ވިޔަފާރި

ފަތުރުވެރިކަމުގައި އުޅޭ 8000 ވުރެ ގިނަ މުވައްޒަފުންނަށް ފުރަތަމަ ޑޯޒް


ފަތުރުވެރިކަމުގެ ދާއިރާގެ ފްރަންޓްލައިންގައި މަސައްކަތްކުރާ 8000 އަށްވުރެ ގިނަ މުވައްޒަފުން ކޯވިޑް ވެކްސިން ޖަހައިފިއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކޯވިޑް ވެކްސިން ދޭން ފަށާފައިވަނީ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ.

ރާއްޖޭގައި ކޯވިޑް ވެކްސިން ދިނުމުގެ ޤައުމީ ޕްރޮގްރާމް ފަށާފައިވަނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ ރާއްޖެ އަންނަ ފަތުރުވެރިންނާއި އެންމެ ގާތުން މަސައްކަތްކުރާ ބަޔަކަށްވުމުން ވެކްސިން ޕްރޮގްރާމް ފެށުމާއި އެކި ހާއްސަ ސަމާލުކަމެއް މި ސިނާއަތަށް ވަނީ ދީފައެވެ. އެގޮތުން ވެކްސިން ޕްރޮގްރާމް ފެށިތާ ތިން ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެކްސިން ދޭންވަނީ ފަށާފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 3 ވަނަ ދުވަހާއި ހަމައަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ 8123 މީހަކަށް ވަނީ ވެކްސިން ޖަހާފައެވެ. މީގެތެރޭގައި އެންމެ ގިނަ އަދަދަކަށް ވެކްސިން ޖަހާފައިވަނީ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. މިގޮތުން ރިސޯޓް މުވައްޒަފުންގެ ތެރެއިން 7391 މީހަކަށް ވެކްސިންދިން އިރު ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ 306 މުވައްޒަފަކުވެސް ވަނި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

ސަފާރީތަކުގައި މަސައްކަތްކުރާ 214 މީހަކާއި ހޮޓެލްތަކުން 70 މީހަކާއި ޓްރެވެލް އެޖެންސީތަކުގައި މަސައްކަތްކުރާ 24 މުވައްޒަފަކުވެސް ވަނީ ވެކްސިން ޖަހާފައެވެ. މީގެއިތުރުން ފަތުރުވެރިކަމުގެ ދައިރާގައި މަސައްކަތް ކުރާ 64 ފަންނާނުންނާއި އަދި ޓޫރިޒަމް މިނިސްޓްރީގެ 54 މުވައްޒަފަކުވެސް މި މުއްދަތުގެ ތެރޭގައި ވެކްސިން ޖަހާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ގާތްގަނޑަކަށް 51000 މުވައްޒަފުން ދަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރަމުންނެވެ. އަދި އުންމީދަކީ ވީއެންމެ އަވަހަށް މި ހުރިހާ މުވައްޒަފުންނަށް ވެކްސިން ދިނުންކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.