ކުޅިވަރު

މި މަސް ނިމުމުގެ ކުރިން ދަނޑުމަތިން އޭނާ ފެނުން ގާތް - އިމްރާން


ނޮވެމްބަރު މަސް ނިމުމުގެ ކުރިން ދަނޑުމަތިން ފެނުމުގެ ފުރުސަތު ބޮޑުކަމަށް އަނިޔާގައި ހުރި ގައުމީ ޓީމްގެ ގޯލްކީޕަރ އިމްރާން މުހައްމަދު ބުނެފިއެވެ.މާޒިޔާ އާއި ގައުމީ ޓީމްގެ އެއް ނަންބަރު ގޯލްކީޕަރ އިމްރާންގެ ކަކުލަށް ލިބިފައިވާ އަނިޔާއާއި ގުޅިގެން އޭނާ ކަކުލުގެ އޮޕަރޭޝަން ކޮށްފައިވަނީ މިދިޔަ ޖޫން މަހުގައެވެ. މިދިޔަ މަހު ފީލްޑް ތަމްރީންތަކަށް އިމްރާން ނިކުމެފައިވާއިރު، މިހާރު އޭނާ ހުރީ ފައިނަލް ޓެސްޓްތައް ހެދުމަށް އިންޑިޔާގެ މުމްބާއީގައެވެ. އިމްރާންގެ އޮޕަރޭޝަން ކުރި ޑޮކްޓަރާއި ހަވާލާދީ އިމްރާން ބުނެފައިވަނީ ރިކަވަރީގެ އަށްޑިހަ ޕަސެންޓް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށާއި، އޭނާގެ ރިކަވަރީ މާލޭގައި ކުރިއަށްދާ ގޮތާއިމެދު ހިތްހަމަޖެހުން ފާޅުކޮށްފައިވާކަމަށެވެ. އަދި މުމްބާއީގައި ކުރިއަށްދާ ޓެސްޓްތަކާއި ތަމްރީން ޕްރޮގްރާމްތަކަށްފަހު މާލެއައިސް ޕްރެކްޓިސްތަކުގައި ބައިވެރިވެނޭކަމުގެ އުއްމީދު ބޮޑުކަމަށް އިމްރާން ބުންޏެވެ.ގޯލްކީޕަރ އިމްރާން މުހައްމަދަށް އަނިޔާވެފައިވަނީ ވޯލްޑްކަޕް ކޮލިފައިންގައި ހޮންކޮންގއާއި ދެކޮޅަށް އެގައުމުގައި މިދިޔަ ޖޫންމަހުގައެވެ. ކަނާތު ކަކުލު ހުޅުގެ ޕޮސްޓީރިއާ ކްރުޝިއޭޓް ލިގަމެންޓް (ޕީސީއެލް) އިރައިގެން ދިޔުމުގެ ސަބަބުން، އެ އަނިޔާ އަށް ފަރުވާ ކުރުމަށް އޮޕަރޭޝަންކުރީ މުމްބާއީގެ އަމްބާނީ ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރު ޑިންޝޯ ޕާޑިވާލާއެވެ.