ޚަބަރު

ހަތިޔާރު ބޭރުކޮށްފައިވަނީ އެކަމުގެ ޒިންމާ މަތިކޮށްފައިވާ މީހެއް!


30 އޮކްޓޯބަރ 2015 ގައި ދިވެހި ފުލުންނާއި ގުޅިގެން ދިވެހި ސިފައިން ހޯދާފައިވާ ބައެއް ހަތިޔާރު އެމްއެންޑީއެފް އިން ބޭރުކޮށްފައި ވަނީ މިކަން ބެލެހެއްޓުމަށް މަތިކުރެވިފައިވާ މީހަކު މި ޤަވާޢިދުތައް ފުނޑުފުނޑުކޮށް ދިވެހި ސިފައިންގެ ޤާނޫނާއި ސިފައިންގެ ކޯޑް އޮފް އެތިކްސް އާއި ޚިލާފްވެ ޣައްދާރުވުމުންކަމަށް އެމްއެންޑީއެފުން ހާމަކުރައްވައިފިއެވެ.

އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގައި ހަތިޔާރު ބެލެހެއްޓުމާއި ހަތިޔާރު ދޫކުރުމާއި ބަލައިގަތުމުގެ ނިޒާމަކީ ޒަމާނުއްސުރެ ވަރަށް ހަރުދަނާ ޤަވާޢިދުތަކާއި އުސޫލްތަކެއްގެ މަތިން ކުރަމުންދާ ކަމެއްކަމަށެވެ. 

އަދި ސިފައިންގެ އާމަރީން ހަތިޔާރު ބޭރުކޮށް، އެ މުޑުދާރު ޢަމަލު ހިންގި ފަރާތެއް ހޯދައި، ޤާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ބޭނުންވާ ތަޙުޤީޤު ކުރަމުންދާކަމަށާއި، އެ މުޖުރިމުންނަށް ޤާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދެވޭނޭކަމަށްވެސް މިބަޔާނުގައިވެއެވެ. 

އަދި ކުރިމަމުގައި މިފަދަ ކަމެއް ތަކުރާރު ވިޔަނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ތަނުގެ ހިންގުމުގެ ނިޒާމަށް ގެންނަންޖެހޭ އިތުރު ބަދަލުތަައް މިހާރު ގެނެވިފައިވާކަމަށް މިބަޔާނުގައިވެއެވެ. 

މިހާރު ތަރުތީބު ކުރެވިފައިވާ ހަތިޔާރު ބެލެހެއްޓުމާއި ހަތިޔާރު ދޫކުރުމާއި ބަލައިގަތުމުގެ ނިޒާމުގެ ދަށުން، ދިވެހި ސިފައިންގެ ޤާނޫނާއި ސިފައިންގެ ކޯޑް އޮފް އެތިކްސް އާއި ޤަވާޢީދުތަކާއި ޚިލާފަށް ހަތިޔާރާގުޅޭ އެއްވެސް ކަމެއް ކުރިމަގުގައި އެއްވެސް ފަރާތަކަށް ނުހިންގޭނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވާކަމަށްވެސް މިބަަޔާނުގައިވެއެވެ.