ދުނިޔޭގެ ވިޔަފާރި

އައިކިއާގެ ފިހާރައެއް އިންޑިއާގެ ބެންގަލޫރުގައި ހުޅުވަނީ


ފަރުނީޗަރު ވިއްކުމުގައި ދުނިޔޭގެ މަޝްޙޫރު ކުންފުނި، އައިކިއާގެ ވިޔަފާރި އިންޑިއާގައި ފުޅާކުރުމުގެ މަސައްކަތް އެކުންފުނިން ފަށައިފިއެވެ.

ކޯވިޑާއި ގުޅިގެން ފާއިތުވީ އަހަރުތެރޭ ވަނީ އައިކިއާއިން އިންޑިއާގައި އެކުންފުނީގެ ވިޔަފާރި ފުޅާ ކުރުމަށް ކުރަމުން އައި މަސައްކަތްތައް މަޑުޖެހިފައެވެ. އެހެންނަމަވެސް މިހާރު އަލުން މި މަސައްކަތްތައް ފަށާފައިވާ ކަމަށް އައިކިއާއިން ހާމަކުރެއެވެ.

އައިކިއާއިންވަނީ ކުރިއަށްއޮތް 7 އަހަރުތެރޭ އިންޑިއާގެ 30 ސިޓީއެއްގައި އެކުންފުނީގެ ފިހާރަތައް ހުޅުވުމަށް އަމާޒް ހިފާފައެވެ. އައިކިއާގެ ފިހާރައެއް އިންޑިއާގައި ފުރަތަމަ ހުޅުވާފައިވަނީ 2018ވަނަ އަހަރުތެރޭ އިންޑިއާގެ ހައިދުރައާބާދު ސިޓީގައެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރުމަސްތެރޭ މުމްބާއީގައިވެސްވަނީ އައިކިއާގެ ފިހާރައެއް ހުޅުވާފައެވެ.

އަދި މިހާރު މަސައްކަތް ކުރިއަށްދަނީ ބެންގަލޫރު ސިޓީގައި އައިކިއާގެ ފިހާރައެއް ހުޅުވުމުގެ މަސައްކަތެވެ. މި ފިހާރަ ކުރިއަށް އޮތް 12 މަސް ދުވަސްތެރޭ ނިމޭނެ ކަމަށް އައިކިއާއިން ހާމަކުރެއެވެ.

ދާދިފަހުން އައިކިއާއިންވަނީ އިންޑިއާގެ ވެރިކަން ކުރާ ރަށް ނިއުދިއްލީ ކައިރީއޮންނަ ނޮއިޑާއިން ބޮޑު ބިމެއް ގަނެފައެވެ. މި ބިމުގައި އައިކިއާގެ ބޮޑު މޯލްއެއް ތަރައްޤީކުރުމަށް އެކުންފުނިން ވަނީ ނިންމާފައެވެ. މި މޯލް ކުރިއަށްއޮތް 3ވަރަކަށް އަހަރުތެރޭ ހުޅުވިގެންދާނެކަމަށް އައިކިއާއިން ހާމަކުރެއެވެ.

ކޯވިޑާއި ގުޅިގެން އައިކިއާގެ ވިޔަފާރި އިންޑިއާގައި ފުޅާކުރުމަށް ކުރަމުން އައި މަސައްކަތްތައް މަޑުޖެހުނު ނަމަވެސް އައިކިއާގެ އޮންލައިން ވިޔަފާރިވަނީ އެޤައުމުގައި އިތުރަށް ފުޅާވެފައެވެ. އެގޮތުން އިންޑިއާގެ ފުރަބަންދުގެ ދުވަސްވަރު އެޤައުމުގައި އައިކިއާގެ އޮންލައިން ވިޔަފާރިވަނީ ކުރިއަރާފައެވެ. އެގޮތުން އައިކިއާގެ އިންޑިއާގައި ވިއްކާފައިވާ މުދަލުގެ 40 އިންސައްތަ ހިއްސާ ކުރަނީ މިހާރު އޮންލައިން ވިޔަފާރިންނެވެ. ކުރިން މި އަދަދުތައް އުޅެނީ 15 އިންސައްތައިގައެވެ.