ޚަބަރު

ހުޅުމާލޭ މެޑިކަލް ފެސިލިޓީ: ކުރާ ޝަކުވާތަކާއި، ދެވޭ ފެންވަރު ނުބައްދަލު


ބަލި މީހުންނާއެކު މެޑިކަލް ފެސިލިޓީގައި މަޑުކުރުމަށް ޢާއިލާތަކުން އެދެމުން އަންނަކަމަށާއި އެކަމުގެ ޝަކުވާތައްވެސް އިތުރުވަމުން އަންކަމަށް ހުޅުމާލޭ މެޑިކަލް ފެސިލިޓީން ވިދާޅުވެއްޖެއެވެ. އެހެންނަމަވެސް މިބަލިމަޑުކަމުގައި ބަލިމީހުންނާއި އެކުގައި މަޑުކުރުމުގެ ހުއްދަ ދެވެނީ ވަކި ޚާއްސަ ޙާލަތްތަކެއްގައި އެކަނިކަމަށް ހުޅުމާލޭ މެޑިކަލް ފެސިލިޓީން ވިދާޅުވެއެވެ.

ކޯވިޑް-19އާއި ގުޅިގެން ބަލި މީހުންނަށް ފަރުވާދިނުމަށް މިދިޔަ އަހަރުގެ ޖޫންމަހުގެ 6 ވަނަ ދުވަހު ސަރުކާރުން ޤާއިމުކުރި އެއް މެޑިކަލް ފެސިލިޓީއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީއެވެ. ކޯވިޑުގައި ޙާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ޤާއިމުކުރި މިމަރުކަޒާ ބެހޭގޮތުން ޙަގީގަތާއި ޚިލާފު އެތައް ވާހަކަތަކެއް ދެކެވޭއިރު މީގެ ޙަގީގަތް ބަލަން ބޭނުންވާ މީހުންވެސް ގިނައެވެ. ބަލި މީހުންނަށް އަޅާނުލާ ވާހަކައާއި ޚިދުމަތުގެ ފެންވަރުގެ ދެރަކަމުގެ ވާހަކަތައް ބައެއް މީހުން ދައްކައެވެ. ޙަގީގަތާއި ޚިލާފު ބައެއް ވާހަކަތައް ދެކެވެމުންދިޔުމާއި ގުޅިގެން ބައެއް ފަރާތްތަކުން މެޑިކަލް ފެސިލިޓީއަށް ދާން ބޭނުން ނުވާކަން ފާހަގަވެފައިވާކަމަށާއި އެގޮތަށް ޢަމަލުނުކުރުމަށް ހުޅުމާލޭ މެޑިކަލް ފެސިލިޓީން އިލްތިމާސްކުރައްވައެވެ.

ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހުޅުމާލޭ ހޮސްޕިޓަލްގެ އެޑްމިނިސްޓްރޭޓަރ ހަސަން ސިނާން ވިދާޅުވީ ހުޅުމާލޭ ކޯވިޑް ފެސިލިޓީއާއި ގުޅޭގޮތުން ގިނަބައެއްގެ ކަންބޮޑުވުން ހުންނަކަމަށެވެ. އެހެންނަމަވެސް ބަލިމީހުންގެ ކަންކަން އެފެސިލިޓީގައި ހަމަޖައްސާފައިވަނީ ޓަރޝިއަރީ ލެވެލްގައިކަމަށް އޭނާ ވިދާޅުވިއެވެ. ބަލި މީހުންނާއި ޢާއިލާތަކުގެ ފަރާތުން ލިބޭ އެންމެ ބޮޑު ކަންބޮޑުވުމަކީ ބަލިމީހާއާއެކު ޢާއިލާ މީހަކަށް ނުހުރެވުމުގެ ޝަކުވާކަމަށް ސިނާން ވިދާޅުވިއެވެ. އެހެންނަމަވެސް ޢާއްމުން ޤަބޫލުކުރަންޖެހޭ ޙަގީގަތަކީ މިއީ ޢާއްމު ބައްޔެއް ނޫންކަމާއި ހުޅުމާލޭ މެޑިކަލް ފެސިލިޓީއަކީ ޢާއްމު ބަލިތަކަށް ޚިދުމަތްދޭ މަރުކަޒެއް ނޫންކަމުގައި ސިނާން ވިދާޅުވިއެވެ.

"ޑޮކްޓަރުން ނިންމާނީ ބަލި މީހާއަކީ ކޮންމެހެން އެހީތެރިއަކު ބޭނުންވާ މީހެއްކަމަށް، އެއާއެކު އަޅުގަނޑުމެން ބަލިމީހާގެ އެހީތެރިޔާއަށް ހުރެވޭނެ އިންތިޒާމު ހަމަޖައްސާނަން."

މެޑިކަލް ފެސިލިޓީއާއި ގުޅޭގޮތުން ޢާއްމުންގެ މެދުގައި ނުތަނަވަސްކަން ވެރިވެ ބައެއް މީހުން ބައްޔަށް ޕޮޒިޓިވްވުމުންވެސް ފަރުވާ ހޯދުމަށް އަންނަން ބޭނުން ނުވާކަން ފާހަގަކުރެވޭކަމަށާއި އެފަދަ ޙާލަތްތަކުގައި ހަގީގަތް ބެލުމަށް އެފެސިލިޓީއާ ގުޅުއްވުމަށް އެދޭކަމަށް ސިނާން ވިދާޅުވިއެވެ.

"އަޅުގަނޑު ބުނެލަން ބޭނުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ޚިދުމަތަކީ ޒަމާނީ ޓަރޝިއަރީ ފެންވަރުގެ ޚިދުމަތެއްކަން. 4 ވަގުތައް ތަފާތު މެނޫތަކަށް ކާތަކެތި ހުންނާނެ، ދެއިރު އެކައްޗެއް ކާކަށް ނުޖެހޭނެ. އިންޑޯ ކުޅިވަރުތަކާއި މީޑިއާ ނެޓުގެ އެހީގައި ކޭބަލް ޓީވީއާއި އުރީދޫގެ އެހީތެރިކަމާއެކު ވައިފައިގެ ޚިދުމަތް ހުންނާނެ ބަލިމީހުންނަށް ލިބެން. ބަލިމީހުންގެ ޙާލަތު ދެނެގަތުމަށް ހަފްތާއަކު 2 ދުވަހު ޖެންޑަރ މިނިސްޓްރީގެ ސައިކޯ ސޯޝަލް ސަޕޯޓް ޓީމުން މެޑިކަލް ފެސިލިޓީއަށް ޒިޔާރަތްކުރޭ"ސިނާން ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ޖޫންމަހުގެ 6 ވަނަ ދުވަހު ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ޚިދުމަތް ފަށާފައިވާއިރު މިވަގުތު އެތަނުގައި 241 އެނދާއި 8 އައިސީޔޫ އެނދާއެކު ޖުމްލަ 249 އެނދުގެ ކެޕޭސިޓީއެއް އެބަހުއްޓެވެ. މިވަގުތުވެސް 171 އަށްވުރެ ގިނަ މީހުންނަށް ފަރުވާ ދެމުން އަންނައިރު އެހީތެރިންގެ ގޮތުގައި 15 މީހަކު އެތަނުގައި އެކޮމޮޑޭޓްކުރެވިފައިވާ ކަމަށް އެފެސިލިޓީއިން މަޢުލޫމާތުދެއެވެ. 24 ގަޑިއިރު ޚިދުމަތުގައި 17 ޑޮކްޓަރުންނާއި 61 ނަރުހުން އަންނަނީ މަސައްކަތްކުރައްވަމުންނެވެ. އަދި މަސައްކަތު މީހުންގެ ގޮތުގައި 46 މީހުންނާއި، ފެސިލިޓީގެ އިދާރީކަންކަން އިންތިޒާމުކުރުމުގައި 4 އެޑްމިން ސްޓާފުންވެސް އަންނަނީ ޙަރަކާތްތެރިވަމުންނެވެ.