ވިޔަފާރި

އަމާނާ ތަކާފުލްއިން ސާޕްލަސްގެ ގޮތުގައި 15 އިންސައްތަ ދެނީ


އަމާނާ ތަކާފުލް މޯލްޑިވްސްއިން މިދިޔަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގައި ކްލެއިމް ކޮށްފައިނުވާ ބައިވެރިންނަށް 15 އިންސައްތައިގެ ސާޕްލަސްއއް ދޭން ނިންމައިފިއެވެ.

މިއީ އަމާނާ ތަކާފުލް އިން ބައިވެރިންނަށް ސާޕްލަސް ދޫކުރާތާ ޖެހިޖެހިގެން 9 ވަނަ އަހަރެވެ.

އަމާނަތަކަފުލް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ތަކާފުލް (އިސްލާމީ އިންޝުއަރަންސް) ތަޢާރަފުކޮށް ޚިދުމަތް ދެމުން އަންނަ ކުންފުންޏެވެ.

އަމާނާތަކާފުލް އިން ދަނީ 2012 ވަނަ އަހަރުން ފެށިގެން ބައިވެރިންނަށް ސާޕްލަސް ބަހަމުންނެވެ. ކޯވިޑް19 ގެ ޕެންޑެމިކްގެ ދަތިތަކާއިއެކުވެސް އަމާނަތަކަފުލްގެ ބައިވެރިންގެ ފަންޑު އިތުރުވެފައިވާކަމަށް އެ ކުންފުނިން ބުނެއެވެ. އެހެންކަމުން 2020 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހަށް %15 ގެ ސާޕްލަސްއެއް ދޭން ނިންމާފައިވާއިރު މިއީ އަމާނާތަކާފުލްގެ ތާރީހުގައި އެންމެ ބޮޑުއަދަދުން ސާޕްލަސް ދޭ އަހަރެއްކަމަށް އެ ކުންފުނިން ބުނެއެވެ.

ރިސްކުފަންޑު ނުވަތަ ތަކާފުލްގައި ބޭނުންކުރާ ގޮތުންނަމަ ތަބައްރު ފަންޑު ހިންގާއިރު ބައިވެރިންގެ ކްލެއިމްތަކަށް ބަދަލު ދީފައި އޭގެ އިތުރުން ރިޒާވްގައި ހުންނަންޖެހޭ އަދަދަށް ފައިސާ ބެހެއްޓުމަށްފަހު އިތުރުވާ ބަޔަކީ ސާޕްލަސްއެވެ. އެގޮތުން ސާޕްލަސް ފައިސާއަކީ އެހެނިހެން އިންޝުއަރަންސް އާއި ތަކާފުލް އިންޝުއަރަންސްގެ އެންމެ ބޮޑު ތަފާތެވެ. މިއީ ފަންޑުގެ ބައިވެރިންނަށް ތަކާފުލްގެ ދަށުން ލިބޭ ފައިދާއެކެވެ.