ޚަބަރު

ބަޖެޓު ހުށަހެޅުމާއިއެކު ބަހުސްކުރެވޭ ގޮތަށް ޤަވާއިދު ބަދަލުކޮށްފި


ރައްޔިތުންގެ މަޖިލީހަށް ދައުލަތުގެ ބަޖެޓް ހުށައެޅުމާއި އެކު ބަޖެޓް ބަހުސް ފެށޭގޮތަށް މަޖިލީހުގެ ގަވާއިދު އާންމުކޮމިޓީން ފާސްކޮށްފިއެވެ.މަޖިލީހުގެ ގަވައިދުގައި މިހާރު ބުނެފައިވާގޮތުން، ބަޖެޓުގެ ބަހުސް ކުރިއަށްގެންދެވޭނީ ބަޖެޓް ހުށަހަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް ދިނުމަށްފަހުއެވެ. ނަމަވެސް އާންމު ކޮމިޓީން މިއަދު ވަނީ އެ މާއްދާ އުނިކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރ ވަޑައިގަންނަވާ ދުވަހު ބަޖެޓު ބަހުސް ފެށޭގޮތަށް އިސްލާހުކޮށްފައެވެ.މީގެ އިތުރުން މަޖިލީހުގެ ގަވާއިދަށް މިއަދު ގެންނެވި ދެވަނަ އިސްލާހުގައި ބުނެފައިވަނީ، ބަޖެޓުގެ ބަހުސް ކުރިއަށް ގެންދާ މުއްދަތުގެ ތެރޭގައި، ބަޖެޓާ ގުޅޭ މައުލޫމާތު ބޭނުންވާ މެމްބަރަކަށް ފިނޭންސް މިނިސްޓަރު އެ މައުލޫމާތު ދެއްވަން ވާނެކަމަށެވެ. ނަމަވެސް މިހާރު ގަވާއިދުގައި ބުނެފައިވާގޮތުގައިބަޖެޓާ ގުޅޭ ގޮތުން މައުލޫމާތު ބޭނުންވާ މެމްބަރުންނަށް އެކަމަށް ފިނޭންސް މިނިސްޓަރުގެ ކިބައިން އެދިވަޑައިގެންނެވޭނީ، ބަޖެޓް ހުށަހަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހުކަމަށެވެ. މި އިސްލާހުތަކަކީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ހުށައެޅުއްވި އިސްލާހުތަކެކެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މިމަހުގެ ބާރާއިގެ ކުރިން މަޖިލިހަށް ހުށައަޅަންޖެހޭނެއެވެ. ***********