކަމުގައި ދެކޭކަމަށް ވިދާޅުވެފައިވެއެވެ.



މިބަޔާނުގައި އެތައް
ބައެއްގެ ފުރާނައަށް އެއްފަހަރާ ގެއްލުންދެވޭ ފަދަ ހަނގުރާމަވެރި ހަތިޔާރުތަކެއް
ޤައުމީ ދިފާޢީ ބާރުން ބޭރުގައި ހުރުމަކީ ހިއުމަން ރައިޓްސް ކޮމިޝަނުން ބަލައިގަނެވޭނެ
ކަމެއް ނޫންކަމަށް ވިދާޅުވެފައިވެއެވެ.



އެހެންކަމުން ރިޔާސީ ލޯންޗްކޮޅުގައި
އެއްޗެއް ގޮއްވާލުމުގެ ހާދިޘާއާއި އަދި ފެނިފައިވާ ހަނގުރާމަވެރި ހަތިޔާރުތަކުގެ
މައްސަލަ ތަޙްޤީޤުކުރުމުގައި އެންމެހާ ޤާނޫނުތައް، އޭގެ އެންމެ ފުރިހަމަ މާނާގައި
ބޭނުންކޮށްގެން ވީހާވެސް އަވަހަށް ތަޙްޤީޤުފުރިހަމަކޮށް، މިނުރައްކާތެރި ޢަމަލު
ހިންގާފައިވާ ފަރާތްތައް ޝަރީޢަތުގެ ކުރިމައްޗަށް ހާޒިރުކުރުމަށް، ދައުލަތުގެ
ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލާކަމަށް މިބަޔާނުގައިވެއެވެ.



މީގެ އިތުރުން ޒަމާނަށް
އެކަށީގެންވާ ހެއްކާ ބެހޭ ޤާނޫނަކާއި ހެކި ރައްކާތެރިކުރެވޭނެ ފުރިހަމަ ޤާނޫނީ
އޮނިގަނޑެއް ނެތުމަކީ މިފަދަ ތަޙްޤީޤުތައް ހިންގުމުގައި ދައުލަތުގެ ތަޙްޤީޤީ
އިދާރާތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުންކަމަށް އެކޮމިޝަނުން ފާހަގަކުރެއެވެ.



އެހެންކަމުން
ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަން އިތުރަށް މެދުވެރިވިޔަ ނުދިނުމުގެ ގޮތުން، ވީހާވެސް އަވަހަކަށް ހެއްކާ ބެހޭ ޤާނޫނެއް ހަދައި، އަދި
ހެކި ރައްކާތެރިކުރެވޭނެ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ދިވެހިރާއްޖޭގެ
ޤާނޫނުހަދާ މަޖިލީހަށް އިލްތިމާސްކުރާކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުގެ
ބަޔާނުގައިވެއެވެ.