މިދިޔަ 24 ގަޑިއިރުތެރޭ 1703 މީހުން ކޯވިޑް19 ވެކްސިން ޖަހައިފިއެވެ.
އެޗްޕީއޭއިން ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރު ވެކްސިން ޖެހުން ކުރިއަށް ގެންގޮސްފައިވަނީ އަތޮޅުތަކުގެ ބައެއް ސެންޓަރުތަކުގައި އެކަންޏެވެ.
މާލެ ސަރަޙައްދުގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްގެންދަނީ ހުކުރު ދުވަސް ފިޔަވައި ހަފްތާގެ އެހެން ހުރިހާ ދުވަސްތަކުގައެވެ. ނަމަވެސް އަތޮޅުތަކުގެ ރަށްރަށުގައި ހުކުރުދުވަހުވެސް ވެކްސިން ޖެހުމުގެ ކަންކަންދަނީ ކުރިއަށްގެންދަމުންނެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގައި ވެކްސިންޖަހާފައި ވަނީ ޖުމްލަ 1703 މީހުންނެވެ. މިއާއިއެކު ރާއްޖެއިން ކޯވިޑް19 ދިފާޢު ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު މިވަނީ 138827 އަށް އަރާފައެވެ.
އަތޮޅުތަކުން އަލަށް ވެކްސިންޖެހި 1703 މީހުންނާއެކު، އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ އަދަދު މިވަނީ 53936 އަށް އަރާފައެވެ. މާލެ ސަރަޙައްދުން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދަކީ 84891 އެވެ. މިހާތަނަށް ރާއްޖޭގައި ކޯވިޑް19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ނިސްބަތް ވަނީ %27އަށް އަރާފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރު އަތޮޅުތަކުގެ 7 ސެންޓަރުގައި ވަނީ ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ.
ވެކްސިންދިނުމުގެ ޕްރޮގްރާމް ރާއްޖޭގައި ފެށީ ފެބްރުއަރީމަހުގެ 1ވަނަ ދުވަހުއެވެ. ފުރަތަމަ ވެކްސިންދޭންފެށީ ކޯވިޑް19ގެ ޙާލަތާ ގުޅިގެން ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނަށެވެ. ނަމަވެސް ފަހުންވަނީ އެކި އުމުރުފުރާތަކުގެ މީހުންނަށް ވެކްސިންދޭން ފަށާފައެވެ.
ރާއްޖޭގައި މިހާރުވަނީ އުމުރުން 18އަހަރުން މަތީގެ އެންމެނަށް ވެކްސިން ޖެހުމުގެ ފުރުޞަތު ހުޅުވާލާފައެވެ. ރާއްޖޭގައި އަދި ދެމުންދަނީ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒްއެވެ. ދެވަނަ ޑޯޒް ޖަހަން ފަށާނީ، ވެކްސިންޖެހި ދުވަހުން ފެށިގެން 8 ހަފްތާ ފަހުންނެވެ.